އިންތިހާބުގެ ކުރިން ގައުމީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމް ދެއްވާ ވަދާއީ ތަގުރީރު މިއަދު ހަވީރު އޮންނަ ރިޔާސީ ކެމްޕޭން ނިންމާލުމުގެ ބޮޑު ހިނގާލުމުގައި ދެއްވާނެކަމަށް ގާސިމްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
"ހާސްކަނޑާލާ ހަމަޖެހޭނެ" މިނަމުގައި ކުރިއަށްދިޔަ ހާއްސަ ކަވަރޭޖުގައި ވާހަކަދައްކަވަމުން އަލީ ވިދާޅުވީ މާދަމާ ވޯޓްކަރުދާހުގައި އޮންނަ 8 ނަމަށް ބަލާއިރު ޤާސިމް އިބްރާހީމަށް ފިޔަވައި ވެރިކަމުގެ މަސްއޫލިއްޔަތު ޑެލިވާ ކުރެވޭނެވަރުގެ ވިޝަނަރީ ޑައިނަމިކް ލީޑަރެއް ނެތްކަން ދިވެހި ހުރިހާ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި އަމިއްލަ ދިރިއުޅުމުގަ އެކަން އެމަނިކުފާނު ސާބިތު ކުރައްވައިފިކަމަށް ވެސް އަލީ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ މިއަދު ގައުމު އެދި ގޮވަނީ ޤާސިމްގެ ހިދުމަތަށް ކަމަށާއި ޤާސިމް ރާއްޖޭގެ ވެރިކަމަށް ވަޑައިގެން ކަންކަން ހައްލުކުރަންކަމަށެވެ. ޤާސިމްގެ ވެރިކަމެއްގައި އެންމެ އިސްވާނީ އިސްލާމްދީނާއި ކީރިތިރަސޫލާގެ ސުންނަތާއި ދަންނަ ބޭކަލުންގެ އިޖްމާއު އާއި ދީނުގައި އުޅެން އޮތް ގޮތުގެ އިތުރުން ޤާނޫނުއަސާސީ ކަމަށް އަލީ ވިދާޅުވިއެވެ. އެއަށްފަހު ދެން އޮންނަނީ ގައުމެއްގައި ކޮންސްޓިޓިއުޝަންކަމަށާއި މި ކޮންސްޓިޓިއުޝަންގެ ކޮންމެ މާއްދާއެއް ލަފްޒެއް އެ އުފެއްދި މާނައަށް ދަންދެން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ޤާސިމަށްކަމަށް އަލީ ވިދާޅުވިއެވެ.
އަލީވަނީ މިއަދު ހަވީރު 04:00 ގައި އޮންނަ ރިޔާސީ ކެމްޕޭން ނިންމާލުމުގެ ބޮޑު ހިނގާލުމުގެ ތަފްސީލްވެސް ދެއްވާފައެވެ.
އަލީ ވިދާޅުވީ "އާޓިފިޝަލް ބީޗް ސަރަހަށްދުން ހެންވޭރު ދަނޑާއި ހިސާބުން އަޅުގަނޑުމެންގެ ހިނގާލުން ފަށައިގެން މަޖީދީ މަގުން އަޅުގަނޑުމެން އައިސް ކުނޫޒަށް ނިންމާލާނީ. 6 ޖަހާއިރު އަޅުގަނޑުމެން ނިންމާލާނަން. މަޖީދީ މަގުގެ ތިން ސަރަހަށްދެއްގައި އަޅުގަނޑުމެން ސްޓޮޕް ކުރާނަން. އަދި ލީޑަރގެ އެންމެ ފަހުގެ ސްޕީޗް މިއަދު އޮންނާނެ ދިވެހި ގައުމާ މުހާތަބްކޮށް މި އިންތިހާބުގަ ދެއްވާ. އެހެންވީމާ އަޅުގަނޑު ވަރަށް ބޮޑަށް އެދެން ޤާސިމް އިބްރާހީމަށް ހެޔޮއެދިލައްވާ ހުރިހާ ފަރާތްތަކުން މި ސުލްހަވެރި ހިނގާލުމުގައި އެމަނިކުފާނު މިގައުމަށް މިކޮށްދިން އަގުހުރި ހިދުމަތުގެ އަގުވަޒަން ކުރައްވާ މި ހިނގާލުމުގައި ބައިވެރިވެވަޑައިގަންނަވާ އެމަނިކުފާނާއި އެކު މިއަދު ވަޑައިގަންނަވަން. އެއީ މިއަދު އެމަނިކުފާނު ދެއްވާނީ އަޅުގަނޑު ގަބޫލްކުރާ ގޮތުގައި އެމަނިކުފާނު ދެއްވާނެ އެންމެ މުހިންމު އެއް ތަގްރީރް." ކަމަށެވެ.
ޤާސިމް އިބްރާހީމް ރިޔާސީ ކެމްޕޭނުގައި ވަނީ 21 ދުވަހުގެ ތެރޭގައި 72 ރަށަކަށް ވަޑައިގެންފައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމުމަށް ހިފާފައިވާއިރު، އިންތިހާބީ މައިދާނުން އެންމެ ހަރަކާތްތެރިކޮށް ފެނިފައިވަނީ ޖުމްހޫރީ ޕާޓީއެވެ.
އޮނަރަބަލް ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ކަށަވަރުކޮށްދޭނެ ކަމަށް ވައުދުވެ ދެއްވި ޔަގީންކަމުގެ މައްޗަށް ޖުމްހޫރީ ޕާޓީގެ ހިއްސާއާއެކު ގާއިމްވި ސަރުކާރުގެ ސަބަބުން ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވައި ރައްޔިތުންގެ އިސްލާހީ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގެ އަޒުމުގައެވެ.
ހަބަރު: ވީނިއުސް