އިންސާނާގެ ޢަމަލުތައް އަޅުކަމާއި ގުޅުވައިލުމުން އޮޓޮމެޓިކުން ހިތް ﷲ ތަޢާލާ އާއި ގުޅިގެންދާނެއެވެ. ހިތް ﷲ ތަޢާލާ އާއި ނުގުޅި ލަސްވާނަމަ އެކަމަށް އޮތް ހުރަހަކީ ތިބާގެ ގުނަވަންތަކުން ހެޔޮ ޢަމަލުނުކުރުން ކަމުގައިވުން އޮންނާނީ ވަރަށް ގާތުގައެވެ.
އަހަރެމެން ޙައްޖަށް ގޮސް ޙައްޖުގެ އަޅުކަން އަދާކުރަމުއެވެ. ރަމަޟާންމަސް އައުމުން ރޯދަހިފަމުއެވެ. އަދި ނަމާދުވެސް ކުރަމުއެވެ. ސުވާލަކީ އަހަރެމެން ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވައިފިހެއްޔެވެ؟ ވީ ހައްޖާއި ހިފި ރޯދަ އަދި ކުރާ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ހެއްޔެވެ؟
ޖަވާބު ލިބެން އޮތީ އެންމެ ކަމަކުންނެވެ! އެއީ ތިމާގެ ޢަމަލުތައް އިޞްލާޙްވޭ ހެއްޔެވެ؟ ﷲ ތަޢާލާއަށް ބިރުވެތިވުމާއި ކިޔަމަންތެރިވުން އިތުރުވޭހެއްޔެވެ؟ އެކަންކަން ޙާޞިލުވަމުންދާނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެވަނީ ތިބާއަށް ލިބިފައި ކަމަށް ޤަބޫލުކުރެވިދާނެއެވެ. ނޫންނަމަ އޮތީ ރުހިވޮޑިގަތުން ހޯދަން އިތުރަށް މަސައްކަތްކުރުމެވެ. ޢަމަލުތައް އިޞްލާޙްކުރުމެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ.
ރަމަޟާންމަހަށްފަހު ތިބާއަށް ކުރެވޭ ހެޔޮ ޢަމަލުތައް ކުރިއަށްވުރެ ގިނަވާނަމަ ތިބާއަށް އެވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައެވެ. އިން ޝާ ﷲ މަދުވާނަމަ އެއީ ކަންބޮޑުވާންޖެހޭނެ ކަމެކެވެ.
ބައެއް ފަހަރު ގާތް މީހަކު މަރުވުމުން ތިމާގެ ހިތަށް ކުރެވޭ އިޙްޞާޞްތަކަކުން ތަޤްވާވެރިކަން އިތުރުވެ ހެޔޮ ޢަމަލުކުރުން ގިނަވެއެވެ. އެހެން އެކަން ވެއްޖެނަމަ އަންގައިދެނީ އޭނާގެ މަރުވުން ވެގެން އެދިއައީ ތިބާއަށް ލެއްވެވި ރަޙްމަތަކަށް ކަމެވެ.
ބައެއްފަހަރު މީހަކު މަރުވުމުން ދެން މަރުވާނީ ތިމާ ކަމަށް ހީކުރެވި ހެޔޮ ޢަމަލުކުރުން ގިނަކުރެވެއެވެ. އެއީ ވަރަށް ބޮޑު ރަޙްމަތެކެވެ. އެފަދަ ގޮތެއް މެދުވެރިކުރައްވަވައިފިނަމަ އެކަން ފުރިހަމައަށް ލިބިގަންނަން މަސައްކަތްކުރަންވާނެއެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުން އިތުރުވަމުންދާނީ އެއިރުންނެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން