ސުވަރުގެ ބޭނުންވާ މީހަކަށް ސުވަރުގެ ދެއްވަވާނެކަން ޔަޤީންވާ ސަބަބާ ކުރަން އޮތް 2 ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ސުވަރުގެ ބޭނުންވާ މީހަކަށް ސުވަރުގެ ދެއްވަވާނެކަން ޔަޤީންވާ ސަބަބާ ކުރަން އޮތް 2 ކަންތައް-

ފުރަތަމަ ކަމަކަށް އިންސާނުންގެ ދިރިއުޅުމަށް ބަލާށެވެ! އެމީހަކު ވާން ބޭނުން މީހަކަށް ނުވެވޭނީ މަދުމީހަކަށެވެ. ޙާޞިލްކުރަން ބޭނުންވާ ކަންކަން ނުކުރެވި ހުންނާނީވެސް ވަރަށް މަދުމީހަކަށެވެ. މިބުނަނީ އެމީހެއްގެ ފެންވަރުން އެމީހަކު ކުރަން ބޭނުންވާ ކަންކަމުގެ ވާހަކައެވެ. އެމީހަކަށް ކުރަން  އިޚްތިޔާރުލިބިގެންވާ ކަންކަމުގެ ވާހަކައެވެ. 

ދެން ބަލައިލަންވީ ނަރަކައިން ސަލާމަތްވުމަށާއި ސުވަރުގެ ލިބުމަށެވެ. އެކަމުގައި ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ވަނީ ވަރަށް ފުރިހަމައަށް އިޚްތިޔާރު ދެއްވަވައިފައެވެ. ސުވަރުގެ ލިބެން ބޭނުންވާ މީހުން ކުރަންވީ ކަންކަން އެންގެވުމުގެ އިތުރުން އެކަންކަން ކުރުމުގެ އިޚްތިޔާރުވެސް ވަނީ ދެއްވަވައިފައެވެ. އަދި އެކަންކަން ކުރުމުން ސުވަރުގެ ވައްދަވާނެކަން ﷲ ތަޢާލާ ވަނީ ޤުރްއާނުގައި ބަޔާންކުރައްވަވައިފައެވެ. 

އެހެންކަމަށްވާއިރު އަހުރެމެން ސުވަރުގެ ވަންނަން އިޚްލާޞްތެރިކަމާއިއެކު ބޭނުންވެ އަދި އަހުރެމެންނަށް ދެއްވެވި އިޚްތިޔާރުގެ ބޭނުން ކުރުމުން ސުވަރުގެ ނުދެއްވަވާނެ ކަމަށް ހީކުރަންވެސް ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟ 

އަހުރެން ފަށަމުން މިޘާލެއް މިބަޔާންކުރީ ސުވަރުގެ ދެއްވަވާނެކަމާއިމެދު މާޔޫސްވާ މީހުންނަށް ހިތްވަރަކަށެވެ. އަހުރެންނަށް ވިސްނޭ ގޮތުން އަހުރެމެން ކުރަން ބޭނުންވާ ކަންކަން ދުނިޔޭގައިވެސް ހިންމަވައި ދެއްވަވާކަން ނުވަތަ އެމީހަކަށް ކުރެވޭކަން އެއީ ސުވަރުގެ ހޯދަން މަސައްކަތްކުރާ މީހަކަށް ސުވަރުގެ ދެއްވަވާނެކަން އެނގިގެންދާ ދަލީލެކެވެ. 

ވީމާ ސުވަރުގެ އެދިގެން ކުރަން އަހުރެމެންނަށް މިއޮތީ ދެކަމެކެވެ. ފުރަތަމަ ކަމަކީ ސުވަރުގެ ވަންނަން ބޭނުންވުމެވެ. ދެވަނަ ކަމަކީ އެކަމަށް އެދިގެން މަސައްކަތްކުރުމެވެ. މި 2 ކަންތައް ކުރެވިއްޖެނަމަ އެމީހަކަށް ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން