އީމާންކަން ބަލިކަށި އަޚުން އެކަމުން ސަލާމަތްކުރަން މަސައްކަތްކުރާށެވެ! ލިބެން އޮތް ޘަވާބު ހާދަ ގިނައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އީމާންކަން ބަލިކަށި އަޚުން އެކަމުން ސަލާމަތްކުރަން މަސައްކަތްކުރާށެވެ! ލިބެން އޮތް ޘަވާބު ހާދަ ގިނައެވެ!

އީމާންކަން ތާޒާކުރުމަށް ކުރަން ހުރި މަސައްކަތްތައް އަބަދުވެސް ކުރަން ޖެހޭނެއެވެ. ހަމައެއާއިއެކު، އެމަސައްކަތް ތިމާ ކުރަމުން ގެންދާއިރު އެކުވެރިންގެ ތެރޭގައި ތިބި އީމާންކަން ބަލިކަށި މީހުންނަށްވެސް ވިސްނައިދީ ހިތްވަރުދޭށެވެ! 

މީސްތަކުންނޭވެ! އަޤީދާ އާއި އީމާންކަމުގައި ބަލިކަށިވެފައިތިބި މީހުންނަށް އެއްޗެތިނުގޮވައި އެމީހުންނަށް އެހީތެރިވާށެވެ! އެމީހުންގެ އަތުގައި ހިފައި ކޮޅަށް ތެދުކުރަން މަސައްކަތްކުރާށެވެ! އެމީހުންނަށް ވިސްނައިދޭން މަސައްކަތްކުރާށެވެ! ހިތްވަރުދޭށެވެ! ތައުބާވުމުން ފާފަތައް ފުއްސަވައިދެއްވަވާނެކަން ވިސްނައިދޭށެވެ! 

އިސްލާމް ދީން ދަނީ މަތިވެރިވަމުންނެވެ. ބަލިކަށިވަމަކުން ނޫނެވެ. އެހެން ބުނަން މިޖެހެނީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުންދަނީ އިސްލާމް ދީންކަމަށްވުމުންނެވެ. ދުވަހެއް ދުވަހަކަށް އިތުރު ސަރަހައްދުތަކަށް ފެތުރެމުންދާތީއެވެ. އިސްލާމް ދީނަށް ވަންނަ މީހުން ގިނަވަމުންދާތީއެވެ. 

ނަމަވެސް ޢަޤީދާ ހަރުދަނާކޮށް ވަރުގަދަކުރަން މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފައެވެ. އެއީ ﷲ ތަޢާލާއަށް އީމާންވެގެން މުސްލިމުންގެ ގޮތުގައި ތިބިނަމަވެސް ދީނުގެ ކަންކަމަށް ފަރުވާކުޑަކުރެވޭތީއެވެ. ފަރުޟު ނަމާދުތަކަށް ފަރުވާކުޑަކުރެވޭތީއެވެ. ފާފަކުރެވޭތީއެވެ. 

ހަމައެއާއިއެކު އެހެން ދީންތަކުގެ މީހުންނަށް ތިބާވެސް ދަޢުވަތުދޭށެވެ! އެކަލާނގެ އިރާދަކުރައްވަވައިފި އަޅަކަށް ތެދުމަގު ދައްކަވާނެތެވެ. ތިބާގެ ސަބަބުން އެންމެ މީހަކަށް ތެދުމަގު ފެނުނު ކަމުގައިވީނަމަވެސް ތިބާއަށް ދެއްވަވާނެ ގިނަގުނަ ޘަވާބު ލިބިގަންނަން މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން