ނަމާދަށް ހުންނައިރު ސައްތައިން ސައްތަ ޚުޝޫޢަތްތެރިވެވޭނީ ވަރަށް މަދު މީހަކަށެވެ. އެކަން އެހައި ބޮޑުވަނީ ޖެހިގެން ތިބޭ މީހުންގެ ޢަމަލުތައްވެސް ހުންނަ ގޮތުންނާއިވެސް އެކުގައެވެ. އުނދަގޫވާގޮތަށް ބައެއް ކަންކަން ކުރެވޭތީއެވެ.
މިފަދަ ސަބަބުތަކަށްޓަކައި ބައެއް މީހުން ޖަމާޢަތުގައި ނަމާދުކުރަން ފަސްޖެހެއެވެ. އެކަނިހުރެ ނަމާދުކުރަން ބޭނުންވެއެވެ. އެކަމަކު ބުނަންހެއްޔެވެ؟ ކޮންމެ ގޮތަކަށް ކަންކަން ހުރިނަމަވެސް ޖަމާޢަތުގައި ނަމާދުކުރާށެވެ. ފިރިހެނުން ފަރުޟު ނަމާދުތައް ކުރަން އޮތީ ޖަމާޢަތުގައެވެ.
ދެން ބުނެލަން ބޭނުންވަނީ ތަކްލީފްތަކާއިއެކުވެސް ޖަމާޢަތުގެ ނަމާދަށް ރައްކައުތެރިވާނަމަ އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. ﷲ ތަޢާލާގެ ރަހްމަތުގެ ސަބަބުން އެމީހާ ކުރި ނަމާދު ޤަބޫލުފުޅު ކުރައްވަވާނެތެވެ. އިން ޝާ ﷲ
އަހުރެމެން ކޮންމެ މީހަކަސް ނަމަވެސް ކުރިމަތިވާ ހުރިހާ ކަމެއް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެމީހާގެ ނިޔަތާއި އެކަމެއް ވީހައި ފުރިހަމައަކަށް ކުރަން މަސައްކަތްކުރި މިންވަރުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެކަންކަމަށް ޙައްޤު މިންވަރަށް ރަހްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން އިޚްލާޞްތެރިކަމާއިއެކު ކުރާ އެއްވެސް ޢަމަލެއް ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ. އަހުރެމެންނަށް އޮތީ ވީހައި ބޮޑަށް އިޚްލާޞްތެރިވެ ވީހައި ފުރިހަމައަށް އަޅުކަންކުރަން މަސައްކަތްކުރުމެވެ. ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން