މީސްތަކުންނޭވެ! އެއްވެސް މީހަކު އިބްލާޙްވެ ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފަށައިފިނަމަ އެމީހަކަށް ކުރިން ކުރެވިފައިވާ އެއްވެސް ފާފައެއްގެ ވާހަކަވެސް ނުދައްކާށެވެ! އެހެނީ މީހަކު ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފަށައިފިނަމަ އެމީހެއްގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އެތައް ގުނައަކަށް އުފުއްލަވާނެތެވެ. އިން ޝާ ﷲ.
ﷲ ތަޢާލާ އެމީހެއްގެ ދަރަޖަ އުފުއްލަވައި މަތިވެރިކުރައްވަވާފައިވާ މީހަކަށް ނުބައި ބަހެއް ބުނެވިއްޖެނަމަ އެކަމުގެ ޢުޤޫބާތް ދުނިޔޭގައިވެސް ފެނިގެން ހިނގައިދާނެ ގޮތަކާއިމެދު ބިރުވެތިވާށެވެ. އެކަންކަން އެމީހަކާއި ކުރިމަތިލާނީ ކިހިނަކުން ކޮން ގޮތަކަށްކަން ވިސްނަންވެސް ނުއެނގޭނެއެވެ.
ތިމާއަށް ޢަމަލުތައް މިކުރެވެނީ ރަނގަޅަށް ނޫންކަން އެނގޭއިރުވެސް ބައެއް މީހުން، އެމީހުންގެ ޢަމަލުތައް އިޞްލާޙްނުކޮށް ތިބެނީ ދުނިޔޭގައި އެމީހެއްގެ މަޝްހޫރުކަން ގެއްލިގެން ހިނގައިދާނެތީއެވެ. ނޫންނަމަ އެމީހަކަށް ލިބެމުން އަންނަ ދުނިޔަވީ މަންފާއެއް ނުވަތަ ދުނިޔެއިން ލިބިފައިވާ މަޤާމެއް ގެއްލިދާނެ ކަމުގެ ބިރަށެވެ.
މީސްތަކުންނޭވެ! ދުނިޔޭގެ އެންމެން އެމީހަކަށް ތަޢްރީފް ކުރިނަމަވެސް އުޑުތަކުގައި އެމީހަކަށް މަޝްހޫރުކަމެއް، ޤަދަރެއް ޢިއްޒަތެއް ނެތިއްޖެނަމަ އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެމީހަކު ވެގެންދާނީ ސުވަރުގޭގެ މަލާއިކަތުންނަށް އެނގިވަޑައިނުގަންނަވާ އަދި އެމީހަކަށް ނަރަކަ އެދިއެދި ހުންނާނެ މީހަކަށެވެ.
ބުނަން ހެއްޔެވެ؟ ތިމާގެ އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ! އަމިއްލަ ނަފްސް ކަންކަންކުރާ ގޮތަށް ބަލާށެވެ! ނުބައި ޢަމަލުތައް ކުރެވޭއިރު ތިއަކުރެވެނީ ނުބައި ޢަމަލެއްކަން ނަފްސް ބުނެ ނުދޭހެއްޔެވެ؟ ތައުބާވެ ޢަމަލުތައް އިޞްލާޙްކުރުމަށް ނަފްސް ނުބުނޭ ހެއްޔެވެ؟ ބުނާނެކަން އެއީ ޔަޤީންކަމެކެވެ.
އެއީ އެމީހަކާއިއެކުގައިވާ ރަހްމަތުގެ މަލާއިކަތުން އެމީހަކަށް އެކަންކަން އަންގަވާނެތީއެވެ. އެއްބައަކު އެކަން ޤަބޫލުކޮށް ތައުބާވަނީއެވެ. އަނެއްބައަކު ގޮތްދޫނުކޮށް ފާފަކުރުންމަތީގައި ތިބެ މަރުވެގެންދަނީ އެވެ. އެފަދަ މީހުން ދުނިޔެއިން ނުކުމެގެން އެދަނީ ހައުދަހައިވާ ހިތާމަހުރި ގޮތުގައެވެ. އެކަމަށް ކުރެވޭނެ ކަމެއްވެސް ނެތެވެ. އެހެނީ އެއީ އެމީހާ އޭނާއާއިމެދު އިޚްތިޔާރުގޮތެވެ!
އެފަދަ މީހުންނަށް ނުލިބިއެދަނީ "އަދި ފަހުން ތައުބާވާން" ހުއްޓައި އެކަމުގެ ފުރުޞަތެވެ. އެފުރުޞަތު ނުލިބިދާނެކަމާއި އަބަދުވެސް ތިބެންވާނީ ތައުބާވުންމަތީގައިކަމަށް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. ހިތާމަވެރި ނިމުމެއް ނުލިބޭނީ އެ އެންގެވުމަށް ޢަމަލުކުރި މީހަކަށެވެ.
- މަޢްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން