ކިތަންމެ ބޮޑު ތަޤްވާވެރިއަކަށް ނަމަވެސް ތަޤްވާވެރިވާން ބުނެފިނަމަ ރުޅިނައިސް އުފާކުރަންޖެހޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ކިތަންމެ ބޮޑު ތަޤްވާވެރިއަކަށް ނަމަވެސް ތަޤްވާވެރިވާން ބުނެފިނަމަ ރުޅިނައިސް އުފާކުރަންޖެހޭ ސަބަބު-

ފުރަތަމަވެސް ބަލައިލަންވީ ﷲ ތަޢާލާގެ ވަޙީބަސްފުޅަށެވެ.

"އޭ ނަބިއްޔާއެވެ! ކަލޭގެފާނު ﷲއަށް ތަޤްވާވެރިވެވަޑައިގަންނަވާށެވެ! އަދި ކާފިރުންނާއި، މުނާފިޤުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ." 

"އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުންކަލޭގެފާނަށް އިއްވަވާ ވަޙީއަށް ކަލޭގެފާނު ތަބަޢަ ވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."

(އަލްއަޙްޒާބް: 1،2) 

ފުރަތަމަ އާޔަތުގައިވާ ފުރަތަމަ ބަސްފުޅަށް ވިސްނައިލާށެވެ! އެންމެހައި ޟީސްތަކުންގެ ތެރެއިން އެންމެ ބޮޑަށް އަދި އެންމެ ފުރިހަމަ ގޮތުގައި ތަޤްވާވެރިކަން ލިބިވަޑައިގެން ހުންނެވި އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތަޤްވާވެރިވެވަޑައިގަތުމަށް އެއަންގަވަނީ ﷲ ތަޢާލާއެވެ. 

އަހުރެމެންނަކީ ކޮންބައެއް ހެއްޔެވެ؟ ތަޤްވާވެރިކަން ފުރިހަމަ ގޮތުގައި ލިބިފައިވަނީ ކާކަށް ހެއްޔެވެ؟ އެމީހަކު ނެތްކަމަށް ބުނުމަކީ ކުށް ބަހަކަށް ނުވާނެއެވެ. އެހެންކަމާއިއެކުގައިވެސް އެއްވެސް ކަމަކާއި ގުޅިގެން ތަޤްވާވެރިވާށޭ، ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށޭ މީހަކަށް ބުނެވިއްޖެނަމަ ރުޅި އަންނަ މީހުން އެބައުޅެއެވެ. އެގޮތަށް އެކަން ނުކުރާށެވެ! އެބުނިބަސް ހެޔޮ ގޮތުގައި ބަލައިގަންނާށެވެ! 

އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ. " --އަދި ކާފިރުންނާއި، މުނާފިޤުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ!" އޮތް ބަސްފުޅަށެވެ. މިއަދު ކާފިރުންނާއި މުނޫފިޤުން ރުއްސަން ބޭނުންވާވަރުން އެމީހުން ބުނާހައި ގޮތަކަށް ދީނުގެ ކަންކަންވެސް ބަދަލު އެބަކުރެއެވެ. އެއިރުން ޢަމަލު އެކުރެވެނީ ﷲ ތަޢާލާގެ އެންގެވުމާއި ކަނޑައެޅިގެން ޚިލާފަށެވެ. މިއީވެސް ބިރުވެތިވާންޖެހިފައިވާ ކަމެކެވެ.

ޖެހިގެން އޮތް އާޔަތުގައި އެއޮތީ "އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުންކަލޭގެފާނަށް އިއްވަވާ ވަޙީއަށް ކަލޭގެފާނު ތަބަޢަ ވެވަޑައިގަންނަވާށެވެ!" އޮތުމުން ވިސްނައިލާށެވެ! ޤުރްއާނުގައި އޮތްގޮތް ނޫން ގޮތަކަށް ޢަމަލުކޮށްގެން ޤިޔާމަތް ދުވަހު ސަލާމަތްވެވޭނީ ކިހިނަކުންހެއްޔެވެ؟ 

މިފަދަ ކޮންމެ އަމުރުފުޅަކީވެސް ޢަމަލުކުރުން މަޖުބޫރު ކަންކަމެވެ. ސުވަރުގެ ދެއްވަވާނެ އަޅަކުކަމުގައި ވުމަށް އެދޭނަމަ ކީރިތި ޤުރްއާނުގައިވާ ކޮންމެ އަމުރުފުޅަކަށްވެސް އޮތީ ޢަމަލުކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން