މަޣްރިބް ނަމާދު ނުކުރެވި ހުއްޓައި ޢިޝާ ނަމާދުގެ ޖަމާއަތް ފެށިނަމަވެސް ކުރަން ޖެހޭނީ މަޣްރިބްނަމާދެވެ. ޖަމާޢަތުގަ ބައިވެރިވެ މަޣްރިބް ނަމާދު ޤަޞާކުރަން ނިޔަތްގަނެ މަޣްރިބް ނަމާދުގެ 3 ރަކްޢަތް އިމާމް އާއިއެކުގައި ކުރެވިދާނެއެވެ.
3 ވަނަ ރަކްޢަތް ފުރިހަމަކޮށް އައްތިޙިއްޔާތު ކިޔައި ސަލާމް ދޭނީއެވެ. ސަލާމްދޭއިރު ޖަމާޢަތުގެ ނަމާދު ނުނިމޭނަމަ ޢިޝާ ނަމާދަށް ނިޔަތްގަނެ ޖަމާޢަތުގައި ބައިވެރިވެވިދާނެއެވެ.
ނަމާދު އެޅުން ހުއްދަވެގެންވަނީ 2 ޙާލަތެއްގައެވެ. އެއީ ވަގުތުވީންސުރެ ވަގުތު ފާއިތުވިއިރުވެސް ނިދާފައި އޮތުމާއި ހަނދާން ނެތުމެވެ. ވީމާ ފަހުން ދެ ނަމާދު އެކުގައި ކުރަން ހުއްޓައި މަޣްރިބް ނަމާދު ވަގުތު ފާއިތުވެގެން ދިއުމަކީ ނަމާދުއަޅަން އޮތް އުޒުރެއް ނޫނެވެ.
އެހެންކަމާއިއެކުވެސް ނަމާދު ފާއިތުވެއްޖެނަމަ ޤަޟާކުރާށެވެ! ޤަބޫލުފުޅު ކުރެއްވެވުމާއި ނުކުރެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ކޮންމެ ގޮތެއްވީނަމަވެސް ނަމާދުކުރަންޖެހޭނީ ތަރުތީބުންނެވެ. ވީމާ މަޣްރިބް ނަމާދު އަޅައިގެންހުރެ ޢިޝާ ނަމާދެއް ނުކުރެވޭނެއެވެ.
އަދި މަޣްރިބް ނަމާދު އަޅައިގެން ހުރި މީހަކު މިސްކިތަށް އެރީ ޢިޝާ ނަމާދަށް ބަންގިގޮވަނިކޮށް ކަމުގައިވީނަމަވެސް ޢިޝާ ނަމާދުގެ އިހު ސުންނަތް ކުރެވޭނީ މަޣްރިބް ނަމާދުކުރުމަށްފަހު ވަގުތު އޮތްނަމައެވެ.
- މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް، ޝައިޚް އިބްރާހީމް ފަރީދު އަހްމަދު