ގުޅިފައިވާ ޕާޓީތައް (އިދިކޮޅު ކޯލިޝަން) ގެ ލީޑަރުންގެ މެދުގައި ޙާއްސަ ބައްދަލުވުމެއް މިއަދު ބާއްވާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެނގިފައިވާ ގޮތުން މިއަދު 1400 ގައި މި ބައްދަލުވުން ކުރިއަށްދާނެ އެވެ. ހޮޓެލް ޖެންގައި ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ މި ބައްދަލުވުމުގައި ގުޅިފައިވާ އިއްތިހާދުގައި ހިމެނި ވަޑައިގަންނަވާ އިސް ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
މިއީ ދުވަސްތަކަށް ފަހު، ހަތަރު ލީޑަރުން އެއްތަނަކުން ބައްދަލުވާނެ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަމެވެ.
ހަތަރު ލީޑަރުން މިއަދު ބައްދަލު ކުރައްވާ އިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކެބިނެޓު އެކުލަވާލުމާއި ބެހޭ ކަންތައްތަކާއި، ކުރިއަށް އޮތްތަނުގައި ކަންތައްތައް ކުރިއަށް ގެންދާނެ ގޮތާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެނގިފައިވެއެވެ.
މީގެ އިތުރުން އިންތިޙާބީ ރައީސް އަދި ނައިބު ރައީސް ހުވާކުރެއްވުން ހޮނިހިރު ދުވަހު އޮންނާނެ ކަން ފަހަގަކޮށްލަމެވެ.
ލިޔުނީ: ޒިދާން މުޙައްމަދު