އަހުރެން ޢާއިލާއަކަށް ޒިޔާރަތްކުރީމެވެ. އެއިރު އެޢާއިލާއިން ތިބީ ވަރަށް ބޮޑު ހިތާމައެއްގައެވެ. އެއީ ގިނަ ދުވަސްތަކަކަށްފަހު އެމީހުންނަށް ލިބުނު ދަރިފުޅަށް މަހެއްވެސްނުވެ ކުއްލި ގޮތަކަށް ނޭވާ ނުލެވި ނިޔާވުމުންނެވެ.
އަހުރެން އެމީހުންގެ ގާތުގައި ބުނީމެވެ. ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށް ކުރިމަތިކުރައްވަވާ އިމްތިޙާންތައް ބޮޑެތިވެފައި ވަރުގަދަވާނެއެވެ. ތިއައިމްތިޙާނަކީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމައަށްވެސް ކުރިމަތިކުރެއްވެވިފަދަ އިމްތިޙާނެކެވެ.
ތިއަފަދަ ކަމެއް ކުރިމަތިވުމުން ތިބާމެންނަށް ކުރިމަތިނުވެ އެމީހުންނަށް ކުރިމަތިވެވުމަށް އެދޭނެ ބައަކުވެސް ތިބޭނެއެވެ. އެއީ ތިއަކަމަށް ކެތްތެރިވުމުން ލައްވަވާނެ ރަޙްމަތުގެ ބޮޑުކަމުންނެވެ. އެރަޙްމަތް އެމީހުންނަށް ލެއްވެވުމަށް އެދޭވަރު ބޮޑުކަމުންނެވެ.
ދަރިން ދެއްވަވަނީވެސް ނުދެއްވަވަނީވެސް ﷲ ތަޢާލާއެވެ. ދެއްވެވުމަށްފަހު ދުނިޔޭގައި ބައިތިއްބަވަނީވެސް އަދި އަނބުރައި ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަވަނީވެސް ﷲ ތަޢާލާއެވެ. އެއިން އެއްވެސް ކަމަކަށް އަހުރެމެން އެއްވެސް މީހަކަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އަދި ކުރަން އޮތް ހަމައެކަނި ކަމަކީވެސް ކެތްތެރިވުމާއި ލެއްވެވި ރަޙްމަތަށް ޝުކުރުވެރިވުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން