ޤާސިމަށް ވޯޓް ދޭންވީ ސަބަބު އެމަނިކުފާނުގެ ޚާއްސަ ސިޓީއަކުން ތަފްސީލްކޮށްދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ޤާސިމަށް ވޯޓް ދޭންވީ ސަބަބު އެމަނިކުފާނުގެ ޚާއްސަ ސިޓީއަކުން ތަފްސީލްކޮށްދެއްވައިފި

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމަށް ވޯޓު ދޭންވީ ސަބަބު އެމަނިކުފާނުގެ ހާއްސަ ސިޓީއަކުން ރައްޔިތުންނަށް ތަފްސީލްކޮށްދެއްވައިފިއެވެ.

ޤާސިމް އިބްރާހީމް ސޮއިކުރައްވާ އާންމުކުރެއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އަޅުގަނޑުމެންގެ ލޮބުވެތި ޤައުމު މިއަދު މިއޮތީ ނުރައްކާ ފައްތަރެއްގައިކަމަށެވެ. މި ޤައުމަށް އެކި އެކި ސިޔާސީ ވެރީން ޖެއްސި މާލީ މުސީބާތްތަކުން ޤައުމު ސަލާމަތް ކުރުމަށް ތަޖްރިބާ ހުރި ޤައުމު ދެކެ ހަޤީޤީ ލޯބިވާ ވެރިޔަކު އިންތިޚާބުކޮށް އަވަހަށް މަސައްކަތް ނުފަށައިފިނަމަ މި ޤައުމާއި، ރައްޔިތުންގެ މިނިވަންކަމާއި ސިލްމާ ސަލާމަތް ނެތިދިއުމަކީ ވަރަށް ގާތުގައި އޮތް ކަމެއްކަމަށެވެ.

ޖެހިޖެހިގެން 10 އަހަރު ރާއްޖެއިން މިވަނީ ސޮވަރިން ދަރަނި އިތުރުކޮށްފައިކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ، ދަރަނި މިވަނީ ގާތްގަނޑަކަށް 120 ބިލިއަން ރުފިޔާ އަށްވުރެ މައްޗަށް އަރާފައިކަމަށެވެ. އަދި ކުރިއަށް އޮތް 5 އަހަރު ނިމޭއިރު ދަރަނި 165 ބިލިއަން ރުފިޔާ ގާތްކުރާނެ ކަމަށް ބެލެވޭކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ

"ހަމައެކަނި ރިޕޭމަންޓްތަކުގެ ގޮތުގައި އެކަނިވެސް 2026 ވަނަ އަހަރު 1 ބިލިއަން ޑޮލަރު ވުރެ ބޮޑު ޢަދަދެއް ރާއްޖެއިން ދަރަނިނަގާފައިވާ ޤައުމުތަކަށް ދައްކަން ޖެހެއެވެ. މިދަރަނިތައް އަނބުރާ ދެއްކޭނެ އަދި ރީސްޓަކްޗާ ކުރެވޭނެ ގޮތެއް ދަންނަ މީހަކަށް މެނުވީ މި ޤައުމު މި ހާލަތުން ސަލާމަތް ނުކުރެވޭނެއެވެ. އަވައްޓެރި ޝްރީލަންކާ ފަދައިން މި ރާއްޖެވެސް ޑިފޯލްޓް ވުމަކީ ދުރުގައި އޮތްކަމެއްނޫނެވެ. ހާލަތު މިހެން އޮތް އިރު، ވެރިކަމުގައި ތިބި ފަރާތްތަކުން ޤާނޫންއަސާސީއާއި ޤާނޫންތަކާއި ޚިލާފަށް މުޅި ދައުލަތުގެ ނިޒާމުތައް ފެއިލްކޮށް، ކަރަޕްޝަންގެ ތެރެއިން ވަކި ބަޔަކަށް މަގުފަހި ކޮށްދިނުން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ޒަރޫރީ އެންމެ ކުދި ބޭނުންތަކަށްވެސް ކޮރަޕްޝަން ބޭނުންކުރުން މިވަނީ މި ގައުމުގައި އާންމުވެފަ ނޫންތޯއެވެ؟ ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ނިކަމެތި ރައްޔިތުމީހާއަށް، އާސަންދަ ހަމަޖެހެނީވެސް ކޮންމެވެސް ވެރިޔަކަށް ދަންނަވައިގެން ވެރިކަންކުރާ ޕާޓީ އަށް ސޮއިކުރުމުންނެވެ." ޤާސިމްގެ ސިޓީގައި ވެއެވެ.

މިކަންކަން ފާހަގަކޮށް ސިޓީގައި ވަނީ ކޮރަޕްޝަނާއި ޚިޔާނާތުން ދުރުވެ، ދަރަނީގެ ދަންތޫރައިން މި ގައުމާއި، ރައްޔިތުން ސަލާމަތްކޮށް، ޤާނޫނުއަސާސީ އާއި ޚިލާފަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ބޭރުކޮށް، ސަރުކާރުން ޤަސްދުގައި ރާއްޖޭގެ ކަނޑުގެ އިޤްތިޞާދީ ސަރަޙައްދުން މޮރިޝަސް އަށް ދޫކޮށްލި ބައި އަލުން ހޯދުމަށް މަސައްކަތްކުރުމަށާއި، ޢަދުލުވެރިކަމާއި އެކު އިންސާފު ޤާއިމުކޮށް، ޤައުމުގެ އިޤްތިސާދު ހަމަމަގަށް އަޅުވައި ރައްޔިތުންނަށާއި ޤައުމަށް ލިބޭ ތަނަވަސްކަން އިތުރުކޮށް، އިލްމީ އަދި ފަންނީ ގޮތުން މި ރާއްޖޭގެ ރައްޔިތުން ކުރިއަރުވައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ބޯހިޔާވަހިކަން ފޯރުކޮށްދީ، ބޭސްފަރުވާ އަދި ސިއްހީ ރޮނގުން މި ރާއްޖެ ތަރައްޤީކޮށް، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖެ ކުރިއެރުވުމަށް، ތަޖްރިބާގެ އަލީގައި ޔަޤީންކަމާއެކު، ޤައުމު ހަމަމަގަށް އެޅުވުމަށް، ޤާސިމް އިބްރާހީމް އަށާއި، އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމްއަށް ވޯޓުދެއްވުމަށް އެދިވަޑައިގެންފައެވެ.

"ޤައުމު ހަމަމަގަށް އެޅުވުމަށް، އަޅުގަނޑު ޤާސިމް އިބްރާހީމް އަށާއި، އަޅުގަނޑުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް އަށް (ކެނޑިޑޭޓް ނަންބަރު 5) ވޯޓުދެއްވުމަކީ އަޅުގަނޑުމެންގެ ނުހަނު އިޚްލާޞްތެރި އާދޭހެކެވެ" ޤާސިމްގެ ސިޓީގައި ވެއެވެ.

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން