އަނބިދަރިން، މައިންބަފައިން ބަލިވުމުން ޑޮކްޓަރަށް ދެއްކުމުގަ އިހްމާލްވާ މީހުންނަށް މުހިންމު ނަޞޭޙަތެއް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އަނބިދަރިން، މައިންބަފައިން ބަލިވުމުން ޑޮކްޓަރަށް ދެއްކުމުގަ އިހްމާލްވާ މީހުންނަށް މުހިންމު ނަޞޭޙަތެއް-!

އަހުރެމެންގެ މިހާރުގެ ކަންކަން ހުރި ގޮތުން އަނބިން، ދަރިން، މައިން ބަފައިން އަދި އެނޫންވެސް ދަތިޙާލެއްގައިވާ މީހަކަށް އެހީތެރިވެދިނުން ހަދަނީ ހަމަޖެހިލައިގެން ވަޤުތުވީއިރަކުން ކުރާކަމަކަށެވެ. މީގެތެރޭގައި އަނބިން، ދަރިން، މައިންބަފައިން ބަލިވުމުން ޑޮކްޓަރަށް ދެއްކުންވެސް އެބަހިމަނައެވެ. 

މިއީ ވަރަށް ހިތާމަހުރިކަމެކެވެ. ނިކަންވިސްނައިލަބަލާށެވެ! ފެންބޮވައިގެންފައިވާ ކުއްތާއަކަށް ބޯނެ ފެންފޮދެއް ދިން މީހަކު ސުވަރުގެ ވެއްދެވި ވާހަކަ އެއީ ހުރިހާ މުސްލިމުންވެސް ވަރަށް ރަނގަޅަށް ދަންނަ ޙަދީޘްފުޅެކެވެ. އެހެންކަމުން މިއުޅެނީ އެޙަދީޘްފުޅު ކިޔައިދޭކަށް ނޫނެވެ. މިއުޅެނީ އެ ޙަދީޘްފުޅުން އުފެދޭ ސުވާލެއްގެ ވާހަކަ ބަޔާންކުރާށެވެ. 

ކުއްތާއަކީވެސް ﷲ ތަޢާލާ އުފައްދަވާފައިވާ މަޚްލޫޤެކެވެ. އެކަމަކު ބީހި އުޅުންވެސް ހުއްދައެއް ނޫނެވެ. ބީހިއްޖެ ނަމަ ޠޯހިރުވާންވެސް ޖެހެއެވެ. އެހެންކަމަށް މިޙަދީޘްފުޅުގައި މުސްލިމުން އަތްލައި، އެކުގައި ގެންގުޅުން ހުއްދަ (މުސަޅުފަދަ) ޖަނަވާރެއް ނުވަތަ ދޫންޏެއްގެ ވާހަކަ ނައިސް ކުއްތާގެ ވާހަކަ ބަޔާންކުރައްވަވާފައި އެވަނީ ކީއްވެގެން ހެއްޔެވެ؟ 

ހަމަޔަޤީނުންވެސް އެއީ އިއްތިފާޤެއް ނޫނެވެ. ވަރުގަދަ ޢިބްރަތަކަށެވެ. ﷲ ތަޢާލާ އުފައްދަވާފައިވާ ކޮންމެ މަޚްލޫޤަކަށް ނަމަވެސް ޙާލެއްގައި ޖެހިއްޖެނަމަ އެހީތެރިވުމުގެ މުހިންމުކަން ބަޔާންކުރެއްވެވުމަށެވެ. 

އެހެންކަމަށްވާއިރު ކޮންމެ އިންސާނަކަށް ނަމަވެސް، ޚާއްޞަކޮށް އަނބިދަރިންނާއި މައިންބަފއިންނާއި ޢާއިލާގެ މީހުންނަށް ދަތިޙާލެއް ޖެހުމުން އެހީތެރިކަން ފޯރުކޮށްދިނުމުން ދެއްވަވާނެ ޘަވާބު ގިނަގުނަވެގެންދާނެ މިންވަރާއިމެދު ނިކަން ވިސްނައިލަބަލާށެވެ! 

މީސްތަކުންނޭވެ! އެމީހަކު ބަލަހައްޓަން ޖެހޭ މީހަކު ބަލިވެއްޖެ ނަމަ ފަރުވާކުޑަނުކުރާށެވެ! އެހީތެރިވުމަށް އަވަސްވެގަންނާށެވެ! ވީހައި އަވަހަށް، ވީހައި ފެންވަރު ރަނގަޅު ފަރުޥާއެއް ހޯދައިދޭން ކުރެވުނުހައި މަސައްކަތްތަކެއް ކުރާށެވެ. އެކަންކަމަށް ޚަރަދުކުރުމުގެ އިތުރުން ގޮވައިގެން ހޮސްޕިޓަލަށް ގޮސް އަމިއްލައަށް މަސައްކަތްކުރުމަކީވެސް އިތުރު ޘަވާބު ދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން