މުޅި ޙަޔާތަކީ އަޅުކަމަކަށް ހަދައިލެވޭނެ ވިސްނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
މުޅި ޙަޔާތަކީ އަޅުކަމަކަށް ހަދައިލެވޭނެ ވިސްނުން-

ކޮންމެ މުސްލިމަކުވެސް އޭނާގެ ވިސްނުމުގައި ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެދާނެކަން ހަނދާނުގައި ބަހައްޓައިފިނަމަ މުޅި ޙަޔާތަކީ އަޅުކަމެއް ކަމުގައި ވެގެން ދާނެއެވެ. ވީމާ ކޮންމެ މީހަކަށްވެސް އެންމެ ފައިދާހުރި ވިސްނުމަކަށްވާނީ އަބަދުވެސް އާޚިރަތަށް ބިރުވެތިވުމުގެ ވިސްނުމެވެ. 

އެހެނީ އާޚިރަތަށް ބިރުވެތިވާ މީހާ ފާފައަކަށް އަރައެއް ނުގަންނާނެއެވެ. މަސައްކަތްކުރާނީ ކައްވަޅަށްދާއިރު އެންމެ ފާފައެއްވެސް އެކުގައި ގެންދަން ނުޖެހޭނެ ގޮތަށް ކައްވަޅަށް ދިއުމަށެވެ. 

ތިރީގައި އެވަނީ މިކަންކަމާއި އަދި ވެރިންގެ މަސްއޫލިއްޔަތު ބަޔާންކުރައްވައި ޝައިޚް ޝަފީޢު ޢަބްދުﷲ ލިޔުއްވާފައިވާ ލިޔުއްވުމެވެ. 

އުޚުރަވީ ނަޒަރު- ޝަފީޢު ޢަބްދުﷲ 

މުސްލިމެއްގެ ނަޒަރު އަބަދުވެސް ހުންނަން ވާނީ އާޚިރަތަށެވެ. ކަންކަމުގައި ވިސްނާ ފިކުރު ކުރާނީ އަބަދުވެސް އާޚިރަތް ހިތްމައްޗަށް ގެނެސްގެންނެވެ. ތިމާ މިކުރާ ކަމުން އުޚުރަވީ ޙަޔާތަށް އޮތީ ކޮން ފައިދާއެއްތޯ ވިސްނާ ޙާލުގައެވެ. މުސްލިމު އަޅާގެ މުޅި ޙަޔާތަކީ އަޅުކަމެއް ކަމުގައި ވެގެން ދާ ސަބަބަކީ ވެސް މިއީ ކަމުގައި ބުނެވިދާނެއެވެ.

ކާފަރުންނާއި މާއްދިއްޔަތަށް ޣަރަޤުވެފައި ތިބި މާއްދިއްޔަތުގެ އަޅުންނާ ޚިލާފަށް ޙަޔާތުގެ މައިދާނުގައި އުޅޭ އުޅުމުގައި މާއްދީ ވިސްނުމެއް އިސްކުރުމުގެ ބަދަލުގައި އަބަދުވެސް މުސްލިމްއަޅާ އިސްކުރާނީ ދީނީ ވިސްނުމެކެވެ. މާތް ﷲ ރުއްސެވުމާއި ފުއްސެވުމެވެ. އުޚުރަވީ ޙަޔާތެވެ. އުޚުރަވީ ނަޒަރެވެ. މާއްދިއްޔަތަކީ އޭނާ ދަންނަ އެއްޗެއް ނޫނެވެ. މާއްދީގޮތުން އޭނާ ޙާސިލުކުރާ ހުރިހާ ކަމެއް ވެސް ގޮސް ގުޅިފައި އޮންނާނީ އުޚުރަވީ ޙަޔާތާއެވެ. އެފަދަ މީހަކީ މާއްދިއްޔަތުގެ އަޅަކަށް ވެގެނެއް ނުދާނެއެވެ.

މުސްލިމްއަޅާ ވަޒީފާއެއް އަދާކުރާނަމަ، އޭނާ އެކަން ކުރާނީ އަމާނާތްތެރިކަމާ އެކުއެވެ. ތެދުވެރިކަމާ އެކުއެވެ. އޭނާގެ އަބަދުގެ ފިކުރަށް ވެފައި އޮންނާނީ މި ވަޒީފާއިން ތިމާއަށް މި ލިބޭ މުސާރައަކީ ޙަލާލު އެއްޗަކަށް ހެދޭތޯއެވެ. ވަޒީފާއަށް ފަރުވާ ކުޑަކޮށް، މަޤުބޫލު ސަބަބެއްނެތި ސަލާމްބުނެ، އުޒުރެއްނެތި ހާޒިރު ނުވެ އޭނާ ނުހުންނާނެއެވެ. އެއީ އޭނާއަށް ލިބޭ މުސާރަ ޙަލާލު ނުވެދާނެ ސަބަބަކަށް ވެދާނެކަމުގެ ބިރަށެވެ. އަދި އެކަމުގެ ސަބަބުން ޤިޔާމަތްދުވަހުން އޭނާ ކުރިމަތިލާން ޖެހިދާނޭ ދަތިތަކަކަށެވެ.

ޚާއްޞަކޮށް، މުސްލިމް ރައްޔިތުންތަކެއްގެ ޒިންމާ އެމީހެއްގެ ކޮނޑުގައި އަޅަން ޖެހޭ ވަޒީފާއެއްނަމަ، އޭނަ އިތުރަށް އެކަމަށް ބިރުވެތިވެ ފަރުވާތެރިވާނެއެވެ. އެހެނީ، ޤިޔާމާތްދުވަހުން އެ ހުރިހާ ރައްޔިތުންތަކެއްގެ ޙައްޤުތަކާ ބެހޭގޮތުންވެސް އޭނައާ ސުވާލު ވެވޭނޭކަން އޭނާ ރަނގަޅަށް ދަނެއެވެ. އެދުވަހުން ސަލާމަތެއް ލިބޭނީ މިއަދު އެ ޙައްޤުތަކަށް ރައްކައުތެރިވެ އެ ޙައްޤުތައް ބަރާބަރަށް އަދާކޮށްގެންކަން އޭނާއަށް އެނގެއެވެ.

ހިތާމައަކީ، އަޅުގަނޑުމެންގެ ތެރޭގައި މަޤާމާއި ވަޒީފާ މަތިވި ވަރަކަށް އެއީ ލިބޭ ޝަރަފެއްކަމުގައި ދެކޭ ދެކުމެވެ. ހަމައެކަނި މާއްދީ ނަޒަރަކުން އެކަމާމެދު ވިސްނާ ވިސްނުމެވެ. ނަމަވެސް އުޚުރަވީ ނަޒަރަކުން ވިސްނާނަމަ، އެމީހަކުގެ ބޮލުގައި އެމީހަކު އެ އަޅުވަނީ ވަރަށް ބޮޑު މަސްއޫލިއްޔަތުތަކެކެވެ. އެކަމާމެދު ތުނޑުންތުނޑަށް ޤިޔާމަތްދުވަހުން މާތް ﷲ ސުވާލުކުރައްވާނެއެވެ.

މުޖުތަމަޢުގައި މިއޮތް މާއްދިއްޔަތުގެ ބަލިމަޑުކަމުން އަރައިގަންނަން ބޭނުންނަމަ، އަޅުގަނޑުމެންނަކީ މުސްލިމުންކަން ހަނދާންކޮށް، އަޅުގަނޑުމެންގެ ނަޒަރު އުޚުރަވީ ޙަޔާތަށް އަމާޒުކުރަން ޖެހޭނެއެވެ. ކުރާ ކޮންމެކަމެއްގައި ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރަން ޖެހޭނެއެވެ.

 

މިއަދު އޮންލައިން