ޝައިޠޯނާއަށް ހެއްލި އަމިއްލައަށް އަލިފާނަށް ތިއަ ވެއްޓިގަންނަނީ ޤިޔާމަތް ދުވަހު އަލިފާނުން ހައްދަވާފައިވާ މިންބަރުގަ ހުރެގެން އޭތި ދޭނެ ޚުޠުބާގަ ކިޔާނެ ވާހަކަ ޔަޤީންވެހުރެ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ޝައިޠޯނާއަށް ހެއްލި އަމިއްލައަށް އަލިފާނަށް ތިއަ ވެއްޓިގަންނަނީ ޤިޔާމަތް ދުވަހު އަލިފާނުން ހައްދަވާފައިވާ މިންބަރުގަ ހުރެގެން އޭތި ދޭނެ ޚުޠުބާގަ ކިޔާނެ ވާހަކަ ޔަޤީންވެހުރެ ހެއްޔެވެ؟

ޤިޔާމަތް ދުވަހު ނަރަކައަށް ވަންނަން ޖެހޭ މީހުން ކަނޑައެޅި ނިމުމުން އެމީހުން ބުނާނެއެވެ. އަހަރެމެންގެ އެކުވެރިންގެ ތެރެއިން ﷲ ތަޢާލާ އެންގެވި ގޮތަށް އުޅުނު މީހުންނަށް މީހަކު ޝަފާއަތްތެރިވެއްޖެއެވެ. އަހަރެމެންނަށް ޝަފާއަތްތެރިވާނީ ކާކު ހެއްޔެވެ؟ މިޒުވާބުގަނޑު ބޮޑުވެ ބޮޑެތި ކަންތައް ތަކެއްވެސް ހިނގާނެއެވެ. 

ނަމަވެސް ކުރެވޭނީ ކީއްހެއްޔެވެ؟ އެމީހުންނަށް ޝަފާއަތްތެރިވާން ހުންނާނީ އިބިލީސް ނޫން ހެއްޔެވެ؟ ކަންކަން މިހިސާބަށް ދިއުމުން އިބިލީސް އަލިފާނުން ހެދިފައިވާ މިންބަރެއްގައި ހުރެ މިޒާތުގެ އެއްޗެތިތަކެއް ކިޔާނެއެވެ. 

ﷲ ތަޢާލާ އެކަލާނގެ ވައުދު ފުއްދަވައިފިއެވެ. ނަމަވެސް މިއަދު މަށަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެއީ އަހަރެން ކަލޭމެންނަށް ހެދީ ހުސް ދޮގެވެ. 

އެއްވެސް މީހަކު އަހަރެންގެ އެހީތެރިކަމަށް ނުއެދޭށެވެ. އަހަރެންނަސް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ. އަދި ކަލޭމެންނަށް ނަރަކައަށް ވަންނަން ޖެހުނީ އަހަރެންގެ ސަބަބަކުން ނޫނެވެ. އަހަރެން ކަލޭމެން ލައްވައި ހަމަ އެއްވެސް ކަމެއް ނުކުރުވަމެވެ. ކުރި ކަމެއް ކުރީ ހަމަ ކަލޭމެން އަމިއްލައަށެވެ. އަދި ނަރަކައަށް ވަންނަން ޖެހިފައި ތިއަ ވަނީ ކަލޭމެން އަމިއްލައަށް ކުރި ކަންތައްތަކުގެ ސަބަބުންނެވެ. އަހަރެން ކުރި ހަމައެކަނި ކަމަކީ ކަލޭމެންގެ ކައިރީގައި ކަންކަން ކުރަން ބުނުމެވެ. އަހަރެން ބުނި ނަމަވެސް އެކަމެއް ކަލޭމެން ކުރަން ޖެހޭ ހެއްޔެވެ؟. 

ނިކަން ވިސަނައިބަލާށެވެ! މިފަދަ އެތައް ވާހަކަތަކެއް ކީރިތި ޤްރްއާނުން ފެންނަން އެބައޮތެވެ. ރަސޫލް ()ގެ ހަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. ކިޔައި އޮޅުންފިލުވީމާ އެނގޭނެއެވެ. އަހަރެމެން ނުކިޔަނީއެވެ. އޮޅުން ނުފިލުވަނީއެވެ. އޮޅުން ނުފިލުވައި ތިބެ އިބިލީސް ބުނާހައި ކަމެއް ކުރަމުން ގެންދަނީއެވެ. 

އެހެންކަމަށްވާއިރު ޤިޔާމަތް ދުވަހުން ކުރެވޭނީ ކޮން ޝަކުވާއެއް ހެއްޔެވެ؟ ބުނެވޭނީ ކީކޭ ހެއްޔެވެ؟ ހިތަށް އެރިހައި ގޮތަކަށް ދުނިޔޭގައި ތިއަ އުޅެނީ މިކަން ނުއެނގޭތީ ކަމަށް ހުއްޖަތް ދެއްކޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ އެކަމެއް ނުކުރެވޭނެއެވެ. ކުރެވޭނެ ހަމަ އެކަނި ކަމަކީ ދުނިޔޭގައި ހުރެ މިކަންކަމަށް ވިސްނައި ފިކުރުކުރުމެވެ. ހަވާނަފުސުގެ އެދުންތަކުގެ ކުރިއަށް ބުއްދި ނެރެ ނަރަކައިން ސަލާމަތްވާން މަސައްކަތް ކުރުމެވެ. 

އާދޭހަކީ ހަމަ މިހާރުން މިހާރަށްވެސް އަމަލުތައް އިޞްލާޙްކުރުމެވެ. ތައުބާވުމެވެ. ކުރެވިފައިވާ ފާފަތަކަށް ތައުބާވުމެވެ. މީސްތަކުންނޭވެ ކެރި ކުޅަދާނަކަން ހުރި މިންވަރަކުން ގިނަގިނައިން ޞަދަޤާތް ދޭށެވެ! ހަމަ ކަށަވަރުން ޞަދަޤާތަކީ، ފެން އަލިފާން ނިއްވާފަދައިން، ކުރެވިފައިވާ ފާފަތައް ފޮހެވިގެންދާނެ މަތިވެރި އަމަލެކެވެ.

އަހަރެމެން އެންމެންނަށް ﷲ ތަޢާލާ މިވަނީ ސިކުނޑި ދެއްވަވައި ވިސްނުމުގެ ބާރު ދެއްވަވައިފައެވެ. މިވެނިކަމެއް ކުރުމުން މެދުވެރިވާނީ މިވެނިގޮތެއްކަން އެނގެން އޮންނަ ކަންކަންވެސްކޮށް އަމިއްލައަށް ގެއްލުން ހޯދީމާ ކިޔަން އޮންނާނީ މޮޔައިން ނޫން ކޮން ނަމެއް ހެއްޔެވެ؟ އެނޫން ނަމެއް ނިކަން ބުނެދީބަލާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން