ޤިޔާމަތް ދުވަހު ތިބާއަށް ފައިދާކުރާނެ އެކުވެރިން މަދުވާނެކަން ޔަޤީންވާއިރު އެކުވެރިން އިޚްތިޔާރުކުރުމުގަ ބަލަންޖެހޭ ބައެއް ކަންކަން-:!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޤިޔާމަތް ދުވަހު ތިބާއަށް ފައިދާކުރާނެ އެކުވެރިން މަދުވާނެކަން ޔަޤީންވާއިރު އެކުވެރިން އިޚްތިޔާރުކުރުމުގަ ބަލަންޖެހޭ ބައެއް ކަންކަން-:!: މުފްތީ މެންކް

އެކުވެރިންނަކީ ކައިބޮއި ހެދުން ފަދައިން ކޮންމެ މީހަކަށްވެސް ބޭނުންވާ ބައެކެވެ. އެކަމަކު ފުރަތަމަވެސް މިބުނީ އެކުވެރިން ބޭނުންވާ ވާހަކައެވެ. ތިމާއަށް ގެއްލޭނެ ހަތުރުންގެ ވާހަކައެއް ނޫނެވެ. ހަށިގަނޑުގައި ހުންނަ ލޭފޮފު ބޮއެ ހުސްކުރާނެ މަދިރީގެ ވާހަކައެއް ނޫނެވެ.

ތިމާ ކުރަން ބޭނުންވާހައި ކަންކަންކޮށް ދުނިޔޭގެ އުފާ ޙާޞިލުކުރަން ރުހިގެން އެކަންކަން ކުރުމަށް ތާއީދުކޮށްގެން ގާތުގައި ތިބޭ މީހުންނަކީ އެންމެ ގާތް އެކުވެރިންކަމުގައި ދެކެގެން ނުވާނެއެވެ. އެހެނީ އެމީހުންނަކީ ޙަޤީޤީ އެކުވެރިނަ ކަމުގައިވާނަމަ އެގޮތަކަށް ޢަމަލެއް ނުކުރާނެއެވެ.

އެކުވެރިން ބެއިތިއްބުމުގެ ބޭނުމަކަށް ހަދަންޖެހޭނީވެސް ތިބާގެ އުނިސިފަތައް އިޞްލާޙްކުރުމެވެ. ފާފަ ކުރުމާއި ދުރުހެލިކުރުވުމެވެ. އެކަންކަމަށް އެހީތެރިނުވާނަމަ އެމީހަކީ ޙަޤީޤީ އެކުވެރިއެއް ނޫނެވެ! ތިބާއަށް ހެޔޮއެދޭ މީހެއްވެސް ނޫނެވެ!

ވީމާ އެކުވެރިން ކަމުގައި ބަލައި ގާތުގައި ގެންގުޅެންޖެހޭނީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކޮށްދޭ މީހުންނެވެ. ކޮންމެ ކަމެއް ކުރަން އުޅުނު ނަމަވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތް ހަނދާންކޮށްދޭ މީހުންނެވެ. ﷲ ތަޢާލާގެ ކޯފާއަށާއި ދެއްވަވައިފާނެ ޢަޛާބަށް ތިބާގެ ހިތުގައި ބިރުވެތިކަން އުފައްދުވަން މަސައްކަތްކުރާ މީހުންނެވެ!

މީސްތަކުން ތިބާ އާއިމެދު ނުބައި ވާހަކަ ދައްކައި ތިބާ ފަޟީޙަތްކުރާނަމަ އެފަދަ މީހުންގެ ކުރިމަތީގައި ތިބާގެ ޙައްޤުގައި ވަކާލާތުނުކުރާ މީހުންނަކީވެސް ތިބާއަށް ހެޔޮއެދޭ މީހުންނެއް ނޫނެވެ. ތިބާގެ ދިފާޢުގައި ޙައްޤު ބަސް ބުނަން ފަސްޖެހޭ މީހުންވެސް އެކުވެރިންގެ ގޮތުގައި ނުގެންގޫޅޭށެވެ!

ކޮންމެ މީހަކުވެސް އެކުވެރިން ބޭނުންވާނެއެވެ! ޤިޔާމަތް ދުވަހު ތިބާއަށް ފައިދާކުރާނީ މިބުނި މަގުން އެކުވެރިން އިޚްތިޔާރުކުރުމުން އެކަންޏެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން