ހުކުރު ދުވަހުގެރޭ ފަތިހު ހަމާސްއިން އެންމެ ފުރަތަމަ އިސްރާއީލުގެ ތެރެއަށް ފޮނުވާލީ 5،000 އަށްވުރެ ރޮކެޓާއި މިސައިލެވެ.
ރޮކެޓުގެ ވާރެއާއެކު ހަމާސްގެ ބޮޑު ފައުޖެއް، އިސްރާއީލާއި، ޣައްޒާ ވަކިކުރަން އިސްރާއީލުން ޖަހާފައިވާ ސެކިއުރިޓީ ފެންސަށް ކުއްލި ހަމަލާދީ، އިސްރާއީލު ސިފައިންގެ އެތައް ޕޯސްޓެއް ހިފިއެވެ. އަދި އެ ޕޯސްޓުތަކަށް ދިން ހަމަލާތަކުގައި ސިފައިންގެ އެތައްބަޔަކު މަރުވެ، ދިރިތިބި އެންމެން ހައްޔަރު ކުރިއެވެ.

ހަމާސްގެ ހާހެއްހާ މުޖާހިދުން އިސްރާއީލުގެ ތެރެއަށް އިއްޔެގެ ފަތިހާ ވަދެގަތެވެ. އެއީ، ޣައްޒާ ކައިރީގައި އިސްރާއީލުން ހިފާފައިވާ ފަލަސްތީނު ބިންތަކުގައި ހަދާފައިވާ އިސްރާއީލުގެ އަވަށްތަކެވެ.
މުހާހިދުން ފައުޖު ފައުޖަށް އިސްރާއީލުގެ ތެރެއަށް ވަދެގަނެ، ސިފައިންނަށް ހަމަލާދީ އެތައް ސަރަހައްދެއް އިއްޔެ ހިފިއެވެ. ހަމަލާތަކުގެ ތެރޭގައި މަރުވި ބަޔަކު މަރުވެ، އަތުޖެހުނު ބަޔަކު ވިއްޔާ ގެންދިޔައީ އަސީރުންގެ ގޮތުގައި ހައްޔަރު ކުރަމުންނެވެ.
ހަމާސްގެ ހަމަލާތަކުގައި ސިފައިން ހިމެނޭގޮތުން މިހާތަނަށް އިސްރާއީލުގެ 600 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ހާހަކަށްވުރެ ގިނަ މީހުން ހަމާސްއިން ވަނީ ހައްޔަރު ކޮށްފައެވެ.
ހަމާސްއިން ހައްޔަރުކުރި އިސްރާއީލު ސިފައިންގެ ސީދާ އަދަދެއް އަދިވެސް ސާފެއް ނުވެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެތައް ސިފައިންނަކަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. ގެއްލިފައިވާ މީހުންގެ ނަންތަކާއި ފޮޓޯތައް ހިއްސާކުރުމަށް އަސްކަރިއްޔާއިން މިހާރުވަނީ އާންމުކޮށް އިއުލާންވެސް ކޮށްފައެވެ.
ޣައްޒާއާ އިންވެގެން އޮންނަ އިސްރާއީލުގެ ދެކެނުގެ ރަށްތަކަށް ވަދެފައިވާ ހަމާސްގެ މުޖާހިދުން ހުއްޓުވުމުގައި އިސްރާއީލު ސިފައިންވަނީ ނުކުޅެދިފައެވެ. މުޖާހިދުން ބަލިކުރެވޭގޮތެއް ނުވެއެވެ.
މިހެން ކަންއޮއްވައި، އިސްރާއީލުގެ ތެރެއަށް ހަމާސްގެ އިތުރު އެތައްސަތޭކަ މުޖާހިދުންނާއި، ހަތިޔާރު މިއަދުވަނީ އެތެރެކޮށްފައެވެ. މިއާއެކު، މުޖާހިދުންގެ ހަމަލާތައް އިތުރަށް ވަރުގަދަ ވެގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން، އިސްރާއީލުގެ އިތުރަށް ރަށްތައް ހިފައި، މިޖާހިދުން އިތުރަށްވަނީ ކުރިއަށް ޖެހެން ފަށާފައެވެ.
އިއްޔެ ހަމަލާތައް ފެށުމާއެކު، ހަމާސްގެ މުޖާހިދުންގެ މަސައްކަތުން، އިސްރާއީލުން ކުރިން ހިފައި އަމިއްލަ ކޮށްފައިވާ ފަލަސްތީނުގެ ބިމުގެ ބޮޑުބައެއް ވަނީ އަލުން ހިފާފައެވެ. އިއްޔެ އަލުން ހިފީ ކުރިން ޣައްޒާގެ ބިމުގެ ދެގުނަ ބޮޑު ސަރަހައްދެކެވެ.
އަދި މުޖާހިދުންގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ފުޅާކޮށް މިއަދުވަނީ އަލުން ހިފި ބިމުގެ ސަރަހައްދު އިތުރަށް ފުޅާކޮށްފައެވެ. މުޖާހިދުން ކުރިއަރަމުން އަންނަނީ ހުޅަނގު އައްސޭރިއާ ދިމާއަށެވެ.

އިސްރާއީލުން ފަލަސްތީނު ބިންތަކަށް ވެރިވެގަތުމަށްފަހު ހުޅަނގު އައްސޭރިއާއި ޣައްޒާ އޮންނަނީ މުޅީން ވަކިކޮށްފައެވެ. ހުޅަނގު އައްސޭރީގެ މީހުންނަށް ޣައްޒާއަށް އަދި ޣައްޒާ މީހުންނަށް ހުޅަނގު އައްސޭރިއަށް ދެވެނީ އިސްރާއީލަށް ވިސާ ފޯމުލައި، އިސްރާއީލުން ހުއްދަ ދިނުމުންނެވެ.
މިހާރު މަންޒަރު ފެންނަގޮތުންނާއި، އަމާޒު ހުރިގޮތުން ހަމާސްގެ މުޖާހިދުންގެ މިސްރާބު ހުރީ ސީދާ ހުޅަނގު އައްސޭރިއާ ދިމާއަށެވެ. އެ ދެމެދުގައި ގާތްގަނޑަކަށް މިހާރު ހުރީ 10 ވަރަކަށް ކިލޯމީޓަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިރުމަތީ ގުދުސް ހިމެނޭގޮތުން އިސްރާއީލުން މުޅި ހުޅަނގު އައްސޭރި ހިފާފައިވަނީ 1967 ވަނަ އަހަރު އަރަބި ބައެއް ގައުމުތަކާއެކު ކުރި 6 ދުވަހުގެ ހަނގުރާމައިގައެވެ. ހުޅަނގު އައްސޭރި ހިފުމަށްފަހު، ބައެއް ބިންތަކުން ފަލަސްތީނު ރައްޔިތުން ބޭރުކޮށް، އެ ބިންތަކަށް ވެރިވެގަނެ، ޔަހޫދީ އެތައް އާބާދީއެއް ހަދައި، އިސްރާއީލުގެ އެތައްހާސް މީހުން ވަޒަންވެރި ކޮށްފައި ވެއެވެ.
އެހެންނަމަވެސް، އިސްރާއީލުން ހެދި އެއްވެސް އާބާދީއެއް ދުނިޔެ ގަބޫލެއް ނުކުރެއެވެ. 6 ދުވަހުގެ ހަނގުރާމައިގެ ފަހުން އިސްރާއީލުން އަމިއްލަކުރި އެއްވެސް ބިމެއް އދއިންވެސް ގަބޫލެއް ނުކުރެއެވެ.
ނުވިތާކަށް، އިސްރާއީލުގެ ވެރިރަށަކަށް އިރުމަތީ ގުދުސް ފަހުން ހެދުންވެސް ދުނިޔެ ގަބޫލެއް ނުކުރެއެވެ.
އދއާއި، ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރަނީ، 1967 ގެ ހަނގުރާމައިގެ ކުރިން ފަލަސްތީނުގެ ބޯޑަރު އޮތް މިންވަރަށް އިސްރާއީލު ފަހަތަށް ޖެހެން ޖެހޭނެ ކަމަށެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތް އުފައްދައި، އެ ދައުލަތުގެ ވެރިރަށަށް ވާންޖެހޭނީ އިރުމަތީ ގުދުސް ކަމަށެވެ. އެކަމަކު، އިސްރާއީލު އޮންނަނީ ގަދަހަދައިގެންނެވެ.
ހަމާސް ޖަމާއަތުގެ މުޖާހިދުން މިހާތަނަށް އަލުން ހިފި ބިންތަކަށް ބަލާއިރު، ހުޅަނގު އައްސޭރިއާއި، ޣައްޒާ އަލުން ގުޅިގެންދާނެއެވެ. އިރުމަތީ ގުދުސް ފަލަސްތީނުގެ ކޮންޓްރޯލްގެ ދަށަށް އައުމަކީ، މަސްޖިދުލް އަގްސާގެ ފުރިހަމަ ކޮންޓްރޯލް ފަލަސްތީނަށް ލިބުމެވެ.
ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާއަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. މި ބިންމަތީގައިވާ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާއެވެ.
ހަމާސްއިން އިސްރާއީލާ ދެކޮޅަށް "އަލް-އަޤްސާ ފްލަޑް" ގެ ނަމުގައި ވަރުގަދަ އޮޕަރޭޝަނެއް ފެށީވެސް، އިސްރާއީލާއި، ޔަހޫދީ ވަޒަންވެރިން ތަކުރާރުކޮށް އަގްސާ މިސްކިތަށް ހަމަލާދިނުމާއި، މިސްކިތުގެ ހުރުމަތް ކެނޑުމާއި، ފަލަސްތީނު ރައްޔިތުން މަރައި، ގެދޮރު ހަލާކުކޮށް މަގުމަތިކުރަމުންދާތީ، އެކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރު ކުރުމުންވެސް ނުހުއްޓުމުންނެވެ.
ހަމާސްގެ ކުއްލި ހަމަލާގެ ވަރުގަދަކަމުން އިސްރާއީލު އޮތީ ސިހި، ބިރުވެރިކަމެއްގެ ތެރޭގައެވެ. ސިފައިންނަކަށް ކޮންޓްރޯލް އަނބުރާ ނުނެގުނެވެ.

ނަތަންޔާހޫ ކަށިން ހިތްވަރު ނެރެގެން، ބިރު ދައްކަމުން ދަނިކޮށް، އުތުރުފަޅިން ހިޒްބުﷲގެ ފަރާތުން ހަމަލާތައް އަންނަން ފެށުމުން އެ ދިމާއަށް ސިފައިން ފޮނުވައިގެން އެބައުޅެއެވެ. ވާނެގޮތެއް އަދި ނޭނގެއެވެ.
ހަމާސްގެ ހަމަލާތައް ކުށްވެރި ކުރުން ފިޔަވައި، އިސްރާއީލަށް ހުރިހާ ޖަރީމާއެއް ހިންގަން ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުންވެސް މާބޮޑު އެހީތެރިކަމެއް ނުދޭތީއާއި އިސްރާއީލު ސަލާމަތްކުރަން ނާންނާތީ، އެކަމާވެސް އިސްރާއީލު ކަންބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއަދުނޫސް / ޚާއްޞަ ރިޕޯޓް