ޤިޔާމަތް ދުވަހު ތިބާއަކީ މިއުންމަތުގެ މީހެއްކަން ރަސޫލް ޞޢޥ އަށް އަންގައިދޭން ކުރަންޖެހޭ ޢަމަލަށް ފަރުވާތެރިވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޤިޔާމަތް ދުވަހު ތިބާއަކީ މިއުންމަތުގެ މީހެއްކަން ރަސޫލް ޞޢޥ އަށް އަންގައިދޭން ކުރަންޖެހޭ ޢަމަލަށް ފަރުވާތެރިވާންޖެހޭނެ!

ވުޟޫކޮށްގެން ކުރަންޖެހޭ ކޮންމެ އަޅުކަމެއްވެސް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނީ ފުރިހަމަ ގޮތުގައި ވުޟޫކޮށްގެން ކުރުމުންނެވެ. އެއިގެ ތެރޭގައި ނަމާދުކުރުން ހިމެނެއެވެ. ވީމާ ވުޟޫކުރަންޖެހޭނީ އެކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވެ ތަރުތީބުންނެވެ. ފެންޖައްސަންޖެހޭ ގުނަވަންތަކުގައި ރަނގަޅަށް ފެންޖައްސައިގެންނެވެ. 

މިކަން މިހެން އޮތުމުގެ އިތުރުން މިއުންމަތުގެ މީހުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފާހަގަކުރެއްވެވޭނެ ގޮތަކީވެސް އެމީހަކު ކުރިވުޟޫއެވެ. ވުޟޫކުރުމުގައި ފެންޖެއްސި ގިނަވަންތަކަށް ﷲ ތަޢާލާ ދެއްވަވާ ނޫރުންނެވެ. 

ވީމާ ދުނިޔޭގައި އުޅުނު އެންމެން ޤިޔާމަތްދުވަހު އެއްތަނަކަށް އެއްކުރައްވަވާފައިވާނެއިރު އެއެންމެންގެ ތެރެއިން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތިބާ ފާހަގަކުރެއްވެވެންވެސް މިއޮތީ ރަނގަޅަށް ވުޟޫކުރިނަމައެވެ. މިއީ ވުޟޫއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ކިހައިމަތިވެރި ޝަރަފެއް ހެއްޔެވެ؟ 

ދެން ނިކަން ވިސްނައިލަބަލާށެވެ! ނިދުމުގެކުރިން ވުޟޫކޮށްފިނަމަ އެމީހަކު ނިދީން ހޭލަންދެން އެމީހަކަށްޓަކައި ހެޔޮދުޢާކުރައްވަވާނެ މަލާއިކަތަކު ﷲ ތަޢާލާ ލައްވަވަތެވެ. މިއީ ވެސް ވުޟޫއަށް ދެއްވަވާފައިވާ ކިހައިބޮޑު އަހައްމިއްޔަތުކަމެއް ހެއްޔެވެ؟ ކިހައި މަތިވެރި ދަރަޖައަކާއި ކިހައި މަތިވެރި ޢިނާޔަތެއްހެއްޔެވެ؟ 

ވީމާ ވީހައި ފުރިހަމައަށް ވުޟޫކުރަން މަސައްކަތްކުރާށެވެ! މިބަޔާންކުރި މިންވަރުންވެސް ވީހައި ފުރިހަމައަށް ވުޟޫކުރަންޖެހޭ ސަބަބުތައް އެނގިގެންދެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން