ދަމުނަމާދު ކުރުމުން ވަރަށް ގިނަ ފައިދާތައް ކުރެއެވެ. ﷲ ތަޢާލާ ގެ ރަޙްމަތާއި އެކަލާނގެ ސުވަރުގެ ޙައްޤުވެގެންދެއެވެ. ފާފަތައްވެސް ފޮލެވިގެން ދެއެވެ.
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
• "يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى إِلَى السَّمَاءِ الدُّنْيَا كُلَّ لَيْلَةٍ حِيْنَ يَبْقَى ثُلُثُ اللَّيْلِ الآخِرُ فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيْبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَه، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ" (متفق عليه.)
މާނައީ: " ކޮންމެ ރެއެއްގެ ތިންބައިކުޅަ ފަހު ބައިގައި މާތް ﷲ ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގެން ބަސްފުޅު ވަޙީކުރައްވާނެތެވެ. ތިމަން އިލާހަށް ދުޢާ ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހެއްގެ ދުޢާ ތިމަން އިލާހު އިޖާބަކުރައްވައި ހުށީމެވެ. ކަމަކަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެމީހަކު އެދޭ ކަމެއް ތިމަން އިލާހު އެމީހަކަށް ދެއްވާ ހުށީމެވެ. ފާފަ ފުއްސެވުމަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހަކަށް ތިމަން އިލާހު ފާފަ ފުއްސަވައި ދެއްވާހުށީމެވެ."
އެހެންކަމުން މި ލިޔުމުގައި މިބަޔާން ކޮށްލަނީ ދަމުނަމާދާ ބެހޭ ބައެއް އަދަބުތަކެވެ.
· ނިދަން އޮށޯންނަމުން ދަމުނަމާދަށް ތެދުވުމަށް ނިޔަތްގަތުން:
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
" مَنْ أَتَى فِرَاشَهُ وَهُوَ يَنْوِي أَنْ يَقُومَ يُصَلِّي مِنَ اللَّيْلِ فَغَلَبَتْهُ عَيْنَاهُ حَتَّى أَصْبَحَ كُتِبَ لَهُ مَا نَوَى وَكَانَ نَوْمُهُ صَدَقَةً عَلَيْهِ مِنْ رَبِّهِ عَزَّ وَجَلَّ "
މާނައީ: "ރޭގަނޑު ތެދުވެ ދަމުނަމާދު ކުރުމަށް ނިޔަތް ގަންނަ ޙާލު ތަންމަތީގައި އޮށޯވެ، ފަހެ ފަތިސްވެއްޖެއުމަށް ދާންދެން ނުހޭލެވި ނިދިފައި އޮވެއްޖެ މީހާ ދަންނައެވެ. އޭނާ ނިޔަތްގަން ކަމެއް އޭނައަށްޓަކައި ލިޔުއްވޭނެއެވެ. އަދި އޭނާގެ ނިދި ވާނީ މާތް ﷲ ގެ ޙަޟްރަތުން އޭނާއަށް ވާ ޞަދަޤާތަކަށެވެ."
· ދަމުނަމާދަށް އަނބިދަރީން ހޭލެއްވުން:
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
رحِمَ اللَّه رَجُلا قَامَ مِنَ اللَّيْلِ، فصلىَّ وأيْقَظَ امرأَتهُ، فإنْ أَبَتْ نَضحَ في وجْهِهَا الماءَ، رَحِمَ اللَّهُ امَرَأَةً قَامت مِن اللَّيْلِ فَصلَّتْ، وأَيْقَظَتْ زَوْجَهَا فإِن أَبي نَضَحَتْ فِي وجْهِهِ الماءَ
މާނައީ: އެމީހަކަށް ﷲ ރަޙްމަތް ލައްވާށިއެވެ! އޭނާ ރޭގަނޑު ތެދުވެ ދަމުނަމާދު ކުރެއެވެ. އަދި އޭނާގެ އަނބިމީހާ ހޭލައްވައެވެ. ފަހެ ހޭނުލައިފިނަމަ އެކަނބުލޭގެ މޫނުމައްޗަށް ފެން ވިހުރުވާލައެވެ. އަދި ﷲ އެއަންހެންމީހާއަށް ރަޙްމަތް ލައްވާށިއެވެ. އެކަނބުލޭގެ ރޭގަނޑު ތެދުވެ ދަމުނަމާދު ކުރެއެވެ. އަދި އެކަނބުލޭގެ ފިރިމީހާ ހޭލައްވައެވެ. ފަހެ ހޭނުލައިފިނަމަ އޭނާގެ މޫނުމައްޗަށް ފެން ވުހުރުވާލައެވެ."
378 من حديث: (رحم اللَّه رجلا قام من الليل فصلى وأيقظ امرأته..) (binbaz.org.sa)
· ކުރު ކުރުކޮށް ދެ ރަކުޢަތުން ދަމުނަމާދު ކުރުން:
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
إذا قامَ أحَدُكُمْ مِنَ اللَّيْلِ، فَلْيَفْتَتِحْ صَلاتَهُ برَكْعَتَيْنِ خَفِيفَتَيْنِ.
މާނައީ: މާނައީ: ތިޔަބައިމީހުން ކުރެ މީހަކު ދަމުނަމާދަށް ތެދުވާއިރު އޭނާގެ ނަމާދު ލުއިލުއި ދެރަކަޢަތުން ފަށާހުށިކަމެވެ."
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)