ޤުރްއާނުގައިވާ އެންމެ ވަޙީބަސްފުޅަކާއިމެދު ޝައްކު އުފެދުނަސް އެއީ ވީހާ އަވަހަކަށް ޙައްލުކުރަންޖެހޭނެ ވަރަށް ބޮޑު މައްސަލައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޤުރްއާނުގައިވާ އެންމެ ވަޙީބަސްފުޅަކާއިމެދު ޝައްކު އުފެދުނަސް އެއީ ވީހާ އަވަހަކަށް ޙައްލުކުރަންޖެހޭނެ ވަރަށް ބޮޑު މައްސަލައެއް!

މިވަޤުތު މިއުޅެނީ ކީރިތި ޤުރްއާނާއިބެހޭ ގޮތުން ވާހަކަދައްކާކަށް ނޫނެވެ. އެފޮތުގެ މަތިވެރިކަން ބަޔާންކުރާކަށްވެސް ނޫނެވެ. ކުޑަކުޑަ އެކަމަކު ވަރަށް ބޮޑުކަމެއްގެ ވާހަކަބުނެލާށެވެ!

ބުނެލަން ބޭނުންވަނީ ކީރިތި ޤުރްއާނުގައިވާ އެންމެ ވަޙީބަސްފުޅަކާއިމެދު ޝައްކު އުފެދުނު ނަމަވެސް އެއީ ވަރަށް ބޮޑު މައްސަލައެކެވެ! ޢިލްމުވެރިންގެ އަރިހުން އެކަން އޮޅުން ނުފިލުވައި ނުހުންނާށެވެ! މަގުއޮޅި ނުބައި ޢަމަލެއްވެސް ކުރެވިދާނެތީއެވެ.

ކީރިތި ޤުރްއާނުގެ ތަރުޖަމާ ކިޔުމުންވެސް މާނަ ޔަޤީން ނުކުރެވޭ ބައެއް ބަސްތައް ހުރެދާނެއެވެ. މިސާލަކަށް އެބުނަނީ ކޮންވާހަކައެއްކަން ނުއެނގި ހިނގައިދާނެއެވެ. އެ ޙާލަތުގައި އޮތީ ތަފްސީރުކިޔުމެވެ. ތަފްސީރު ކިޔުމުންވެސް އޮޅުން ނުފިލައި ހިނގައިދާނެއެވެ. އެއީ އެމީހެއްގެ ކިބައިގައި ޢިލްމުވެރިކަން ހުންނަވަރަކުން މެދުވެރިވާ ޙާލަތެކެވެ.

ތިމާއަށް އޮޅުން ނުފިލާނަމަ ޢިލްމުވެރިންގެ ގާތުން އޮޅުންފިލުވަން ފަސްނުޖެހޭށެވެ! ލަދުނުގަންނާށެވެ! ބައެއް ކަންކަމުގައި ޢިލްމުވެރިންވެސް މަޝްވަރާކުރައްވައެވެ. ވީމާ ސުވާލު އުފެދޭ ކަންކަމުގައި އޮޅުންފިލުވަން ސުވާލުކުރަން ލަދުގަތުމެއް ނެތެވެ.

އޮޅުން ނުފިލުވައި ހުރެ ތިމާއަށް ވިސްނޭ ގޮތް ކަމަށް ބުނެ ދެއްކޭ ވާހަކައަކުން ފާފަވެރިވެދާނެއެވެ. އެހެން މީހެއްގެ ހިތުގައި ކިތަންމެ ކުޑަނަމަވެސް ޝައްކެއް އުފެއްދިއްޖެ ނަމައެވެ. ވީމާ މިކަންކަމަކީ ވަރަށް ބޮޑެތި ކަންކަމެވެ.

ކީރިތި ޤުރްއާނަކީ ޚަޒާނާއެކެވެ. ފީނިވަރަކަށް ލިބިގަނެވެން އޮތް ޚަޒާނާއެކެވެ! ފީނުން ގިނަކުރާށެވެ! ފުނަށް ފީނާށެވެ! އެކަމުގެ ފައިދާކުރާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން