އަޅުގަނޑު ވަރަށް ލޯބިވާ ފިރިހެނަކު ހުރެއެވެ. އޭނާވެސް ބުނަނީ އަޅުގަނޑު ދެކެ ލޯބިވާ ކަމަށެވެ. އެކަމަކު ކައިވެނިކުރާކަށް ނުއުޅެއެވެ. ކައިވެނިކުރާނެ ދުވަހެއްވެސް ނުބުންޏެއެވެ. އެހެންވެ އަޅުގަނޑު މިހާރު އޭނާ އާއި ގުޅުން ކަނޑާލައިފީމެވެ.
އެއީ އަޅުގަނޑަށް ރަނގަޅަކަށް މެދުވެރިވި ކަމަކަށްވެދާނެތޯ؟ ނޫނީ އަޅުގަނޑުގެ ބަދުނަޞީބުތޯ؟
ކިޔުންތެރިޔާގެ ގާތުގައި ބުނެވެން އޮތީ ތިއައީ ލެއްވެވި ވަރަށް ބޮޑު ނަޞީބެއް ކަމަށެވެ. ލޯބިވާނަމަ ކައިވެނިކުރަން ފަސްޖެހޭކަށް ނުޖެހޭނެތީއެވެ. ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ކަންކަމަށް އެދި ދުޢާކުރުމުން ބައެއް ކަންކަން ހިންމަވައި ނުދެއްވަވަތެވެ. ކިތަންމެ ވަރަކަށް ރޮއެ އާދޭސް ދެންނެވުމުންވެސްމެއެވެ. އަދި ނުދެއްވެވުމާއި ގުޅިގެން ބުނެގެން ނުވާނެ ބަސްތައް ބުނާއިރުވެސްމެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟
އެކަމުގެ ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ. ތުއްތު ދަރިއަކު ތޫނު ވަޅިއެއް ބޭނުންވެގެން ކިތަންމެ ވަރަކަށް ރުއި ނަމަވެސް ދަރިފުޅު ދެކެ ލޯބިވާ މައަކު އަދި ބަފައަކުވެސް އެކުއްޖާގެ އަތަށް ވަޅިއެއް ނުދޭނެއެވެ. އެއީ އެވަޅީން އެކުއްޖާ ކޮށްފާނެ ކަމަކަށް ބިރުންނެވެ. އަމިއްލައަށް ލިބިގެންފާނެ އަނިޔާއަކަށް ބިރުންނެވެ. ދަރިފުޅުދެކެ ލޯބިވާވަރުންނެވެ. ދަރިފުޅަށް އެއްވެސް އަނިޔާއެއް ލިބުމަށް ބޭނުންނުވާތީއެވެ.
އަހަރެމެން އެގޮތަށް އެކަންކުރާއިރު ދަރިފުޅު އަތަށް ވަޅި ދިނުމުން އަނިޔާ ލިބިދާނެ އަމަލެއް ދަރިފުޅު ކޮށްފާނެ ކަމާއިމެދު ކުރަނީ ޝައްކެވެ. ޔަޤީނެއް ނުކުރެވޭނެއެވެ. އެވަރުންވެސް ދޭން ބޭނުންނުވަނީއެވެ. އަދި ދަރިފުޅު ރޯނަމަ ހުއްޓުވަން އެހެން ކޮންމެވެސް އެއްޗެއް ދެނީއެވެ.
ދެން ވިސްނައިލަންވީ ﷲ ތަޢާލާ އާއިމެދުގައެވެ. ތިބާ އެދުނު ކަންތައް އެދުނު ގޮތަށް ހިންމަވައިދެއްވެވުމުން ތިބާ ޢަމަލުކުރާނެ ގޮތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އެކަމަކުން ތިބާއަށް ލިބޭނީ ގެއްލުންކަން އެނގިވޮޑިގަންނަވާތީ ތިބާ އެދުނުކަންތައް އެދުނު ގޮތަށް ފުއްދަވައި ނުދެއްވަވަނީއެވެ. އަދި ބަދަލުގައި ކޮންމެވެސް އެހެން ކަމެއް މިންވަރުކުރައްވަވަނީއެވެ.
އެންމެ ގިނައިން ޝަކުވާ ލިބޭ އެއްކަމަކީ މައިންބަފައިން ހުރަސްއަޅާތީ ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން ލޯބިވެރިޔާ އާއި ކައިވެނި ނުކުރެވޭ މައްސަލައެވެ. ނުވަތަ ލޯބިވެރިޔާ އެހެން މީހަކާއި ކައިވެނިކުރިކަމުގެ ޝަކުވާއެވެ. ލޯބިވެރިޔާ ލިބުން އެދި ދުޢާކުރުމުން ވެސް ނުލިބުނު މައްސަލައެވެ.
އެފަދަ މެސެޖުތައް ލިބުމުން އަހަރެންގެ ހިތަށް އަރަނީ ކުރިން ބުނި ވަޅީގެ މިސާލެވެ. އެނުލިބުނީ ތިބާގެ ހިތް ކުދިކުދިކޮށް ކޮށާނެ ވަޅިއަކަށްވެދާނެއެވެ. ﷲ ތަޢާލާ ތިބާގެ ހިތަށް އެ ބޮޑު އަނިޔާ ލިބުމުން ސަލާމަތްކުރައްވަވައި ދެއްވެވީއެވެ! އެއީ ތިބާދެކެ ލޯބިވެވޮޑިގަންނަވާތީއެވެ. އެކަން އެގޮތަށް ޤަބޫލުކުރުމުން ހިތްހަމަނުޖެހި، މާޔޫސްވެގެން އުޅޭކަށް ނުޖެހޭނެއެވެ.
ދުނިޔޭގައި އެދޭ ކަންކަން ޙާޞިލުނުވެގެން ކަންބޮޑުނުވާށެވެ! ތިބާއަށް ސުވަރުގެ ވަދެވިއްޖެނަމަ އޮންނާނީ ބޭނުންވާ ކަމެއް ހިތަށް އަރުވައިލުމެވެ. ހިތަށް އަރުވައިލާއިރަށް ވަގުތުން ދެއްވަވާނެތެވެ!
- މުފްތީ މެންކްގެ ދަރުސަކުން