ދަރިންނަސް ކާންބޯން ދިނުމަކުން ނުފުދޭނެ! ދަރިން ބާލިޣްވުމުން މިސްކިތުގެ ޖަމާޢަތަށް ގެންދިއުމަކީ އަދާކުރަންޖެހޭ ވާޖިބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދަރިންނަސް ކާންބޯން ދިނުމަކުން ނުފުދޭނެ! ދަރިން ބާލިޣްވުމުން މިސްކިތުގެ ޖަމާޢަތަށް ގެންދިއުމަކީ އަދާކުރަންޖެހޭ ވާޖިބެއް!

ބައެއް ބެލެނިވެރިންނަށް ވިސްނިފައި އޮންނަނީ ދަރިން ބޭނުންވާ ކަންކަން ކޮށްދެވޭނަމަ ދަރިންގެ ކަންކަން ބެލެހެއްޓުނީކަމަށެވެ. އަދާކުރަންޖެހޭ ޒިންމާތައް އަދާކުރެވި ނިމުނީ ކަމަށެވެ. ނަމަވެސް އެވަރަކުން އަދި ނުފުދެއެވެ.

ފިރިހެން ދަރިން ބާލިޣްވުމުން މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ގެންދިއުމަކީ ބެލެނިވެރިންގެ މައްޗަށް އޮތް ވާޖިބެކެވެ. ކުދިންނަށް މީރު ކާބޯތަކެއްޗާއި ކުޅޭނެ ތަކެތި ހޯދައިދިނުމަށްވުރެ އެ ވާޖިބު އަދާކުރުމުގެ މުހިންމުކަން މާބޮޑެވެ.

ދަރިން ގެންގުޅޭ އެކަނިވެރި މައިންވެސް މިކަމަށް ސަމާލުކަންދޭންވާނެއެވެ! ވީވަރަކުން މިސްކިތަށް ގެންގޮސް ހަދަންވާނެއެވެ! އެހެން މީހުންގެ އެހީތެރިކަން ހޯދައިގެންވެސް ދަރިން މިސްކިތުގައި ކަންތައްތައް ކުރާ ގޮތް ބެލޭތޯ މަސައްކަތްކުރަންވެސްވާނެއެވެ!

ހަމައެއާއިއެކު އަންހެން ދަރިން ލައްވައި ގޭގައި ނަމާދުކުރުވަންވާނެއެވެ. އެންމެ ރަނގަޅީ މައިމީހާ ދަރިން ގޮވައިގެން ނަމާދުކުރުމެވެ. ދަރިން ގާތު ނަމާދުކުރަން ބުނެފައި މައިންބަފައިން ނަމާދު ނުކުރުމަކީ ނުވަތަ ފަހުން ކުރުމަކީ ދަރިންގެ ހިތުގައި ނަމާދަށް ޝައުޤުވެރިކަން ކުޑަވާނެ ކަމެކެވެ. ކޮންމެ ރަނގަޅު ކަމަކަށް ވެސް އެންމެ މުހިންމީ މައިންބަފައިން ނަމޫނާ ދެއްކުމެވެ.

ދަރިން ބެލެހެއްޓުމަކީ ފެންވަރުައި ނަލަހައްދައި މީރުތަކެތި ކާންދީ ސްކޫލަށް ގެންދިއުން އެކަނި ކަމަށް ނުހަދާށެވެ! ނަމާދަށް އަހުލުވެރިކުރުވުމަށްވުރެ މުހިންމު އެއްވެސް ކަމެއް ނުބާއްވާށެވެ! ﷲ ތަޢާލާގެ ޙައްޤުތަކަށް ފުރިހަމަ ގޮތުގަ ރައްކައުތެރިވާށެވެ. އެކަމުގެ ޘަވާބާއި ދަރުމަ ދެއްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން