އިނގިރޭސިންގެ ހިމާޔަތައް ދިޔައިރުވެސް ދާހިލީ މިނިވަންކަން އޮތް: ރައީސް ޑރ. ވަހީދު

ކިޔުމަށް ހޭދަވާނީ 3މ 36ސ
އިނގިރޭސިންގެ ހިމާޔަތައް ދިޔައިރުވެސް ދާހިލީ މިނިވަންކަން އޮތް: ރައީސް ޑރ. ވަހީދު

އިނގިރޭސީންގެ ދަށަށް ދިޔައިރުވެސް ރާއްޖޭގެ ދާހިލީ މިނިވަންކަން އޮތް ކަމަށާއި އެކަމަކު މިހާރު އެ މިނިވަންކަންވެސް ނެތް ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިފަދައިން ވިދާޅުވީ ތިނަދޫ ސިޓީގައި ބޭއްވި ގައުމީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަހީދު ވަނީ ގައުމުގައި ވެރިކަންކޮށްދޭން، ރައްޔިތުންގެ މާލިއްޔަތު ބަލަހައްޓަައިދޭން، އެސެޓްތައް ބަލަހައްޓައިދޭން، ކުރިޔަށް އޮތް ފަސް އަހަރަށް އިސްކުރާ މީހަކީ އެއީ އަމާނާތްތެރިއަކަށް ވޭތޯ ބެލުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

އަދި ކޮންމެ ޕާޓީއެެއްގައި ރައްޔިތުން ތިއްބަސް އިންތިހާބަށް ކުރިމަތިލައިގެން ތިއްބެވި އަށް ކެންޑިޑޭޓުންގެ ތެރެއިން އަމާނާތްތެރިކަމާއި އަދުލުވެރިކަމާއެކު ރައްޔިތުންނަށް ވެރިކަންކޮށްދެއްވާނީ ކޮންބޭފުޅަކުތޯ ބައްލަވަންޖެހޭ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ އެބޭފުޅަކީ ރައްޔިތުން ބުނާ ކަންކަން ކުރެވޭނެ ފަދަ ބޭފުޅަކަށް ވާންޖެހޭ ކަމަށާއި ތަޖުރިބާހުރި ބޭފުޅަކަށްވެސް ވާންޖެހޭ ކަމަށެވެ. މިހުރިހާ ކްރައިޓީރިއާތައް ބެލުމަށްފަހުގައި އެމަނިކުފާނަށް ގަބޫލުކުރެވޭ ގޮތުގައި ރައްޔިތުން އެދޭގޮތައް ވެރިކަން ކުރެވޭ ބޭފުޅަކަށް ހުރީ ހަމައެކަނި ގާސިމް ކަމަށް ރައީސް ވަހީދުވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވަހީދު ވިދާޅުވީ "ރާއްޖެ އިނިގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔައިރުވެސް އޮތީ ދައުލަތެއްގެ ގޮތުގައި ދާހިލީ މިނިވަންކަން އޮތް. އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތް އިރުވެސް ދިވެހިންގެ ކަންކަމާ ބަސްބުނަނީ ދިވެހިން. އެއަށް މިހާރު ބަދަލު އަންނަީ މި". ކަމަށެވެ.

ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔައިރުވެސް ރާއްޖޭގެ ދާހިލީ މިނިވަންކަން އޮތްކަމަށް ރައީސް ވަހީދު ވިދާޅުވިއިރު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިންޑިއާ ސިފައިން ތިބޭ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ސާބިތުވެއެވެ.

އެއީ ލ.ކައްދޫ، އައްޑޫ ގަން، ހދ. ހަނިމާދޫ އަދި އުތުރު ތިލަފަޅުގައެވެ. މި ހަތަރު ސަރަހައްދުން ދިވެހި ސިފައިން ބާލާ އިންޑިއާގެ ސިފައިން ގާއިމްކޮށް ސަރުކާރުންވަނީ ދިވެހި އަސްކަރިއްޔާއެއްގެ ބޭނުން ކަނޑުވާލާފައި ކަމަށްވެސް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކިތަންމެ ވަރަކަށް ސިއްރުކުރަން އުޅުނަސް ސަރުކާރުގެ މައްޗަށް އިންޑިއާގެ ނުފޫޒު ގަދަވެފައިވާ ކަމަށް މަސްރަހު ދިރާސާކުރައްވާ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ. މި އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވައި ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯދައިދެއްވަން އިންޑިއާއިން އަންނަނީ ބުރަކޮށް މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ރާއްޖޭއެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ޤާއިމުވެގެން ތިބޭ މައްސަލައިގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ ރިޔާސީ ގަރާރެއް ނެރުއްވައި އެކަން ހުއްޓުވާފައެވެ.

އިންތިހާބުވިޔަސް ތަރައްގީވިޔަސް ދިވެހިންގެ ކަންކަން ނިންމުމުގެ ފުރިހަމަ އިހުތިޔާރާއި ބާރުވެރިކަން އޮންނަންވާނީ ދިވެހިންގެ އަތްމަތީގައެވެ. ދެން އޮތީ ހުރިހާ ދިވެހިންވެސް ކުރާ ސުވާލެކެވެ. އިންޑިއާގެ މަސްލަހަތު ދިފާއުކުރުމަށް ރާއްޖޭގެ މިނިވަންކަމަށް އަރައިގަންނަމުން ދާއިރު ދާއިރު ރާއްޖޭގެ މަސްލަހަތުގައި ކުރަންޖެހޭ ކަންކަން ކުރާނީ ކާކުތޯއެވެ؟

ސަރުކާރަށް ރާއްޖޭގެ މަސްލަހަތު ދިފާއު ނުކުރެވުމުން ގާސިމް ނުކުންނަވާ ކުރައްވަމުން އެ ގެންދަވަނީ އެ މަސައްކަތްޕުޅުކަން ނޭނގެނީ ކާކަށްބާވައެވެ؟

ގާސިމްގެ މެނިފެސްޓޯގައި ރާއްޖޭގެ ސަރަހައްދާއި މިނިވަންކަން ހިމާޔަތްކުރުމުގެ ވައުދުގެ ތެރެއިން ބޭރުގެ އެއްވެސް ފަރާތެއްގެ އަސްކަރީ ބޭހެއް ގާއިމްކުރުމުގެ ފުރުސަތު ނުދިނުމާއި، އިޓްލޮސް އިން ނިންމި ނިންމުމާއެކު ގައުމުން ގެއްލުނު ބައި އަނބުރާ ހޯދުން ހިމެނެއެވެ.

ރާއްޖޭގެ ސަރަހައްދު ވައިގެމަގުން ބެލެހެއްޓުމަށް އެއާފޯސްއެއް އަދި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ނޭވީއެއް އުފެއްދެވުމާއި، ރާއްޖޭގެ މިނިވަންކަން ރައްކާތެރިކުރުމަށް ޖާސޫސީ އިދާރާއެއް ގާއިމްކުރުމާއި ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ބޯޑަރު ސަރަހައްދު ބެލެހެއްޓުމާއި ރާއްޖޭގެ އެތެެރެއާއި ބޭރުން ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅާނެ ނިޒާމެއް ގާއިމްކުރުމާއި ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި އިންޓެލިޖެންސް ގާނޫނެއް ވުޖޫދުކުރުމުގެ ވައުދުތައް ހިމެނެއެވެ.

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން