ސުވަރުގޭގެ މަތީދަރަޖަ ލިބުމަށް އެދޭ މީހާ ބަދަލުހިފުމެއް ނެތްކަމާ އޮތީ މާފުކުރުންކަން ޤުރްއާނުން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ސުވަރުގޭގެ މަތީދަރަޖަ ލިބުމަށް އެދޭ މީހާ ބަދަލުހިފުމެއް ނެތްކަމާ އޮތީ މާފުކުރުންކަން ޤުރްއާނުން-!

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ބޭނުން ނަމަ، ޢިޒަތް ބޭނުންނަމަ އަދި ސުވަރުގެއިން މަތީ ދަރަޖަ ބޭނުން ނަމަވެސް އެހެން މީހުންނަށް މާފުކުރާ މީހަކަށްވާށެވެ! ޚާއްޞަކޮށް އެމީހެއްގެ އަނބިދަރިންނަށާއި ޢާއިލާގެ މީހުންނަށް މާފުކުރުމަށް އަވަސްވެގަންނާށެވެ!

ބައެއް މީހުން ބޮޑާވެ ފަޚުރުވެރިވެލާފައި އެބަ ބުނެއެވެ! "ޢާއިލާގެ މިވެނި މީހަކަށް މާފެއް ނުކުރާނަމެވެ! އޭނާގެ ކިބައިން ބަދަލުހިފާނަމެވެ. އޭނާވަނީ އަހަރެންނަށް މިވެނި ގެއްލުމެއް ދީފައެވެ!"

މިފަދަ ވިސްނުން ގެންގުޅޭނަމަ އެމީހަކީ ކީރިތި ޤުރްއާނަށާއި ރަސޫލް ﷺ ގެ ސުންނަތަށް ލޯބިކުރާ މީހެއް ނޫނެވެ! އަދި ސުވަރުގެ ލިބުން އެދޭ މީހެއް ވެސް ނޫނެވެ! ސުވަރުގޭގެ މަތީ ދަރަޖަތައް ލިބެންވެސް އެދޭ މީހެއް ނޫނެވެ.

މާފުނުކުރުމާއި ބަދަލު ހިފުމަކީ މުސްލިމުންގެ ކިބައިގައި އެއްވެސް މިންވަރަކަށް ހުރެގެންވާނެ ސިފައެއް ނޫނެވެ! އެއީ އިސްލާމީ ޝަރީޢާ އާއިވެސް ޚިލާފް ކަމެކެވެ. ހަމައެއާއިއެކު މީހަކަށް ގެއްލުމެއް ދިނުމުން ތިބާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއްވެސް ފައިދާއެއް ނުކުރާނެއިރު ޤިޔާމަތް ދުވަހު ކުރިމަތިލާންޖެހޭނީ ހިތާމަތަކާއިއެވެ.

މީހުން ތިބާ ނުރުހޭ ކަންކަން ކުރާނެއެވެ. ގެއްލުންވެސް ދޭނެއެވެ. ހިތްދަތިެސް ކުރުވާނެއެވެ! އެއީ ދުނިޔޭގައި އެކަން ލައްވަވާފައިވާ ގޮތެވެ! ދުނިޔެ ހިނގުމުގެ ނިޒާމުގެ ތެރޭގައި ލައްވަވާފައިވާ ބާބެކެވެ! ވީއިރު އެކަން ކުރިމަތިނުވާނެ ގޮތެއް ހެދޭނީ ކާކަށް ހެއްޔެވެ؟

މީސްތަކުންނަށް މާފުކުރާ މީހާގެ ދަރަޖަ މަތިވެރިކުރައްވަވާނެކަމާއި އޭނާ އިތުރަށް ޢިއްޒަތްތެރިކުރައްވަވާނެކަން ޞަޙީޙް ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ.

"ސުވަރުގެ ތައްޔާރުކުރައްވަވާފައިވަނީ ތަޤްވާވެރިންނަށެވެ. ތަޤްވާވެރިންނަކީ ތަނަވސްކަމުގައްޔާއި ދަތިޙާލުގައި (މުދައު) ހޭދަކޮށް އުޅޭ މީހުންނެވެ. އަދި ރުޅިމަތަކޮށް، ހިފަހައްޓާ މީހުންނެވެ. އަދި މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްސާންތެރިން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އާލް ޢިމްރާން ސޫރަތުގެ 133 އަދި 134 ބަލާށެވެ!)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން