ނަރަކައިގަ ތިބޭ މީހުންނަށް ﷲ ދައްކަވާނެ އެންމެ ބިރުވެރި "ރަތްކާޑު": "ތިއަބައިމީހުން ނިކަމެތިކަމާއިއެކީ ހިމޭންވެ ތިބޭށެވެ! ތިމަން ﷲ އަށް ބަސް ނުދަންނަވާށެވެ!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ނަރަކައިގަ ތިބޭ މީހުންނަށް ﷲ ދައްކަވާނެ އެންމެ ބިރުވެރި "ރަތްކާޑު": "ތިއަބައިމީހުން ނިކަމެތިކަމާއިއެކީ ހިމޭންވެ ތިބޭށެވެ! ތިމަން ﷲ އަށް ބަސް ނުދަންނަވާށެވެ!"

ތަންކޮޅެއް ކުރިން މީހުން ކިޔާ އަޑު އިވެއެވެ. "ވަންވޭ ޓިކެޓް ޓު ދަ މޫން!". އެހެންކީ މީހުން މިހާރުވީތަނެއް ނުއެނގެއެވެ. އެމީހުން ވީތަނެއް އެނގޭނީ އެމީހުންނަށެވެ. ހަމަ ޤައިމުވެސް ހަނދަކު އެއިން އެކަކުވެސް ނެތެވެ. އަހުރެން ބަހެއް ޚާއްޞަކޮށް ބުނެލަން ބޭނުންވެގެން މިއުޅެނީ ވަންވޭ ޓިކެޓެއްގައި ނަރަކައަށް ވަންނަން ޖެހިދާނެ މީހުންނަށެވެ. 

ނަރަކައިގައި މީސްތަކުން ބެހިގެން މިވަނީ ދެބައަކަށެވެ. އެއީ ދާއިމަށް ނަރަކައިގައި ދެމި ތިބޭނެ ބައަކާއި އެމީހުންނަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން (ނަރަކައިގައި ހޭދަކުރަންޖެހޭނެ މުއްދަތު ހޭދަކޮށް ނިމުމުން) ނަރަކައިން ސަލާމަތްވާނެ ބައެކެވެ. 

ވީމާ އެންމެ ނުރައްކައުތެރި އަދި އެންމެ ބިރުވެރި ޙާލުގައި ތިބެންޖެހޭނީ ދާއިމަށް ނަރަކައިގައި ތިބެންޖެހޭނެ މީހުންނެވެ. އެއިގެ ތެރޭގައި ބަންގީގެ އަޑަށް ބީރުކަންފަތްދީގެން ދުނިޔޭގައި އުޅުނު މީހުން ހިމެނޭނެކަން ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ.   

ނަރަކަ އާއި ނަމާދު އެޅުމުގެ ވާހަކަތައް ދއްކާ ކޮންމެ ފަހަރަކު މި ދައްކާ ވާހަކަތައް ރަނގަޅަށް އަޑުއަހާށެވެ! 

ބަންގީގެ އަޑު އިވުމުން އެއީ ތިމާ އާއި ބެހޭ ކަމެއް ކަމަށް ނުހަދައި އެތައް ބައަކު އެބަތިބެމުއެވެ. ނޫނީ ނަމާދުކުރުމަކީ ކޮންމެވެސް ދުވަހަކުން ތިމާ ވެސް ކުރާނެ ކަމެއް ކަމަށް އުންމީދުކޮށްގެން ތިބޭ މީޙުންވެސް އެބަ އުޅެއެވެ. ނަމާދު ވަގުތު ޖެހުމުން ނުވަތަ ވަގުތު ކައިރިވުމުން އެކަން ހަނދާންކޮށްދޭނެ މީހަކު މިއަދަކު ބޭނުމެއް ނުވެއެވެ. އަތުގައި އޮންނަ ސްމާޓް ފޯނު ކައިރީގައި ބުނެލުމުން އެކަން ހަމަ ހިލޭ ސާބަހަށް ކޮށްދެއެވެ. ވީއިރު ﷲ ތަޢަލާގެ ޙަޟްރަތުގައި ދެއްކެން އޮންނާނީ ކޮން ބަހަނާއެއް ހެއްޔެވެ؟ "ތިމަން ﷲއަށް ބަސް ނުދަންނަވަން" އަމުރުފުޅު ކުރައްވަވާ މީހުންގެ ތެރެއިން ނުވުމަށް ގަދައަޅައި މަސައްކަތްކުރާ ބައަކަށްވާށެވެ. 

ﷲ ތައާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވާފައިވަނީ މީސްތަކުންނޭވެ! ކަންކަމަށް އެދި ތިމަން ﷲ އަށް ގިނަގިނަގިނައިން ދަންނަވާށެވެ! ޢިޖާބަކުރައްވަވާހުށީމެވެ! ނަމަވެސް ނަރަކައިގައި މިހާލަތު އަންނަނީ މުޅީން ބަދަލުވެގެންނެވެ. ނިކަން ވިސްނައިބަލާށެވެ! 

ނަރަކައިގެ އަހުލުވެރިން ނަރަކައިގެ ބަނޑޭރި މާލިކްގެފާނަށް ގޮވާނެއެވެ. އެގޮވާލުމަށް މާލިކްގެފާނު ޖަވާބު ދެއްވަވާނީ 40 އަހަރުފަހުންނެވެ. މާލިކްގެފާނު ދެއްވަވާނެ ޖަވާބަކީ: "ތިއަބައިމީހުން ތިއަތަނުގައި އަޒާބުގައި ދެމިތިބޭށެވެ!". 

ދެން އެމީހުން ނަރަކައިން ނެރުއްވަވައި ދެއްވެވުން އެދި ﷲ ތަޢާލާއަށް ދަންނަވާނެއެވެ. އެއިގެ ޖަވާބު ﷲ ތަޢާލާ ދެއްވަވާނީ 40 އަހަރު ފަހުންނެވެ. ދެއްވަވާނެ ޖަވާބަކީ: "ތިއަބައިމީހުން ނިކަމެތިކަމާއިއެކީ ހިމޭންވެ ތިބޭށެވެ! ތިމަން ﷲ އަށް ބަސް ނުދަންނަވާށެވެ!"

صحيح الترغيب والترهيب (3691)  

"ތިމަން ﷲ އަށް ބަސް ނުދަންނަވާށެވެ!" މި ބަސްފުޅުން އެމީހުންނަކީ ﷲ ތަޢާގެ ރަޙްމަތްފުޅުން ބޭރުކޮށްލެއްވިފައިވާ ބައެއްކަން އެބަ އެނގެއެވެ. އެފަދަ މީހުންގެ ތެރޭގައި ނުހިމެނުމަށް މަސައްކަތް ކުރަންވީ މިއަދު އެވެ. އެކަމަށް އަމުރުފުޅު ކުރައްވަވައި މިއަދު މިވަނީ ފުރުޞަތު ދެއްވަވައިފައެވެ. އެ ފުރުޞަތުގެ ބޭނުން ނުހިފައި ހިތަށް އެރިހައި ގޮތަކަށް އުޅެ ނަރަކައަށް ދާންޖެހުމުން ކިތަންމެ ވަރަކަށް ރޮއި އާދޭސް ކުރި ނަމަވެސް އެކަމުން އެއްވެސް އެއްވެސް ނަތީޖާއެއް ނުފެންނާނެކަން މިބަސްފުޅުތަކުން އެނގިގެންދެއެވެ.  

ނަރަކައިގެ އަލިފާނުގެ ހޫނުގަދަ ކަމަށާއި ނަރަކައިގައި ލިބޭނެ ގަދަފަދަ ޢަޒާބަށް ބިރުވެތިވާންވީ މިއަދުއެވެ. އިހަށް ނުވި ރައްކަލެއް ފަހުން ނުވެވޭނެ ކަމަށް ބުނާ ބުނުމަށް ހޭލުންތެރިވާ ބައަކަށްވާށެވެ! މީސްތަކުންނޭވެ! މިކަންކަމަށް ފުންކޮށް ވިސްނައިލާށެވެ! ﷲ ތައާލާއަށް ބިރުވެތިވާން މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން