- މުޙައްމަދު ލަޠީފު ޢަލީ -
الحمد للّه رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، نبيّنا محمد وعلى آله وصحبه أجمعين، ومن تبعهم بإحسان إلى يوم الدين.
ލޮބުވެތި އަޚުންނާއި، އުޚްތުންނޭވެ! ރާއްޖޭގެ އަދުގެ ޙާލަތާމެދު ހެޔޮގޮތުގައި ވިސްނައި ފިކުރުކޮށް އަމިއްލަ މަޞްލަޙަތާއި، އަމިއްލަ ޕާޓީގެ މަޞްލަޙަތަށާއި، އެނޫންވެސް އެންމެހައި މަޞްލަޙަތުތަކަކަށްވުރެ ޢާންމު މަޞްލަޙަތާއި، ޤައުމުގެ މަޞްލަޙަތު އިސްކުރަން ޖެހެއެވެ.
2023ގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާއިރު، ތިމާއަށް ލިބޭ އަދި ލިބޭނެ ދުނިޔޭގެ ކެހިވެރި މަންފާއަކާއި އާމުދަނީއަކަށްވުރެ ޤައުމުގެ މަޞްލަޙަތު ބޮޑަށް އިސްކޮށް، ވޯޓުލުމުގެ ޙައްޤު ފުރިހަމަ ގޮތުގައި އަމާނާތްތެރިކަމާއެކު އަދާކުރުން ލާޒިމުވެގެން ވެއެވެ. ވޯޓުލުމަކީ، ތިމާއަށް ލިބިގެންވާ ޙައްޤަކަށްވުރެ ބޮޑަށް އަދާކުރަންޖެހޭ އަމާނާތެކެވެ. އެއީ، ޤިޔާމަތް ދުވަހު، މާތް ﷲ ގެ ޙަޟްރަތުގައި ދޭންޖެހޭނެ ހެކި ބަހެކެވެ. އެދުވަހުން އެކަމާމެދު ސުވާލު އަންނާނެކަމާމެދު ޝައްކެއް ނެތެވެ.
އިންތިޚާބުތަކާ ގުޅިގެން فضيلة الشيخ الدكتور محمد موسى الدالي - حفظه الله – އާ މީހަކު ކުރި ސުވާލަކާ ގުޅިގެން އެއަށް ދެއްވާފައިވާ ޖަވާބުގެ ދިވެހި ތަރުޖަމާއެއް މިތާނގައި ބަޔާންކޮށްލަދޭނަމެވެ.
ސ. އަޅުގަނޑަކީ، އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކު ހޮވަން އެދޭ މީހަކަށްނުވާއިރު، އެއިން ކެންޑިޑޭޓަކު ހޮވުމަށްޓަކައި އޭގެ ބަދަލުގައި ފައިސާގެ އެހީއެއް ހޯދިދާނެތޯއެވެ؟
ޖ. ޙަމްދު ޞަލަވާތަށްފަހު، ދަންނަވަމެވެ. ވޯޓުދީ، މީހަކު އިންތިޚާބު ކުރުމަކީ އެ މީހަކާމެދު ހެކިބަސް ދިނުމުގެ ތެރެއިން ވާކަމެކެވެ. އެހެންކަމުން ޙައްޤު ގޮތް ތިބާ އިޚްތިޔާރު ކުރާށެވެ! އެނޫން ގޮތެއް އިޚްތިޔާރު ނުކުރާށެވެ!
ޟަޢީފު ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ. {أَنَّ اَلنَّبِيَّ - صلى الله عليه وسلم - قَالَ لِرَجُلٍ: تَرَى اَلشَّمْسَ؟ قَالَ: نَعَمْ. قَالَ:عَلَى مِثْلِهَا فَاشْهَدْ، أَوْ دَعْ} މާނައީ: "ހަމަކަށަވަރުން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ތިބާއަށް އިރު ފެނޭ ހެއްޔެވެ؟ އެމީހަކު ދެންނެވިއެވެ. އާދޭހެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ. އެފަދައިން ފާޅުވެ، ސާފުކޮށް އެނގޭކަންކަމުގައި ތިބާ ހެކިދޭހުށިކަމެވެ. ނުވަތަ ހެކި ނުދީ ދޫކޮށްލާހުށިކަމެވެ." އެހެންކަމުން، ކެންޑިޑޭޓުންގެ ތެރޭގައި އެމީހެއްގެ ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި، އަމާނާތްތެރިކަމުން މީސްތަކުންނަށް އެންމެ ފައިދާ ކުރާނެ މީހާ އިންތިޚާބުކޮށް އެމީހަކާއެކު ތިބާހުރުން ހުއްޓެވެ. އެއީ، އެކަމުން ޙައްޤަށް ނަޞްރުދެވޭތީއެވެ. އެއީ، ކޮންމެ ޙާލެއްގައިމެ މުސްލިމު މީހާގެ ކިބައިން އެދެވިގެންވާ ކަމެކެވެ. އަދި އެކަމަށް އެކަށީގެންވާމީހާ އިންތިޚާބުކުރުމަށް ވޯޓު ނުދިނުމުން، ނުބައި ފާސިދު މީހާ ހޮވިދާނެކަން ތިބާއަށް އެނގޭނަމަ، ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު މީހާ ހޮވުމަށް ވޯޓުދިނުން އެހިނދު، ތިބާގެ މައްޗަށް ވާޖިބުވެގެން ވެއެވެ. އަދި އެކަމަށް ފަސްޖެހިހުރުން ތިބާއަށް ޖާއިޒުވެގެން ނުވެއެވެ.
އެހެނެއްކަމަކު، ވޯޓުލެވޭ މީހުންގެ ކަންކަން ސާފުނުވެ، އޮޅުން ބޮޅުންވެ، ރަނގަޅު މީހާއާއި، ނުބައި ފާސިދު މީހާ ދެނެގަތުންފަދަ ކަންކަން ނޭނގި، ވޯޓުލުމުގެ ނިޔަތެއް ނެތް މިހާ، އެއާ ދުރުވުން، އޭނާގެ މައްޗަށް އޮތް މައްސަލައަކަށް ނުވުމަށް އަހުރެން އެދެމެވެ.
ނަމަވެސް ވަކި ކެންޑިޑޭޓަކަށް ވޯޓުލުމުގެ ބަދަލުގައި މުދަލާއި، ފައިސާ ހޯދުމަކީ އެންމެ ނުބައި މުޑުދާރު ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ، ޢާންމު މަޞްލަޙަތަށްވުރެ ތިމާގެ އަމިއްލަ މަޞްލަޙަތު އިސްކޮށް، ރިޝްވަތުގެ އެހީ ލިބުނީތީ ހެވާއި، ނުބަޔަށް ބެލުމެއްނެތި ވޯޓު ދިނީތީއެވެ. އަދި އެގޮތަށް ކަންތައް ކުރުމުން ނުބައި ފާސިދު މީހާ ހޮވުން އެކަށީގެންވާތީވެސްމެއެވެ. އަދި ކިއެއްތަ! ފަހަރުގައި ކުރިން އެހީ ލިބިގަތް މީހާއަށްވުރެ، އެހެން މީހަކު އެހީތެރިކަން އިތުރަށް ދީފިނަމަ، އެހީތެރިކަން ބޮޑުކޮށް ދިން މީހާ ހޮވުމަށް އެމީހަކު ވޯޓު ދީފާނެތެވެ. އަދި އެގޮތަށް ތިބާ ޢަމަލުކޮށްފިނަމަ، ތިބާގެ އެ ޢަމަލު ވެގެންދާނީ ކުރީގެ ޢަމަލަށްވުރެވެސް، ހަޑިމުޑުދާރު، ނުބައިކަން ބޮޑު ޢަމަލަކަށެވެ. ދަންނާށެވެ! އެކަން ވެގެންދާނީ، ރިޝްވަތު ހިފުމާއި، ބާޠިލުގޮތުގައި މުދާ ކެއުމުގެ ތެރެއިންނެވެ. އެއީ، އަމާނާތަށް ޚިޔާނާތްތެރިވުމެކެވެ. އަދި ނުބައި ފާސިދު މީހުންގެ ނުބައި ޢަމަލުތަކަށް ހިތްވަރު ދިނުމެކެވެ. އެގޮތަށް ކަންތައް ކުރުމުން ރިޝްވަތު ހިފުމާއި، ފާފަވެރިވުމާއި، އަނިޔާވެރިވުމާއި، އަމާނާތަށް ޚިޔާނާތްތެރިވުމާއި، ދޮގު ހެކި ދިނުންފަދަ ކަންތައް އެކަމުގައި އެވަނީ އެކުލެވިފައެވެ. އެހުރިހާ ކަމަކީ އިސްލާމްދީނުގައި ޙަރާމްވެގެންވާ ކަންތައްތަކެވެ.
އަދި އެންމެ އެކަށީގެންނުވާ މީހާ އިންތިޚާބުކޮށްފިނަމަ ވާނީ، ކަމަށް އެކަށީގެންނުވާ މީހާއާ ކަން ޙަވާލުކުރި ކަމަށެވެ. ހަމަކަށަވަރުން، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. (إِذَا ضُيِّعَتِ الأَمَانَةُ، فَانْتَـظِرِ السَّاعَةَ" قَالَ: كَيْفَ إِضَاعَتُهَا؟ قَالَ: "إِذَا وُسِّدَ الْأَمْرُ إِلَى غَيْرِ أَهْلِهِ فَانْتَـظِرِ السَّاعَةَ" ((رواه البخاري)). މާނައީ: "އަމާނާތްތެރިކަން ނަގާލެވިއްޖެ ހިނދު، ޤިޔާމަތްވުމަށް އިންތިޒާރު ކުރާށެވެ! ޞަޙާބީ ބޭކަލަކު ދެންނެވިއެވެ. އަމާނާތްތެރިކަން ނަގާލެވޭ ގޮތަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކަންކަން އެކަންކަމުގެ އަހުލުވެރި ނޫން މީހުންނާ ޙަވާލުކުރެވޭ ހިނދެވެ. ފަހެ، އެހިނދު ޤިޔާމަތްވުމަށް ތިބާ އިންތިޒާރު ކުރާށެވެ!" ދަންނާށެވެ! އެކަން އިތުރަށް ހަޑި މުޑުދާރުވެގެންދާނީ އިންތިޚާބަށް ކުރިމަތިލާފައިވާ މީހުންގެ ތެރޭގައި ވޯޓުދީގެން ހޮވާ މީހާއަށްވުރެ އެކަމަށް އައުލާކަން ބޮޑު މީހަކު ކެންޑިޑޭޓުންގެ ތެރޭގައި ވާނަމައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "مَنِ اسْتَعْمَلَ رَجْلاً مِنْ عِصابَةٍ، وَفِي تِلْكَ الْعِصَابَةِ مَنْ هُوِ أَرْضَى لِلَّهِ مِنْهُ، فَقَدْ خَانَ اللهَ وَخَانَ رَسُوْلَهُ وَخَانَ الْمُؤْمِنِيْنَ "މާނައީ: "ބަޔަކުމީހުންގެ ތެރޭގައި ﷲގެ ޙަޟްރަތުގައި ރުހިވޮޑިގަތުން ބޮޑު މީހަކުވަނިކޮށް، އެމީހާ ދޫކޮށް، އެމީހުންގެ ކަންކަމަށް އެނޫން މީހާ އިސްކޮށްފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހަކު އެވަނީ، ﷲ އަށް ޚިޔާނާތްތެރިވެފައެވެ. އަދި އެކަލާނގެ ރަސޫލާއަށް ޚިޔާނާތްތެރިވެފައެވެ. އަދި މުއުމިންތަކުންނަށްވެސް ޚިޔާނާތްތެރިވެފައެވެ."
ދަންނާށެވެ! ބަޔާންވެދިޔަ ނުބައިކަން ބޮޑު އެންމެހައި ކަންކަމަކީ، ޖުމްލަ ގޮތެއްގައި އަންނަނިވި އާޔަތުގެ ތެރެއަށް ވަދެގެންދާ ކަންކަމެވެ. މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنتُمْ تَعْلَمُونَ﴾ މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ ތިޔަބައިމީހުންގެ މައްޗަށް ކުރުން ވާޖިބު ކުރައްވަފައިވާ ކަންތައްތައް ނުކޮށް ދޫކޮށްލުމުންނާއި، މަނާ ކުރައްވާފައިވާ ކަންތައްތައް ކުރުމުން ތިޔަބައިމީހުން ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ޚިޔާނާތްތެރިނުވާށެވެ! އަދި ތިޔަބައިމީހުންނާ ޙަވާލުކުރެއްވިފައިވާ އަމާނާތްތައް އަދާކުރުމުގެ ވާޖިބުކަން އެނގި ތިބެ އެއަށް ޚިޔާނާތްތެރިނުވާށެވެ." ދަންނާށެވެ! އިންތިޚާބުކުރުމަށް އެންމެ އެކަށިގެންވާ މީހާ ދޫކޮށް، އެނޫން މީހާ ދޭ ފައިސާއާއި މުދަލާއި ޖާހާއި މަންސަބަށްޓަކައި އެމީހާ ހޮވުމަށް ވޯޓުދިނުމާއި، އަދި އެންމެ އެކަށީގެންވާ މީހާ އިންތިޚާބުކުރުމަށް ވޯޓު ނުލާ ހުރުމުގެ ޙަރާމްކަން އިސްވެ ބަޔާންވެދިޔަ ވާހަކަތަކުގައި ހާމަވެގެން ހިނގައްޖެއެވެ. ލޮބުވެރި އަޚާއެވެ! ނުރައްކާތެރި އެކަސިޔާރުވުމުން ތިބާ ބިރުވެތިވެ ރައްކާތެރިވާށެވެ! މާތް ﷲ އަށްޓަކައި ތިބާ މަސައްކަތް ކުރާށެވެ! ކޮންމެ ކަމެއްގައިމެ ނިޔަތް ޚާލިޞްކުރާށެވެ! އޭރުން، ދުނިޔެއާއި، އާޚިރަތުގެ ބާއްޖަވެރިކަމުގެ މަގަށް ތިބާއަށް ވާޞިލުވެވޭނެއެވެ. އަދި ޔަޤީންކުރާށެވެ! މާތް ﷲ އަށްޓަކައި މީހަކު ދޫކޮށްލި އެއްޗެއްގެ ބަދަލު، އެއަށްވުރެ ހެޔޮކޮށް މާތް ﷲ އެމީހަކަށް ދެއްވާނެތެވެ. އަދި ޙައްޤު ނޫން މީހާއަށް ވޯޓުލައި ފައިސާއާއި މުދާ ހޯދިކަމަށްވަނީނަމަ، އެއިން ތިބާ އަވަހަށް ސަލާމަތްވާށެވެ! އެއިން ސަލާމަތްވުމުގެ ނިޔަތުގައި މުސްލިމުންނަށް ފައިދާހުރި ކޮންމެވެސް ކަމެއްގައި އެތަކެތި ހޭދަކޮށްގެންނެވެ. ﷲ އަށް ކުއްތަންވުމުގެ ނިޔަތުގައެއް ނޫނެވެ. ފަހެ، ހަމަކަށަވަރުން، މާތް ﷲ ރިވެތިވެވޮޑިގެންވެއެވެ. ރިވެތި ރަނގަޅު ކަމެއް މެނުވީ އެކަލާނގެ ޤަބޫލުނުކުރައްވަތެވެ. " އަޅުގަނޑުމެންނީ އަޅުގަނޑުމެންގެ މަޞްލަޙަތަށްވުރެ އަޅުގަޑުމެންގެ ދީނާއި، ޤައުމުގެ މަޞްލަޙަތު އިސްކުރާ ބަޔަކުކަމުގައި ލައްވާނދޭވެ! އަދި އަޅަމެންނީ ހެޔޮ ބަސްއަހައި، ހެޔޮ ބަސް ޤަބޫލުކުރާ ބަޔަކުކަމުގައި ލައްވާނދޭވެ!!
وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.
(މިއީ އިސްލާމީ މަރުކަޒުގެ ކުރީގެ އިސް އިމާމް ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް މިއަދުނޫހާއި ޙިއްބާ ކުރައްވާފައިވާ ލިޔުމެއް އެއިގެ އަޞްލާއި އެއްގޮތަށެވެ.)