ޢިބްރަތްތެރި ވާހަކަ: ފަޤީރު ޙާލުގަވެސް ފިރިމީހާ އިތުރު އަންހެނަކުދެކެ ލޯބިވުމުން ލިބުނު ނިކަމެތިކަމުން އަރައިގަންނަން އަނބިމީހާ ޢަމަލުކުރި ބުއްދިވެރި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ޢިބްރަތްތެރި ވާހަކަ: ފަޤީރު ޙާލުގަވެސް ފިރިމީހާ އިތުރު އަންހެނަކުދެކެ ލޯބިވުމުން ލިބުނު ނިކަމެތިކަމުން އަރައިގަންނަން އަނބިމީހާ ޢަމަލުކުރި ބުއްދިވެރި ގޮތުގެ ވާހަކަ-

ކައިވެންޏަށް އެއިރު 5 ވަނަ އަހަރެވެ. 2 ދަރިން ވަނީ ލިބިފައެވެ. ތަނަވަސްކަން ނެތުމުން ދިރިއުޅެމުން ދިއައީ 1 ކޮޓަރީގައެވެ. ކައްކައި ކައިހަދަނީވެސް ހަމައެކޮޓަރީގައެވެ. 

ފިރިމީހާ ޒުވާން އަންހެން ކުއްޖަކާއި ގުޅި ޚަރަދުކުރަން ފެށުމުން އިތުރަށް ނިކަމެތިވިއެވެ. ސުވާލުކުރުމުން ހަދަނީ ދޮގެވެ. އެއްބަހެއް ނުވެއެވެ. އެފަދަ ޙާލެއްގައި އުޅޭތާ ހައަކަމަސް ވީފަހުން ފިރިމީހާ ގުޅިގެން އުޅެނީ ކޮންކުއްޖަކާއިކަން އެނގުމުން އެކުއްޖާ އާއި ބައްދަލުކޮށް އަހުރެމެން ދިރިއުޅޭ ގެއަށް ދަޢުވަތުދިނީމެވެ. 

އަހުރެންގެ ދަޢުވަތު ޤަބޫލުކޮށް އޭނާ ކޮޓަރިއަށް އައުމުން މަރުޙަބާކިޔައި ދިރިއުޅެމުން އަންނަ ޙާލު ކިޔައިދިނީމެވެ. އަދި ދެމީހުންގެ ދިރިއުޅުމަށް ހުރަސް އަޅަން ބޭނުން ނޫން ކަމަށް ބުނެ އަވަހަށް ކައިވެނިކުރަން ހިތްވަރުދިނީމެވެ. 

އޭނާއަށް ބުނެވުނެވެ. "ފިރިމީހާގެ ދަރިން ތިބޭ ވާހަކައެއް ނުބުނެއެވެ. ބުނީ އަނބިމިހާ ގޮވައިގެން އުޅެނީ އޭނާގެ ގޭގައި ކަމަށެވެ. އެހެންވެ ކައިވެނިކޮށްގެން މިގެއަށް ނުގެނެވޭނެ ކަމަށާއި އަހަރެންނަށް އިންނަން ޖެހޭނީ އަހަރެންގެ މައިންބަފައިންގެ ގާތުގައި ކަމަށެވެ. ކައިވެނި ނުކުރެވި ލަސް މިވަނީވެސް އެހެންވެގެންނެވެ." 

އަޅުގަނޑު ބުނީމެވެ. "އެބުނީ ތެދެކެވެ. މިގެއަކީ އޭނާގެ މައިންބަފައިންގެ ގެއެވެ. އެކަމަކު އޭނާއަށް ލިބުނީ މިކޮޓަރިއެވެ. ދަރިން ގިނަވީމާ ކޮންމެ ކުއްޖަކަށްވެސް ލިބުނީ ކޮޓަރިއެކެވެ. ދެން އޭނާ ނުބުނި ނަމަވެސް ތިއަ 2 ދަރިންގެ ބައްޕައަކީ އޭނާއެވެ. އެކަން ބަދަލެއް ނުވާނެއެވެ." 

އެހިސާބަށް ވާހަކަ ދިއަތަނާ ފިރިމީހާ ގެއަށް އަތުވެއްޖެއެވެ. އޭނާގެ ޙަޤީޤަތް ބޭޒާރުވެއްޖެކަން އެނގުމުން ވަރަށް ރުޅިގަދަވިއެވެ. އެވަޤުތު އެއަންހެންކުއްޖާ ބުންޏެވެ. "ކޮންމެހެން ރުޅި އަންނަން ހަދާނެކަމެއް ނެތެވެ. ކަލޭ ހެދި ދޮގުތަކާ ކުރިކަމެއް ކަލެއަށެވެ. ކަލޭގެ ހުރި ބޮޑުގެވެސް ފެނިއްޖެއެވެ. 2 ދަރިންގެ ބައްޕަކަންވެސް އެނގިއްޖެއެވެ. އަހުރެންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ރުޅިވެރިކަމެއްވެސް ނެތެވެ. މިހިސާބުންވެސް ކަލޭގެ ޙަޤީޤަތް އެނގުނީތީ ﷲ އަސް ޝުކުރުވެރިވަމެވެ. އަހުރެން މިދަނީއެވެ. ދެންވެސް އިތުރު އަންހެނަކަށް ދޮގުނުހަދައި މިތިބި ކުޑަކުޑަ 2 ދަރިން ގޮވައިގެން އަނބިމީހާ އާއިއެކު ދިރިއުޅެން މަސައްކަތްކުރިއްޔާ ފައިދާކުރާނެއެވެ." 

އެހެން ބުނެފައި އޭނާ ނުކުމެގެން ދިއައީއެވެ. ފިރިމީހާ ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުދެމެވެ. އަނގައިން ނުބުނެ ހުރީއެވެ.

ލިބުނު އުފާވެރިކަމަކީ އެއިގެ ފަހުން ފިރިމީހާ އިޞްލާޙްވިއެވެ. އެއިގެ ފަހުން މިހާރު 10 އަހަރުވީއެވެ. އެފަދަ މައްސަލައެއް ނުޖެހެއެވެ. ފިރިމީހާއަށް ލިބޭ އާމްދަނީ އިތުރުވެ ދިރިއުޅުމަށްވެސް ވަނީ ކުރިއެރުން ލިބިފައެވެ. އިން ޝާ ﷲ 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ޖެހުނު މައްސަލަ އާއި މައްސަލައިން އަރައިގަނެވުނު ގޮތެވެ. މިކިޔައިދިން ވާހަކަކޮޅުން ފައިދާއެއް ކޮސްފިނަމަ އަޅުގަނޑުގެ ބޭނުން ޙާޞިލްކުރެވުނީއެވެ. 

- ޢަރޫޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން