ޝައިޠޯނާ އޭތީގެ ބައިވެރިންގެ ތެރެއިން އެންމެ މަތީދަރަޖައެއްދީ، ބޮލުގައި ތާޖު ބަހައްޓައިދީ ޖާފަތްދޭ ކަމަކީ ދެމަފިރިއަކު ވަރިކުރުވުމެވެ. ކަމެއް ކުރެވުނުކަމަށް ވަނީ ދެމަފިރިއަކު ވަރިކުރުވުމުންނެވެ. ބޮޑެތި ފާފަތައް ކުރުވުމަށްވުރެ ދެމަފިރިއަކު ވަރިކުރުވުން ޝައިޠޯނާއަސް މުހިންމު ވަނީ ކީއްވެގެން ހެއްޔެވެ؟
އިސްލާމް ދީނުގެ ޙުކުމްތަކަށް ބަލާއިރު ވަރިކުރުމަކީ އަދި ވަރިވުމަކީވެސް ހުއްދަކަމެކެވެ. އަދި އެއިގެ ޒާތަށް ބަލައިފިނަމަ އެއީ ފާފަވެރިވާ ކަމެއް ވެސް ނޫނެވެ. އެހެންކަމަށްވާއިރުވެސް ކައިވެނިތައް ރޫޅުވަން ނުވަތަ ވަރިކުރުވައި ދެމަފިރިން ދުރުކުރުވަން ޝައިޠޯނާ އެހައި ބޮޑަށް ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟
މިއީ ހަމަ ކޮންމެ ދެމަފިރިއަކުވެސް ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ. ދެމަފިރިއަކު ވަރިކުރުވުމުން އެ ޝައިޠޯނެއްގެ ބޮލުގައި ތާޖު ބަހައްޓައިދީ އެ ޝައިޠޯނެއްގެ ޝަރަފުގައި ޖާފަތްދީ އިބިލީސް ހަދަނީ ކީއްވެގެންކަމާއިމެދުގައެވެ.
އެކަމުގެ ޙަޤީޤަތް މިއަދު މިވަނީ ދީނުގެ އިތުރުން ތަފާތު ދިރާސާތަކުންވެސް އެނގިފައެވެ.
1- ކިތަންމެ ތަޤްވާވެރި ދެމަފިރިއަކު ނަމަވެސް ވަރިކުރުވައިފިނަމަ ޝައިޠޯނާގެ ބަހަށް ހައްލުވައި ނުބައި އަމަލުތައް ކުރުވަން މަގުފަހިވާކަން
2- ދަރިން ލިބިފައިވާނަމަ އެދަރިން މަގުފުރައްދައި ފާފަތައް ކުރުވަން އެތައް ގުނައަކުން ފަސޭހަވެގެންދާކަން
3- ނަފްސާނީ ގޮތުން ދެމަފިރިން ބަލިކަށިކޮށް އަޅުކަމާ ދުރުކުރަން ފަސޭހަކުރެވޭނެކަން
4- ދަރިންގެ ކިޔެވުމަށާއި އަޚްލާޤަށް ބާރު ފޯރުވައި ޖާހިލުކުރަން ފަސޭހަވާނެކަން
މިއީ މިއަދު ހަމައެކަނި މުސްލިމުން ދައްކާ ވާހަކަތަކެއް ނޫނެވެ. މުސްލިމުން ނޫން މީޙުންވެސް މިކަންކަމަކީ ކައިވެނި ރޫޅުމުން މެދުވެރިވާ ކަންކަން ކަމުގައި ޤަބޫލުކުރެއެވެ.
ޝައިޠޯނާގެ ޙަމަލާތައް އަމާޒުކުރާ ގޮތް:
1- ކުދިކުދި ކަންކަންވެސް ބޮޑެތި މައްސަލަތައް ކަމުގައި ދެއްކުވުން
2- ހިތުގައި އަނެކާގެ މައްޗަށް ޝައްކު އުފެއްދުވުން
3- މިއީ ބޭކާރު، ކުރިނާރާނެ، އުފާވެރިކަން ނުލިބޭނެ ދިރިއުޅުމެއްކަން ވިސްނައިދިނުން
4- ވަރިވެގެން އެކަނިހުރުންވެސް މާރަނގަޅުވާނެކަން ވިސްނައިދިނުން
5- ކައިވެނިކުރާ މާ ރަނގަޅު، މާބޮޑަށް ލޯތްބާއި އަޅައިލުން ދޭނެ މީހުން އެބަތިބިކަން ވިސްނައިދިނުން
ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެ ކައިވެނި ޙިމާޔަތްކުރެވޭނެ ގޮތް:
1- ގިނަގިނައިން އަޢޫޛް ކިޔައި ޝައިޠޯނާ ފައްސައި ދުރަށްލުން
2- ދެމަފިރިންގެ ލޯބި އިތުރުވާނެ ކަންކަންކުރުން ގިނަކުރުން
3- ކުރެވޭ އެއްވެސް ޝައްކެއްގެ މައްޗަށް ބުރަނުވުން
4- ބައިވެރިޔާގެ ކިބައިގައި ހުރި ރަނގަޅު ސިފަތައް ފާހަގަކޮށް ދެން ލިބޭ ބައިވެރިޔާގެ ކިބައިން އެވަރުވެސް ނުލިބިދާނެކަމާއި މާބޮޑެތި ހިތްދަތިކަން ލިބިދާނެކަމަށް ބިރުގަތުން
5- ކައިވެނި ދަމަހައްޓަން ކުރަން ދީނުގައި ހުރި ހުރިހާކަންކަންކޮށް ހުރިހާ މަރުޙަލާތަކެއް ފުރިހަމަކުރުމުންވެސް މަގެއް ނުފެނުމުން ނޫނީ ވަރިއާއިމެދު ނުވެސް ވިސްނުން
6- މަރުޙަލާތައް ފުރިހަމަނުކޮށް އަވަހަށް ވަރިވާން ހިތްވަރުދޭ މީހުންނާ ދުރުހެލިވުން
7- ދެމަފިރިންގެ މެދުގައި ޖެހޭ ކުދިކުދި މައްސަލަތަކުގެ ވާހަކަ އެއްވެސް މީހަކާ ހިއްޞާ ނުކުރުން
8- ހަސަދަ އާ އެސްފީނާއިން ސަލާމަތްވުމަށްޓަކައި ބައިވެރިޔާގެ ރަނގަޅުވާހަކަ ވަރަށް އިތުބާރު ހިފޭ މީހުން ގާތު ނޫނީ ނުބުނުން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ވީޑިއޯ: ގުޅުންހުރި މި ނަޞޭޙަތް ވެސް އަޑުއަހައިލާށެވެ!
https://www.facebook.com/PowerfulislamicRemindersDaily/videos/129263795760641