މިއީ ދެމަފިރިންވެސް ސަމާލުވާންޖެހޭ ކަމެއް!: ސަބަބެއް ނެތި ފާރަލުމަކީ ކުށްކުރަން ޝައުޤުވެރިކަން އިތުރުވާކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
މިއީ ދެމަފިރިންވެސް ސަމާލުވާންޖެހޭ ކަމެއް!: ސަބަބެއް ނެތި ފާރަލުމަކީ ކުށްކުރަން ޝައުޤުވެރިކަން އިތުރުވާކަމެއް!

ހަނދާނުގަ ބަހައްޓާށެވެ! އެއްވެސް ސަބަބެއް ނެތި ދެމަފިރިން ނަމަވެސް އެކަކު އަނެކަކަށް ފާރަލުމަކީ ވަރަށް ނުރައްކައުތެރިކަން ބޮޑުކަމެކެވެ. ފާރަލާކަން އެނގުމުން ކުށް ކުރަން ހިތްވަރު އިތުރުވާނެއެވެ. ހިތަށް އަރާނެއެވެ. "މިހައި ތެދުވެރިކޮށް އިންނަ، ހުންނައިރުވެސް ، އުޅޭއިރުވެސް އެއްވެސް ވަރަކަށް އިތުބާރެއް ނުކުރިއެވެ. ތެދުވެރިވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟" 

އެއްވެސް މީހަކަށް ފާރަލާންވާނީ ކޮންމެވެސް ސަބަބެއް އޮވެގެންނެވެ. އެއްވެސް ސަބަބެއް ނެތި އެއްވެސް މީހަކަށް ފާރަލައިގެން ނުވާނެއެވެ. އެހެނީ ފާރަލާކަން އެނގުމުން ދޭހަވެގެންދަނީ އިތުބާރުނުކުރާކަމެވެ. އިތުބާރު ނުކުރަން ޖެހޭ ސަބަބެއް ފެންނަންދެން ކޮންމެ މީހަކަށްވެސް އިތުބާރުކުރަންވާނެއެވެ. 

އެއިގެ މާނައަކީ ރައްކައުތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނުއެޅުމެއް ނޫނެވެ. ދެމަފރިންގެ ތެރެއިން އެކަކު، ފިރިމީހާ ނަމަވެސް އަދި އަނބިމީހާ ނަމަވެސް ވަކިން ބޭރަށްދާނަމަ ބޭރަށް ތަނަކާއި ބޭނުމާއިމެދު ސުވާލުކުރުމަކީ ކުރަން ރަނގަޅުކަމެކެވެ. މީހަކާއި ފައިސާ ޙަވާލުކުރާނަމަ އެއިން ޚަރަދުކުރާ ގޮތް ބަލަހައްޓަންވާނެއެވެ. ޚަރަދުކުރި ގޮތާއިމެދު ސުވާލުކުރަންވާނެއެވެ. ފިހާރައެއްގެ ވަތްގަނޑު ހަވާލުކުރާނަމަ ލިބޭ ފައިސާ ހަމައަށް ވަތްގަނޑަށް ވަންނަކަން ކަށަވަރުކުރަންވާނެއެވެ. 

މިބުނި މަގުން ކަންކަން ބެލެހެއްޓުމަކީ ފާރަލުމެއް ނޫނެވެ. އިތުބާރު ނުކުރުމެއްވެސް ނޫނެވެ. އެަންކަން ބެލެހެއްޓުމަކީ ދީނީ ގޮތުންވެސް ވާޖިބު ކަމެކެވެ.  

ހަމަ އެއާއިއެކު ބުނަމެވެ. ތެދުވެރިވާންވީ އެއްވެސް މީހަކަށްޓަކައެއް ނޫނެވެ. ﷲ ތަޢާލާއަށްޓަކައެވެ. ކޮންމެ ކަމެއްގައިވެސް ތެދުވެރިވުމުން އެމީހަކަށް އެކަމަށް ދެއްވަވާނެ ޘަވާބު ދެއްވަވާނެތީއެވެ. އާޚިރަތް ދުވަހު އެކަމުގެ ފައިދާކުރާނެތީއެވެ. 

ޖާސޫސްކުރުން ﷲ ތަޢާލާ ވަނީ ނަހީކުރައްވަވައިފައެވެ. އެއީ އިސްލާމް ދީނުގައި ޙަރާމް ކަމެކެވެ. ޖާސޫސްކޮށްގެން އެހެން މީހުންގެ ކުށް ހޯދަން އުޅުމަށްވުރެ ހުރިހާ ގޮތަކުންވެސް ފައިދާކުރާނީ ތިމާއަސް ކުރެވޭ ކުށްތައް ކުރުން ހުއްތައިލުމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން