އެބޭކަނބަލެއްގެ ޝަކުވާގެ ވާހަކަ 7 އުޑުމަތިން ﷲ ތަޢާލާ އައްސަވައި ވޮޑިގެން ވަޤުތުން ވަޙީ ބާވައިލެއްވެވި ބޭކަނބަލެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
އެބޭކަނބަލެއްގެ ޝަކުވާގެ ވާހަކަ 7 އުޑުމަތިން ﷲ ތަޢާލާ އައްސަވައި ވޮޑިގެން ވަޤުތުން ވަޙީ ބާވައިލެއްވެވި ބޭކަނބަލެއްގެ ވާހަކަ-

ކަންކަމަސް އެދި ދެންނެވުމުގައި އަންހެނެއް ފިރިހެނެއްގެ އެއްވެސް ތަފާތެއް ﷲ ތަޢާލާގެ ޙަޟްރަތަކު ނުވެއެވެ. ތަފާތުވަނީ އަންހެން، ފިރިހެން ކަމަކުން ނޫނެވެ. ހަމައެކަނި ތަޤްވާވެރިކަމުންނެވެ. 

ވަރަށް ހިތްދަތި ޙާލުގައި އުޅެންޖެހޭއިރުވެސް ބައެއް އަންހެނުންނަށް ވިސްނިފައި އޮންނަނީ ތިމާއަކީ އަންހެނަކަށްވުމުން ﷲ ތަޢާލާއަށް އެއްވެސް ޝަކުވާއެއް ދަންނަވައިގެން ނުވާނެ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑަށް ކުށްހީއެކެވެ. އެހެނީ އަންހެނަކު ކަމަށްވުމަކުން ﷲ ތަޢާލާ އަށް ދުޢާކުރުމަށް އެއްވެސް ހުރަހެއް ނެތެވެ. އަދި ކުރާ ދުޢާ ވަގުތުން ޢިޖާބަ ކުރައްވަވާފައިވެސް އެބަހުއްޓެވެ. 

ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޚައުލާ ބިންތި ތަލަބާއަކީ "މަންމަ" ކަމަށް ފިރިކަލުން ވިދާޅުވުމުން އެ މައްސަލައިގައި ރަސޫލް ގެ އަރިއަހަށް ވަޑައިގެން ޝަކުވާ ކުރެއްވުމުން އެއިރު އެކަމުގައި ﷲ ތަޢާލާގެ ޙުކުމްފުޅެއް ނެތްކަމަށް ޙަދީޘް ކުރެއްވެވުމުން އެކަމަނާ އެތަނުގައި ހުންނަވައި ﷲ ތަޢާލާއަށް ދުޢާ ކުރެއްވެވިއެވެ! އަދި ދުޢާ ކުރެއްވެވުމާއިއެކު ވަގުތުން ޙުކުމް ބާވައިލެއްވެވިއެވެ. 

ޢުމަރުގެފާނުގެ ޚަލީފާކަމުގައި ޤާފިލާއެއްގައި ދަތުރުފުޅު ކުރައްވަވަނިކޮށް އެކަމަނާ އާއި ބައްދަލުވެވަޑައިގަތުމުން ޤާފިލާ މަޑުކުރައްވަވައި އެކަމަނާ އާއި ވާހަކަފުޅު ދައްކަވަން މަޑުކުރެއްވެވިއެވެ.

އެކަމާއިބެހޭ ގޮތުން ސުވާލުކުރުމުން ވިދާޅުވިއެވެ. "އެކަމަނާ އަހަރެންނާއި ވާހަކަދައްކަން މިރޭ ވަންދެން އަދި މާދަން މަޑުކުރެއްވިނަމަވެސް އެކަމަނާ އާއިއެކު މަޑުކުރެއްވެވީމުހެވެ. ނަމާދު ކުރައްވަން ނޫނީ އެކަމަނާއާއިއެކު ހުންނެވީމުހެވެ. އެކަމަނާގެ އަޑުފުޅު 7 އުޑުމަތިން ﷲ ތަޢާލާ ވަނީ އައްސަވައި ވޮޑިގެން ވަޙީ ބަސްފުޅު ބާވައިލައްވަވައިފައެވެ." 

ވީމާ އަންހެނަކަށް ވީތީ ދުޢާކުރަން ފަސްނުޖެހޭށެވެ. ބޭނުންވާ ކޮންމެ ކަމެއްވެސް ދަންނަވާށެވެ! ކުރިމަތިވާ ކޮންމެ ހިތްދަތިކަމަކުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ދަންނަވާށެވެ! ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. އެއީ ޚައުލާފަދަ ތަޤްވާވެރިއަކަށްވުމެވެ. އެއިރުން ހުރިހާ ކަނބަލުންގެ ދުޢާ ވެސް ޢިޖާބަކުރައްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން