ރާއްޖޭގެ އިސްތިގުލާލު ކަށަވަރު ކުރަން އެއްބާރުލުން ދިނުމަށް އިންޑިއާ ސަފީރުގެ އަރިހުން އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ރާއްޖޭގެ އިސްތިގުލާލު ކަށަވަރު ކުރަން އެއްބާރުލުން ދިނުމަށް އިންޑިއާ ސަފީރުގެ އަރިހުން އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފި

ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލް ކަށަވަރުކުރުމަށް ރައްޔިތުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމުގައި އިންޑިއާއިން އެއްބާރުލުން ދެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރްގެ އަރިހުން މިއަދު އެދިވަޑައިގެންފިއެވެ.

ޑރ. މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައި މިއަދު އެމަނިކުފާނު ވަނީ ހަތަރު ގައުމެއްގެ ސަފީރުންނާ ބައްދަލު ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލާ އާއެވެ. އަދި، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެންގް ލިޒިންއާއި އިންޑިއާ ސަފީރުގެ އިތުރުން ޔޫއޭއީގެ ސަފީރާ ވެސް ބައްދަލު ކުރެއްވިއެވެ.

އިންޑިއާ ސަފީރާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ޑރ. މުއިއްޒު ވަނީ އިންޑިއާއާއެކު އެމަނިކުފާނުގެ ޒައާމަތެއްގައި އޮންނާނެ ގުޅުމުގެ އަސާސްތައް ސަފީރާ ހިއްސާ ކުރައްވާފައެވެ. އެގޮތުން އިންޑިއާ އެކު އޮންނަ ގުޅުން ސިޔާދަތީ އިޙުތިރާމުގެ އަސާސްތަކުގެ މައްޗަށް އިޢާދަކުރައްވައި، ޒަމާނުއްސުރެ އިންޑިއާއާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ޚާއްސަ ގުޅުން ހަރުދަނާކުރައްވައި އިތުރު އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

އަދި ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ސިޔާދަތީ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް، ދިވެހި ރައްޔިތުން ނިންމެވި ނިންމެވުން ތަކުރާރުކުރައްވަވައި، އެ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ހިގަމުންމިދާ ސަރުކާރުން، އިންޑިއާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އުއްމީދުކުރައްވާކަން ފާހަގަކުރެއްވެވިއެވެ.

ޗައިނާ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްގީއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވަވައި، ފެށިގެންދާ އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއި ބައިވެރިވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

ޗައިނާ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެއިތުރުން، ޔޫއޭއީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލު ކުރައްވައި ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގައި ޔޫއޭއީ އާއެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

އަދި ދެ ގައުމުގެ ގުޅުމުގެ ތެރެއިން، ޢަރަބި އިސްލާމީ ގައުމުތަކާ އޮންނަ ގާތްކަން މިހާރަށްވުރެ ބަދަހިވެގެންދިޔުމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާކަން ފާހަގަކުރެއްވެވިއެވެ. ޑރ. މުއިއްޒު ވަނީ ޔޫއޭއީގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށާއި ދިވެހި ދަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށް ފަހި ކޮށްދެއްވަމުން ގެންދަވާ ފަސޭހަ ތަކަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

 

 

 

 

ހަބަރު: ވީނިއުސް

 

މިއަދު އޮންލައިން