ފާއިތުވި 3 ދައުރަށް ބެލި ނަމަވެސް އެންމެ ގިނަ ޢަދަދެއްގެ ދިވެހިންނަށް ރަފުޟު ޙައްޖު އަދާކުރުމުގެ ފުރުޞަތު ލިބިގެންދިއައީ 2 ވަނަ ދައުރު، ޕީޕީއެމްގެ ވެރިކަމުގައެވެ. ރާއްޖެއަށް ދެމުން އައި 1000 މީހުންގެ ކޯޓާ ދެގުނައަށް އިތުރުވެ 2000 އަށް ބަދަލުވެގެންދިއަކަން ފާހަގަކުރެވެއެވެ.
ހަމައެއާއިއެކު ސަރުކާރުގެ ކުންފުނިތަކުންނާއި އަދި އެކި ގޮތްގޮތުން ސަރުކާރުގެ އެހީތެރިކަން ލިބިގެން ޙައްޖުގެ ފަރުޟު އަދާކުރުމުގެ ފުރުޞަތު އެންމެ ގިނަބައަކަށް ލިބިގެންގޮސްފައިވަނީވެސް ޕީޕީއެމްގެ ވެރިކަމުގައެވެ. ޕީޕީއެމްގެ ވެރިކަން ނިމުމާއިއެކު ޙައްޖުކޯޓާއަށް އިތުރަށް ލިބެމުން އައި 1000 މީހުންގެ ކޯޓާ ލިބުން ވަނީ ހުއްޓިފައެވެ.
ޙައްޖުވުމަށްޓަކައި ފައިސާ ދައްކައިގެން މިހާރު ތިބި މީހުންނަށް، މިހާރު މިލިބޭ ކޯޓާއިން ޙައްޖުވާނަމަ 5، 7 އަހަރަށް ދެމިގެންދާނެކަމަށް ބެލެވިފައިވާއިރު ވީހައި ގިނަ ބައަކަށް ވީހައި އަވަހަކަށް ޙައްޖުވެވުމަކީ ގިނަ ބައަކު އެދޭނެ ކަމެކެވެ.
ޕީޕީއެމްގެ ވެރިކަމަކަށް ރައްޔިތުން ފުރުޞަތު ދީފިނަމަ އިސްލާމިކް މިނިސްތަރުކަން ކުރައްވާނީ ކުރިންވެސް އިސްލާމިކް މިނިސްތަރުކަން ކުރައްވާފައިވާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
މިސަރުކާރުގެ އިސްލާމިކް މިނިސްޓަރަކަށް ވެވަޑައިގަތުމަށް އެތައް ފަހަރެއްގެ މަތިން ޑރ. ޝަހީމަށް އެރުވި ފުރުޞަތު އެމަނިކުފާނު ވަނީ ޤަބޫލުފުޅު ނުކުރައްވަވައިފައެވެ. ޤަބޫލުކުރެވޭ ގޮތުން އެއީ މިނިވަންކަމާއިއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭނެތީއެވެ.
ޑރ. ޝަހީމް އަކީ ރާއްޖެއަށް ޙައްޖު ކޯޓާ އިތުރަށް ހޯއްދަވައި ދެއްވުމަށް އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅެކެވެ. އެހެންކަމުން ޕީޕީއެމްގެ ވެރިކަމެއް އަލުން ޤާއިމުކުރެވިއްޖެނަމަ ޙައްޖު ކޯޓާ އިތުރުވެ ގިނަ ބައަކަށް ފަސޭހަކަމާއިއެކު ޙައްޖުވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ.