"ތަވައްކުލް": ހުރިހާ ކަންބޮޑުވުމެއްގެ ފަރުވާ ލިބިގަންނަން އެންމެ ފަސޭހަމަގު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
"ތަވައްކުލް": ހުރިހާ ކަންބޮޑުވުމެއްގެ ފަރުވާ ލިބިގަންނަން އެންމެ ފަސޭހަމަގު މިއޮތީ!

ﷲ ތަޢާލާއަށް ވަކީލްކުރުމާއިބެހޭ ގޮތުން ބައެއް މީހުންނަށް އަރާފައިވާ އޮޅުން ސާފުކޮށްލައިދެވޭތޯ މަސައްކަތްކުރާނަމެވެ. ބުއްދީގެ ބޭނުންކޮށްގެން ވިސްނާށެވެ! 

ތަވައްކަލް ކުރުން ނުވަތަ ﷲ ތަޢާލާއަށް ވަކީލްކުރުމަކީ ހުރިހާ ބާވަތެއްގެ ކަންބޮޑުވުމަށް އޮތް އެންމެ ފައިދާހުރި ފަރުވާކަން ޔަޤީންވަނީ ކީއްވެގެންކަމާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. އަދި ވަކީލްކުރުމަކީ ކޮންމެ ކަމެއް ކުރިމަތިވުމުން ކުރެވިދާނެ ކަމެއްކަމާއިމެދު ވެސް ބައެއް މީހުން ސުވާލުކުރެއެވެ. 

ޖަވާބު އެންމެ ބޮޑަށް ޔަޤީންކުރެވޭނީ އެމީހަކު އަމިއްލައަށް ﷲ އަށް ވަކީލްކޮށްގެން ތިބޭ މީހުންނާއި ސުވާލުކުރުމުންނެވެ. އަދި ﷲ ތަޢާލާއަށް ވަކީލްކޮށްގެން ހުންނަ މީހަކަށް އެމީހާގެ ނަފްސް ކޮންޓްރޯލް ނުކުރެވޭ ވަރުގެ މައްސަލަތައް ކުރިމަތިވޭތޯ ނުވަތަ ނޫންތޯ ވެސް ބެލުމުންނެވެ. މިކަންކަން ބަލަންވީ އަމިއްލައަށެވެ. އެއިރުން މީހަކު ބުނާ ވާހަކައެއް ޤަބޫލުކުރުމަށްވުރެ ބޮޑަށް ޔަޤީންކުރެވޭނެތީއެވެ.

ﷲ ތައާލާއަށް އެންމެ ބޮޑަށް ވަކީލްކުރައްވަވައިގެން ހުންނެވީ ރަސޫލް އެވެ. ރަސޫލް އަށްވެސް ކަންބޮޑުވެވަޑައިގަންނަވަންޖެހިވަޑައިގެންނެވި ޙާލަތުތައް ވަރަށް ގިނައިން ކުރިމަތިވެވަޑައިގެންނެވިއެވެ. ވީމާ ވަކީލްކޮށްގެން ތިބޭ މީހުންނަށްވެސް ކަންބޮޑުވުންތައް ކުރިމަތިވާނެކަން މިއޮތީ ވަރަށް ސާފުކޮށް އެނގޭށެވެ. މިކަންކަމުގެ ވާހަކަތައް ކީރިތި ޤުރްއާނުގައި ވަނީ ބަޔާންކުރައްވަވައިފައެވެ. 

ވިސްނާލަންޖެހޭނެ ކަމަކީ ކިތަންމެ ބޮޑު ކަންބޮޑުވެވަޑައިގަތުމަކާއި ކުރިމަތިލައްވަވަން ޖެހިވަޑައިގެންނެވި ނަމަވެސް ރަސޫލް އަށް ސާބިތުކަން ﷲ ތަޢާލާ ދެއްވެވިކަމެވެ. ވީމާ ޔަޤީންކުރަންވީ އަހަރެމެންވެސް ވަކީލްކޮށްގެން ތިބުމުން ސާބިތުކަން ދެއްވަވާނެ ކަމެވެ. 

އެސާބިތުކަން ލިބިގަންނަން ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ތިމާ އާއި ﷲ ތަޢާލާ އާއި ވަނީ ގުޅިފައިކަން ޔަޤީންކުރުމެވެ. ތިމާއަށް ކުރެވޭ ކޮންމެ ކަމެއްގެ އިތުރުން ތިމާގެ ހިތުގެ އުދާސްތައްވެސް ދެނެވޮޑިގެންވާކަން ޔަޤީންކޮށްގެން ހުރުމެވެ. ތިމާއަށް ދެރަ ގޮތެއް މިންވަރު ނުކުރައްވަވާނެކަން ޔަޤީންކޮށްގެން ހުރުމެވެ. 

ތަވައްކުލް ކުރުމަކީ ކޮބާ؟ 

ތަވައްކުލް ކުރުމަކީ ﷲ ތަޢާލާއަށް ވަކީލްކުރުމެވެ. މީހެއްގެ ސަބަބުން ނަމަވެސް ބައެއްގެ ސަބަބުން ނަމަވެސް އަދި އެހެން ގޮތަކުން ނަމަވެސް ތިމާއަށް އެއްވެސް ކަމެއް ކުރިމަތިވެއްޖެނަމަ އެއީ ﷲ ތަޢާލާގެ ޙަޟްރަތުން ތިމާއަށް އައި ކަމެއްކަން ޔަޤީންކުރުމެވެ. އަދި އެކަމަކަށް ކެތްތެރިވެ އެކަމަކުން ސަލާމަތްކުރައްވަވައި ދެއްވަވާނެކަން ޔަޤީންކުރުމުގެ ހިތްވަރު ތިމާގެ ކިބައިގައި ހުރުމެވެ. 

ވަކީލްކުރާ މީހާ ކުރަން އޮތީ ކޮންކަމެއް؟ 

އެއްވެސް ޝައްކެއް ނެތެވެ. ދޫނިވެސް ހާލީގައި ތިބޭނަމަ ރިޒްޤެއް ނުލިބޭނެއެވެ. އެތަކެއްޗަށްވެސް ރިޒްޤް ދެއްވަވަނީ އުދުހިގޮސް ރިޒްޤް ހޯދަން މަސައްކަތްކުރުމުންނެވެ. އިންސާނުންނަށްވެސް އޮތީ ހަމަ މިމަގެވެ. ފުރަތަމަ ކަމަކަށް ދުޢާކޮށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. އެއަށްފަހު އެކަމަކުން އަރައިގަތުމަށް އެމީހަކަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާށެވެ! އެމީހަކަށް ﷲ ތަޢާލާ މަގުފަހިކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން