ކެމްޕެއިނުގެ ތެރެއިން، ރިޔާސީ މެނިފެސްޓޯގައި ހިމެނުއްވި ވައުދުފުޅެއް ފުއްދަވައި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް ޤާސިމް އިބްރާހީމް، އެހެން ކެންޑިޑޭޓުންނަށް ލާމަސީލު މިސާލެއް ދައްކަވައި، ރައްޔިތުންގެ އިތުބާރު ހޯއްދަވައިފިއެވެ.
މައިގަނޑު 15 އަސާސެއްގެ މައްޗަށް ބިނާކޮށްފައިވާ ޤާސިމްގެ މެނިފެސްޓޯގައި، އިސްލާމީ ޝަހުސިއްޔަތާއި ގައުމިއްޔަރު ވަރުގަދަކުރުމުގެ 16 ވައުދެއް ހިމަނާފައިވެއެވެ. އޭގެތެރެއިން އެއް ވައުދަކީ، އެއް އަހަރުގެ ތެރޭގައި ގުރުއާން ތަފްސީރު، ދިވެހި ބަހުން ޝާއިއުކުރުމުގެ ވައުދެވެ.
އެ ވައުދުފުޅު ފުއްދަވައި ޤާސިމް އިބްރާހީމް ވަނީ، "ބަޔާންވެގެންވާ ފަސޭހަ ތަފްޞީރު" ގެ ނަމުގައި، ކީރިތި ޤުރުޢާނުގެ ތަރުޖަމާއާއި، ތަފްޞީރުގެ މައްޗަށް އެކުލެވޭ ވެބް ވާޝަން އެއް ތައާރަފްކުރައްވައި، އިފްތިތާހުކޮށްދެއްވާފައެވެ.
ޖުމްލަ ހަ ވޮލިއުމް އަކަށް ބަހާލައިގެން ތައްޔާރުކޮށްފައިވާ މި ވާޝަންގައި، ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅުތައް ވެސް، އޭގެ އެންމެފުރިހަމަ ގޮތުގައި ހިމަނާފައިވެއެވެ.
ވައުދުފުޅު ފުއްދަވައި ޤާސިމް އިބްރާހީމް ޤުރުޢާނުގެ ތަފްޞީރުގެ ވެބް ވާޝަން އެއް އިފްތިތާހުކޮށްދެއްވިއިރު، އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި 50،000 ހާޑް ކޮޕީ ޕްރިންޓު ކުރައްވައި، އާންމުންނާ ހަމައަށް ފޯރުކޮށްދެއްވާނެ ކަމަށެވެ.
ތަފްޞީރު އިފްތިތާހުކުރެއްވުމަށް ބޭއްވި ހަފްލާގައި، ތަފްސީރުގެ ޕްރޫފް ރީޑިންގެ މަސައްކަތްކުރެއްވި ބޭފުޅުން ކަމަށްވާ، އަބްދުﷲ އަބްދުލް މުޙުސިން އަދި އިޔާޒު ޖާދުﷲ ނަސީމް ވަނީ ވާހަކަފުޅުދައްކަވާފައެވެ.
ތަފްޞީރުގެ ވެބް ވާޝަންގެ ކޯޑިންގެ މަސައްކަތް ކޮށްފައިވަނީ ކަނޑުނޫގޭ މުހައްމަދު އިޤްބާލް އެވެ.
އިސްލާމީ ޝަހުސިއްޔަތާއި ގައުމިއްޔަތު ވަރުގަދަކުރުމުގެ ތެރެއަށް ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރޭގައި އިސްލާމް ދީންނޫން އެހެން ދީނަކަށް ފުރުސަތު ނުދިނުމާއި، އިސްލާމީ ޑިމޮކްރެޓިކް ދައުލަތެއްގެ ގޮތުގައި ނަމޫނާ ދެއްކުމާއި، ގުރުއާން ހިތުދަސްކުރާ ގައިދީންނަށް އަދަބު ލުއިކޮށް މައާފުކޮށްދިނުން ހިމެނެއެވެ.
އަދި ރާއްޖޭގެ ސަރަހައްދުތަކުގައި އިސްލާމިކް ސެންޓަރުތައް ގާއިމްކުރުމާއި، 65 އަހަރުން މަތީގެ 100 މީހުން ސަރުކާރުގެ ހަރަދުގައި ކޮންމެ އަހަރަކު ހައްޖަށް ފޮނުވުމާއި، ތައުލީމާއި ތަރުބިއްޔަތުގެ ތެރެއިން ދީނުގެ ސައްހަ އަގީދާ ފެތުރުމާއި، ދިވެހި ބަހުގެ ދީނީ ފޮތް އިތުރުކޮށް އިސްލާމީ ލައިބްރަރީއެއް ގާއިމްކުރުމާއި، 500 ހާފިޒުން އުފައްދައި 3000 ރުފިޔާގެ އެލަވެންސެއް ދިނުމާއި، ފަތުވާ މަޖިލިސް ހަރުދަނާކުރުންވެސް ހިމެނެއެވެ.
މީގެ އިތުރުން މަތީ ކޯސްތަކުން ދަސްވެނިވުމުގެ ކުރިން އިސްލާމީ އަހުލާގިއްޔާތު މޮޑިއުލްއެއް ކިޔަވައިދިނުމާއި، ފަތުވާ މަޖިލީހުގެ ލައަކީ ސަރުކާރުން އަަމަލުކުރަންޖެހޭ އުސޫލަކަށް ހެދުމާއި، ރާއްޖޭގައި ހަދާ ގާނޫނުތަކަކީ އިސްލާމީ ޝަރީއަތާއި އެއްގޮތްވާ ގަވާއިދުތަކާއި ގާނޫނުތަކެއްކަމުގައި ހެދުމާއި، ހެދޭ ގަވާއިދުތަކާއި ގާނޫނުތައް ކަށަވަރުކުރާ ޝަރުއީ ލަފާދޭ ގާނޫނީ ބާރު ލިބިދޭ ކޮނިޓީއެއް ގާއިމްކުރުމުގެ އިތުރަށް ދީނީ އިލްމުވެރިންގެ މަހާސިންދާތަކުން ނިންމާ ކަންކަމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ހިމެނުންފަދަ އުންމީދީ ވައުދުތަކެއް ވަނީ ހިމަނާފައެވެ.
ހަބަރު: ވީނިއުސް