ފޯނުންވިޔަސް ބައްދަލުވެފަ ވިޔަސް "ކަލާދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ!" ކަމަށް ބުނެފިނަމަ އެދިއްކުރަނީ އަލިފާން ދަރުބުރިއެއް ނޫންކަން ޔަޤީންކުރަން އަވަސްވެގަންނާތި!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ފޯނުންވިޔަސް ބައްދަލުވެފަ ވިޔަސް "ކަލާދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ!" ކަމަށް ބުނެފިނަމަ އެދިއްކުރަނީ އަލިފާން ދަރުބުރިއެއް ނޫންކަން ޔަޤީންކުރަން އަވަސްވެގަންނާތި!: މުފްތީ މެންކް

އިންސާނުންގެ ބަސްމަގަށް އައިސްފައިވާ ބޮޑު ބަދަލުގެ ސަބަބުން ދުލުން ބުނާ ބަސްތައް މިހާރު މިޖެހެނީ މާނަކުރާށެވެ! އަމިއްލަ މާދަރީ ބަހުން ބުނި ނަމަވެސްމެއެވެ. އެގޮތަށް ކަންކަން ބަދަލުވަމުން ގޮސް މިހާރު މިވަނީ "ކަލާ ދެކެ ލޯބިވެއޭ، ނުވަތަ ވަރަށް ބޮޑަށް ލޯބިވެވިއްޖެ" ކަމަށް ބުނެފިނަމަ އެއީ "ތިބާގެ ބޭނުންކުރަން ބޭނުންވެއްޖެ" ކަމަށް ބަދަލުވެ ނިމިފައެވެ.

ވީމާ އެހިސާބުން އެދިއްކުރަނީ ހުޅުރޯވެ އަނދަމުންދާ ދަރުބުރިއެވެ. ވިސްނާ ނުލައި އެއިގައި ހިފައިފިނަމަ އަތް ދާނީ އެކުގައި ފިހިގެންނެވެ. ސަބަބަކީ އެފަދަ ބަސްތަކަށް ޚާއްޞަކޮށް ކަނބަލުން ސަމާލުކަން ނުދީފިނަމަ އެބަހުގެ ދަލުގައި ޖެހި ދަނީ ޝިކާރަ ކުރެވެމުންނެވެ. ޝިކާރަކުރެވޭ ވަރަކަށް އެދަނީ ހޫނު އަލިފާނުން ފިހެމުންނެވެ.

މިބަދަލާއިއެކު އިތުރުވި އެންމެ ނުރައްކައުތެރިކަން ބޮޑު އަނެއް ބަދަލަކީ ފޮޓޯ ޝޮޕުން ފޮޓޯތައް އެޑިޓްކުރާ ފަދައިން ފޯނުން މީހާގެ އަޚްލާޤް އެޑިޓް ކުރުމެވެ.

ވަރަށް ގިނަ އަންހެނުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަސްވެފައި އޮންނަނީ ފޯނުން ބައްދަލުވި މީހާ އާއި ކައިވެނިކުރުމުން މުޅިން ތަފާތު މީހެއްގެ ގޮތުގައި އޭނާ ފެންނަ ކަމުގެ ޝަކުވާއެވެ. މިބުނަނީ ފޯނުން އޭނާ ދެއްކި ރިވެތި އަޚްލާޤް އޭނާގެ ކިބައިގައި ނުހުންނަ ކަމުގެ ޝަކުވާގެ ވާހަކަތަކެވެ.

ލޮބުވެތިކަނބަލުންނޭވެ! މިފަދަ ދެއްކުންތެރި ވާހަކަތަކަށް ހެއްލި މައިންބަފައިންނަކީ މައިންބަފައިން ނޫންކަމަސް ހަދައިގެން ވެސް އެބަ ކައިވެނިކުރަމުއެވެ. ކައިވެނި މިކުރެވުނީ މާލީ ގޮތުންވެސް އަޚްލާޤީ ގޮތުންވެސް އެއްވެސް ބުރަދަނެއް ނެތް މީހަކާއިކަން އެނގޭއިރު މިއޮންނަނީ ޢާއިލީ ގުޅުން ކެނޑިފައެވެ.

ދަރިން ނިކަމެތިވެ ޙާލުގައި ޖެހިގެން އެނބުރި ގެއަށް ދިއުމުން ކޮންމެ ގޮތަކަށް ކުރިން ޢަމަލުކުރިނަމަވެސް ދަރިން ވާނީ ހަމަ ދަރިންނަށް ކަމަށް ބަލައި ވަރަށް ގިނަ ޢާއިލާތަކުން ދަރިފުޅު ބަލައި ގަނެއެވެ. ނަމަވެސް ބަލައި ނުގަންނަ ޢާއިލާތައް ވެސް ތިބެއެވެ. ވީމާ ފޯނުން ނުވަތަ ސޯޝަލް މީޑިއާގައި މީހަކު ދައްކާ ކަންކަމަށް ހެއްލި ޙަޔާތުގެ މުހިންމު ނިންމުންތައް ނުނިންމާށެވެ! އެކަން އައިސް ތިބާ އާއި އަރައިހަމަކުރާނީ ކޮންއިރަކު ކޮން ސިފައެއްގައިކަމެއް ނުއެނގޭނެއެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން