ބިޒީކަމުން އަމިއްލަ އަނބިދަރިންގެ ޙާލު ނުބެލޭ މީހާ އެހެން މީހުންގެ ކަންކަން ބަލާނަމަ އެއީ ބޮޑު މައްސަލައެއް! ފުރަތަމަ ޙާލުބަލައި އިޞްލާޙްކުރަންވީ ތިމާގެ ކަންކަން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ބިޒީކަމުން އަމިއްލަ އަނބިދަރިންގެ ޙާލު ނުބެލޭ މީހާ އެހެން މީހުންގެ ކަންކަން ބަލާނަމަ އެއީ ބޮޑު މައްސަލައެއް! ފުރަތަމަ ޙާލުބަލައި އިޞްލާޙްކުރަންވީ ތިމާގެ ކަންކަން-!

މުސްލިމުން ކޮންމެ ކަމެއް ކުރިނަމަވެސް އިސްކުރަންވާނީ ތިމާ އާއި ތިމާގެ އަނބިދަރިންނެވެ. ވީމާ ޙާލުބެލުމުގައިވެސް އިޞްލާޙްކުރަންޖެހޭނީ ތިމާގެ އަނބިދަރިންގެ ކަންކަމެވެ. އެހެނީ އަހަރެމެންގެ މައްޗަށް އެންމެ ފުރަތަމަ ވާޖިބުވެގެންވަނީ އަމިއްލަ އަނބިދަރިންގެ ހާލު ބަލައި އެމީހުންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދިނުމެވެ.

އެހެން މީޙުންގެ ދިރިއުޅުމުގެ ކަންކަން އޮޅުންފިލުވަންވީ ތިމާގެ އަމިއްލަ ދިރިއުޅުމުގައި ހުރި އުނިކަންކަން ދެނެގަނެ އެކަންކަން ރަނގަޅުކުރުމަށެވެ.

ނަމަވެސް ގިނަ ބައަކު "ބިޒީ"ކަން ބޮޑުވެ އެމީހުންގެ އަމިއްލަ ޢާއިލާގެ ކަންކަން ބަލައިލާނެ ވަގުތެއް ނުވެއެވެ. ނަމަވެސް އެހެން މީހުންގެ ދިރިއުޅުމުގެ ކަންކަންހުންނަގޮތް ބަލައެވެ. އެކަންކަމަށް ފާޑުވެސް ކިޔައެވެ. އެކަންކަން ކުރާނެ ވަޤުތުވެސް ލިބެއެވެ.

އެއިގެ އިތުރުން ދުނިޔޭގައި ހިނގާ ހުރިހާ ކަންކަން ބަލަން މަސައްކަތް ކުރެއެވެ. ނަތީޖާއަކަށް ވަނީ އެއްވެސް ކަމެއް އެނގެންވާވަރަށް ނުއެނގުމެވެ. މިއީ މިއަދު ވަރަށް ގިނަ ބައަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.

ދިރިއުޅުމުގައި ކޮންމެ މީހަކަށްވެސް އިތުރަށް އެނގެންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. އެހެން މީހުންގެ ކިބައިން އެފަދަ ކަންކަން ދަސްކުރަންވެސް ވާނެއެވެ. އެއިގެ ބަދަލުގައި އެހެން މީޙުންގެ ދިރިއުޅުމަށް ފާޑުކިޔައި ހަދަންޖެހޭނީ ތިމާގެ އަމިއްލަ ދިރިއުޅުން ފުރިހަމަކޮށްފައެވެ.

މިސާލަކަށް މިވެނި މީހަކު އޭނާގެ އަނބިދަރިންނަށް ކަންކަންކުރަނީ ކިހިނެއްތޯ ބަލައި ފާޑުކިޔުމުގެ ކުރިން ތިމާގެ އަމިއްލަ އަނބިދަރިންނަށް ރަނގަޅަށް ކަންކަން ކޮށްނުދެވޭނަމަ އެކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ އަޚާގެ އަނބިމީހާ ގާތުން އޭނާގެ ފިރިމީހާގެ ކަންކަން އޮޅުން ފިލުވައި އޭނާގެ ފިރިމީހާގެ ހުރި އުނި ސިފަތަކުގެ ވާހަކަ ދެއްކީމާ ތިމާގެ އަނބިދަރިންގެ ކަންކަން ފުރިހަމަކޮށްދެވޭކަމަށްވާނެ ހެއްޔެވެ؟

ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ އެމީހާގެ އަނބިދަރިންނަށް ވީހައި ރަނގަޅަކަށް ކަންކަން ކޮށްދިނުމަށެވެ. އެހެން މީހުންގެ ކަންކަމަށް ފާޑުކިޔައި އިޞްލާޙްކުރަން ނުކުންނަންވީ ތިމާގެ ވާޖިބު އަދާކޮށްފައެވެ. ނޫންނަމަ އެމީހަކީ ފިތުނަ އުފައްދަން މަސައްކަތްކުރާ މީހެއްކަމުގައިވެދާނެކަމުގެ ބިރު ބޮޑެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން