ދަރިން އެދުނަސް ދީނަށް ލޯބި ނެތް މީހަކާ ކައިވެނިކުރުވުމަކީ ދަރިފުޅަށް ދެވޭނެ އެންމެ ބޮޑު އަނިޔާ!: ޔާސްމިން މުޤާބިދް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ދަރިން އެދުނަސް ދީނަށް ލޯބި ނެތް މީހަކާ ކައިވެނިކުރުވުމަކީ ދަރިފުޅަށް ދެވޭނެ އެންމެ ބޮޑު އަނިޔާ!: ޔާސްމިން މުޤާބިދް

އަޅުގަނޑު ވަރަށް ލޯބިވާ މީހަކު ހުރެއެވެ. އެކަމަކު ބައްޕަ ބުނަނީ ވަލީ ނުޑޭނެ ކަމަށެވެ. ސަބަބަކީ އޭނާއަކީ ނަމާދުކޮށް ދީނަށް ޢަމަލުކުރާ މީހަކަށް ނުވުމެވެ. އޭނާ ބުނަނީ ކައިވެންޏަށްފަހު ކަންކަން އިޞްލާޙްކުރާނެ ކަމަށެވެ. އެކަމަކު ބައްޕަވެސް މަންމަވެސް އޭނާގެ ވާހަކަ ޤަބޫލެއް ނުކުރެއެވެ.

މިޙާލަތުގައި ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟  

ކިޔުންތެރިޔާއެވެ! ބައިވެރިޔާދެކެވެސް ލޯބިވާންވީ ﷲ ތަޢާލާއަށްޓަކައެވެ. ﷲ ތަޢާލާއަށްޓަކައި ލޯބިވާންވާނީ ﷲ ތަޢާލާގެ ދީނަށް ޙުރުމަތްތެރިކޮށް ހިތާ މީހަކުދެކެއެވެ. ދެވަނަ ކަމަކަށް ދީނަށް ޢަމަލުކުރުމަކީ ކައިވެނީގެ ފަހުން ނުވަތަ އެމީހަކު ބޭނުން ދުވަހަކުން ކުރަން އޮތް ކަމެއް ނޫނެވެ. އެއީ އަބަދުވެސް، ކޮންމެ ދުވަހަކުވެސް ކުރަންޖެހޭނެ ކަމެކެވެ.  

ކަނބުލޭގެ މައިންބަފައިން އެއަދާކުރަނީ އެމީހުން އަދާކުރަންޖެހޭ އެންމެ ބޮޑު އެއް ވާޖިބެވެ. އެކަމަށްޓަކައި އޮތީ އެމީހުންގެ ބަސް ޤަބޫލުނުކޮށް އެމީހުން ދެކެ ރުޅިއައުމެއް ނޫނެވެ. އެމީހުންނަށް ތަޢްރީފްކުރުމެވެ. ކިޔަމަންތެރިކުރުމަށެވެ. އެމީހުން އެމަސައްކަތްކުރަނީ ކަނބުލޭގެ ނަރަކައިން ސަލާމަތްކުރެވޭތޯއެވެ. 

ތިރީގައިވާ ލިޔުން ކިޔައިލާށެވެ. ވަރަށް ބޭނުންތެރި މަޢުލޫމާތު ލިބޭނެއެވެ. އިން ޝާ ﷲ  

ބައެއް ޢާއިލާތަކުން ދަރިފުޅު ބައިވެރިއަކު އިޚްތިޔާރުކުރުމުން ދަރިފުޅުގެ އުފަލަށްޓަކައި އިސްލާމް ދީނަށް ލޯބި ނެތް ފިރިހެނުންނާއި އެބަ ކައިވެނިކުރުވައެވެ. ދަރިފުޅަށް އުފާވެރިކަން ހޯދައިދިނުމުގެ ބޭނުމުގައެވެ. ނަމަވެސް އަހަރެން ދެކޭ ގޮތުގައި މިއީ ދަރިފުޅަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާއެވެ.  

ކައިވެންޏަކީ ދިރިއުޅުމުގެ ބިންގަލެވެ. މުޅި ޙަޔާތް ބިނާވެގެންދާނީ އެ ބިންގަލުގެ މަތީގައެވެ. ވީމާ އެ ބިންގަލަކީ ވަރުގަދަ ބިންގަލެއް ކަމުގައި ހެދުމަކީ މައިންބަފައިންގެ އެންމެ ބޮޑު އެއް ޒިންމާއެވެ. އެ ޒިންމާ އަދާކުރެވޭނީ އިސްލާމް ދީނުގައިވާ ގޮތަށް ކައިވެނިކުރެވިގެންނެވެ.  

"އޭނާ އަދި މާ ޒުވާން. ބޮޑުވުމުން ދީންވެރިވެސްވާނެ." މިފަދަ ވިސްނުން ބައެއް ޢާއިލާތަކުން ގެންގުޅެއެވެ. ނަމަވެސް ޙަޤީޤަތަކީ ކައިވެނިކުރާ ޢުމުރަށް އެޅޭއިރު އެމީހެއްގެ ކިބައިގައި ދީނަށް ލޯބި ހުންނަން ޖެހޭނެ ކަމެވެ. ހުރިހާ ސުންނަތް ނަމާދުތައް ނުކުރެވުނު ނަމަވެސް ފަރުޟު އަދާކުރާ މީހަކަށްވާންޖެހޭނެ ކަމެވެ. ޚާއްޞަކޮށް ދީނުގައި ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރާ މީހަކަށްވާންޖެހޭނެ ކަމެވެ.  

"ކިތަންމެ ބަލައިގެން ކައިވެނިކުރުވިނަމަވެސް އެބަ ނިކަމެތިކޮށްލާ!" މިއީ ވެސް ބައެއް ޢާއިލާތަކުން ބުނާ ބަހެކެވެ. ޖަވާބަކީ ފަހުން ވާނެ ގޮތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ތިބާގެ ވާޖިބު ތިބާ އަދާކޮށްފައިވާނަމަ ތިބާގެ ކިބައިން މަސްއޫލިއްޔަތު ކެނޑިގެންދާނެއެވެ. ނޫންނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ.  

ހަމައެއާއިއެކު ބެލެނިވެރިން އެންމެ ބޮޑަށް ސަމާލުކަންދޭންވީ އެއްކަމަކީ ދަރިފުޅު ބޮޑުވަމުން އަންނައިރު ބައިވެރިއަކު އިޚްތިޔާރުކުރަން ދަސްކޮށްދިނުމެވެ. "ދީންވެރި ތަޤްވާވެރި، އަޚްލާޤް ރަނގަޅު މީހަކު އިޚްތިޔާރުކުރަން ދަސްކޮށްދިނުމެވެ. ކައިވެނީގެ ކުރިން ދެމީހުންގެ ގުޅުންތައް ބަހައްޓަން ޖެހޭނެ އިންތައް ދަސްކޮށްދިނުމެވެ. އަދި އެކަންކަން ގާތުން ބެލެހެއްޓުމެވެ.  

މިކަންކަމުގައި މައިންބަފައިން ނުވަތަ ބެލެނިވެރިން ފޭލްވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނެއެވެ.  

- ޔާސްމިން މުޤާބިދްގެ ދަރުސަކުން 

 

މިއަދު އޮންލައިން