ޢާއިލާއެއް ހަލާކުކޮށްލައި ޝައިޠޯނާގެ މަގަށް އަނބުރަވަން ޝައިޠޯނާ އެންމެ ފުރަތަމަވެސް ކުރާނެ ކަމަކީ އެއާއިލާއެއް އިސްމީހާއަށް މައްސަލަތައް ކުރިމަތިކުރުވުމެވެ. އެގޮތުން އޭނާއަށް ވަސްވާސްދީ މަގުފުރައްދުވަން މަސައްކަތްކުރާނެއެވެ. އޭނާ ލައްވައި ފާފަތައް ކުރުވައި އޭނާއަށް އާމްދަނީ ލިބެމުން އަންނަ މަގުތައް ބަންދުކުރުވަން މަސައްކަތްކުރާނެއެވެ.
ޢާއިލާތަކުގެ އިސް މީހުން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ! ތިމާއަކީ މުޅި ޢާއިލާއަށް ރިޡުޤް ހޯދައިދިނުމަށް މަސައްކަތްކުރަންޖެހިފައިވާ މީހަކުކަން ހަނދާންކުރަންވާނެއެވެ. ވައްކަމާއި ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ނުކޮށް ހުންނަން މަސައްކަތްކުރަންވާނެއެވެ. އެފަދަ ކަންކަން ކުރުވަން މަސައްކަތްކުރަނީ ކުރުމުން ބޭޒާރުކޮށްލައި އާމްދަނީ ލިބޭ މަގު ބަންދުކުރަން ފަސޭހަވާނެތީއެވެ.
އެއިގެ އިތުރުން ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކޮށް ހުންނަން ވަރަށް ބޮޑަށް މަސައްކަތްކުރަންވާނެއެވެ. ފެންނަ ރީތި އަންހެނުންގެ އަވާގައި ނުޖެހި ހުންނަން މަސައްކަތްކުރަންވާނެއެވެ. ފައިސާ އިސްރާފުވާނެ އެއްވެސް ކަމެއް ނުކޮށް ހުންނަން މަސައްކަތްކުރަންވާނެއެވެ.
ޢާއިލާގެ އިސްމީހާއަށް ޝައިޠޯނާގެ ޙަމަލާތައް އެހައިބޮޑަށް އަމާޒުކުރާ ސަބަބަކީ ދަތި، ނިކަމެތި ޙާލުގައި ޖެހުމުން އަނބިންނާއި ދަރިން ލައްވައި ފާފަކުރުވަން ފަސޭހަވެގެންދާނެތީއެވެ. އެމީހުންގެ ވިސްނުން ﷲ ތަޢާލާގެ މަގުން އެއްކިބާކޮށްލަން ފަސޭހަވެގެންދާނެތީއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިންސާނުންގެ ބަލިފައި ޝައިޠޯނާއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެހެންވެ ބަލިފައިގައި ހިފައި ދަމައިވައްޓާލަން ކުރެވުނުހައި ކަމެއް ކުރާނެއެވެ. އެކަމަކު ބުނަންހެއްޔެވެ؟ ތިބާއަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާ މީހަކު ކަމުގައިވެއްޖެނަމަ ޝައިޠޯނާއަށް ތިބާއާއި ހަމައަކަށް ނުވެސް ޢާދެވޭނެއެވެ. އަންނަން ކިތަންމެ ބޮޑަށް ބޭނުންވިނަމަވެސް ހުންނަން ޖެހޭނީ މާދުރުގައެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން