އަނބިން ކުރާ މަސައްކަތުގެ އަގު ވަޒަންނުކުރުން- އެންމެ ގިނައިން އަނބިން ވަރިވާން ބޭނުންވާ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އަނބިން ކުރާ މަސައްކަތުގެ އަގު ވަޒަންނުކުރުން- އެންމެ ގިނައިން އަނބިން ވަރިވާން ބޭނުންވާ ސަބަބު-

ފިރިންގެ ގާތުގައި އެދިގެން އަމިއްލައަށް ވަރިވި ވަރަށް ގިނަ އަދަދެއްގެ އަންހެނުންނާއި ވާހަކަ ދައްކައި އެމީހުންނަށް ވަރިވާންޖެހުނު ސަބަބު އޮޅުންފިލުވީމެވެ. އެއިގެ ތެރެއިން ކޮންމެ 5 އަންހެނަކުން 4 އަންހެނަކު ބުނެފައިވަނީ އެމީހުން ކުރާ މަސައްކަތުގެ އަގު ވަޒަން ނުކުރުން ކަމަށެވެ. 

މިއީ އިތުރަށް ވިސްނަންޖެހޭ ކަމެކެވެ. ކިތަންމެ ބޮޑު މުސާރައެއް ދީގެން ނޯކަރަކު ގެންގުޅުނު ނަމަވެސް އޭނާކުރާ މަސައްކަތުގެ އަގުވަޒަން ނުކުރާ ކަމުގައިވަނީނަމަ އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަން ބޭނުންވާނީ ވަރަށް މަދު މީހެކެވެ. މުސާރަ ބޭނުންވާތީ މަޑުކޮށްލައިގެން ހުރިނަމަވެސް އެހެން ފުރުޞަތެއް ލިބޭއިރަށް އެމީހާ ބަދަލުވާނެއެވެ. 

އަނބިންނަށްވެސް އެވަނީ މިފަދަ ގޮތެކެވެ. އެމީހުން ކުރާ މަސައްކަތުގެ އަގު ވަޒަންނުކުރާނަމަ ދެވަނަ ވިސްނުމަކަށްދާން ބޭނުންވެވޭނެއެވެ. ތިމާކުރާ މަސައްކަތުގެ އަގުވަޒަންކުރާނެކަމަށް ޔަޤީންކުރެވޭ މީހަކާއި ބައްދަލުވެއްޖެނަމަ ތަޖުރިބާކޮށްލަން ބޭނުންވާނެއެވެ. 

މިއީ އަޅުވެތިކަން ޤަބޫލުކުރާ ޒަމާނެއް ނޫނެވެ. އެމީހަކު ހިތް އެދޭގޮތަކަށް އެމީހެއްގެ ކަންކަން ބަދަލުކުރަން ފުރުޞަތު ވަރަށް ބޮޑަށް ހުޅުވައިލެވިފައިވާ ޒަމާނެކެވެ. އެކަން ފިރިހެނުންވެސް އަދި އަންހެނުންވެސް ޤަބޫލުކުރަންވާނެއެވެ. 

އަހުރެން ބުނާނީ ދެމަފިރިންވެސް އެކެއްގެ އަގު އަނެކަކު ވަޒަންކުރާނަމަ ވަރި ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ. ވަރަށް ގިނަ މައްސަލަތައް ޙައްލުކުރެވޭނެއެވެ. ލޯބި ދިރި ދެމިއޮންނަން ވަރަށް ބޮޑު ބާރަކަށްވެގެންދާނެއެވެ. 

އެކަމަކު މިބުނި ފައިދާތައް ކުރާނީ ވަޤުތު ފާއިތުވެގެން ނުދަނީސް ވިސްނައި ޢަމަލުކުރެވިއްޖެނަމައެވެ. އަނެކާގެ މައްޗަށް ހިތް ކިލަނބުނުވަނީސް ފަރުވާތެރިވެވިއްޖެނަމައެވެ. 

މިއީ އަޅުގަނޑު އަޑުއަހާފައިވާ ވާހަކަކޮޅެކެވެ. ޢިބްރަތްތެރި، އަދި ކައިވެނިތަކަސް ބޭނުންވާ ދިރުން ގެނެސްދޭނެ ވާހަކަކޮޅެއް ކަމަށް ޤަބޫލުކުރެވޭތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ހުށަހަޅައިލީއެވެ. 

- އަލަފް

މިއަދު އޮންލައިން