ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ވެންޓިލޭޓަރަށް ލުމަށްފަހު މިސްކިތުގަ އަޅުކަމުގަ ވަގުތު ހޭދަކުރި މީހެއްގެ އަނބިމީހާ ގަދަވުން- ލިބިގަންނަންޖެހޭ ފިލާވަޅު ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ވެންޓިލޭޓަރަށް ލުމަށްފަހު މިސްކިތުގަ އަޅުކަމުގަ ވަގުތު ހޭދަކުރި މީހެއްގެ އަނބިމީހާ ގަދަވުން- ލިބިގަންނަންޖެހޭ ފިލާވަޅު ބޮޑު!

މީހަކު ބަލިވެއްޖެނަމަ އަހުރެމެންނަށް ގިނައިން މިކުރެވޭކަމަކީ އެކަމާއި ކަންބޮޑުވެ ދެކޮޅަށް ދުވުމެވެ. ނުވަތަ އެމީހާގެ ވަށާލައިގެން ގިނަ ބައަކު ގިނައިރު ތިބުމެވެ. އެންމެ މުހިންމު ކަންތައް އޮންނަނީ ހަނދުމަނެތިކޮށްލިފައެވެ. އެއީ އަޅުކަންކޮށް އޭނާއަށް ޝިފާ ދެއްވެވުން އެދި ދުޢާކުރުމެވެ. 

ތިރީގައި އެވަނީ މިއަދުނޫހަށް އެނގި ޔަޤީންވާ ޙަޤީޤީ ޙާދިސާއެއްގެ ވާހަކައެވެ. މިވާހަކަ މިގެނެސްދެނީ މިފަދަ ކަންކަން ހަނދާންކޮށްދިނުމަކީ އެގޮތަށް ޢަމަލުކުރަން ހިތްވަރުލިބޭނެ ކަމަށްވާތީއެވެ. އިން ޝާ ﷲ 

ކައިވެންޏަށް 15 އަހަރެވެ. ދެއްވެވި 3 ވަނަ ދަރިފުޅު ވިހަންޖެހުނީ ކޮވިޑުޖެހިގެން ހުރެއެވެ. ވިހަން ލ. އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުން ކޮވިޑް ބަލީގެ އަންހެނުން އެހޮސްޕިޓަލުގައި ވިއްސެން ނެތުމުން ފޮނުވީ މާލެއެވެ. 

އައިޖީއެމްއެޗަށް ގެނައިތަނާ ﷲ ގެ ރަޙްމަތްފުޅުން ވިހެއީ އެއްވެސް އުނދަގުލެއް ނެތިއެވެ. ދެމައިންގެ ޙާލުވެސް ރަނގަޅުކޮށް ހުރެފައި ކަންތައްތައް އަންތަރީހަށް ދިއައީ ކުއްލިއަކަށް މައިމީހާގެ ޙާލުބޮޑުވެ ވެންޓިލޭޓަރަށް ލާންޖެހުމުންނެވެ. 

އަނބިމީހާ ވެންޓިލޭޓަރަށް ލުމަށްފަހު ފުރަތަމަވެސް ފިރިމީހާ އަވަސްވެގަތީ މިސްކިތަށް ދިއުމަށެވެ. "އަޅުގަނޑު އަބަދުވެސް ޔަޤީންކުރަނީ ކޮންމެ ކަމެއްވެސް މިންވަރުކުރައްވަވާނ ﷲ ތަޢާލާކަން. އަދި ހިންމަވައި ދެއްވަވާނީވެސް ހަމަ ﷲ ތަޢާލާކަން." ފިރިމީހާ ބުނެފައިވެއެވެ. 

އަނބިމީހާ ޑީއެޗް11 ގަ ވެންޓިލޭޓަރުގައެވެ. ފިރިމީހާ މިސްކިތްތަކުގައެވެ. ދުޢާކުރުމާއި އަޅުކަންކޮށް ހެޔޮ ޢަމަލުތައް ކުރުމަށެވެ. "އަޅުގަނޑުގެ މަސައްކަތަކަށް ހެދީ ވީހައި ގިނައިން އަޅުކަންކުރުން. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުން. ދުޢާކުރުން. ވީވަރަކުން ޞަދަޤާތް ކުރުން." 

"ﷲ ތަޢާލާގެ ރަޙްމަތްފުޅުން 39 ދުވަސްފަހުން މިހާރު އަނބިމީހާވަނީ ވެންޓިލޭޓަރުން ނަގާފަ. އަޅުގަނޑަށް ބައްދަލުކުރެވޭ، ވާހަކަވެސް ދެއްކޭ. ޝުކުރު އަލްޙަމްދުލިﷲ. ﷲ ތަޢާލާއަށް ދަރާފައިވާ ދަރަނީގެ ކޮޅެއްވެސް ނެތް. އަނބިމީހާއާއި ދިރިހުއްޓައި ބައްދަލުކުރެވޭނެ ކަމާއިމެދު ކަންބޮޑުވާންޖެހޭ މިންވަރުގައި އެތައް ދުވަހެއް ފާއިތުވެގެންދިއަ. ނަމަވެސް އަޅުގަނޑު އެންމެ ފަހަރަކުވެސް އުންމީދު ކަނޑައެއް ނުލަން." 

"މިފުރުޞަތުގައި އަނބިމީހާއަށް ބޭސްފަރުވާކޮށްދިން ޑޮކްޓަރުންނާއި ނަރުހުން އަދި ހުރިހާ ޞިއްޙީ ޚިދުމަތްތެރިން ކޮށްދިން ބުރަ މަސައްކަތާއި ބަހައްޓައިދިން ފަރުވާތެރިކަމަށްޓަކައިވެސް ވަރަށް ބޮޑަށް ޝުކުރުވެރިވަން." ފިރިމީހާ ބުނެފައިވެއެވެ. 

މިކަންކަން މިގޮތަށް ހިނގައި ދިއައީ މިއަދުނޫހަށް ވަރަށް ރަނގަޅަށް އެނގިގެންނެވެ. ވަރަށް ގިނަ ނަމާދުތަކަށްފަހު ފިރިމީހާ އާއި ބައްދަލުވެ މައުލޫމާތު އައީ ވަރަށް ގާތުން ލިބެމުންނެވެ. 

ޔަޤީންވެގެން މިދަނީ ހަމަ އެއް ކަމެކެވެ. ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމުން ހިންމަވައި ދެއްވަވާނެ ކަމެވެ. ދެރަގޮތެއް އިރާދަ ނުކުރައްވަވާނެ ކަމެވެ. މާޔޫސް ނުކުރައްވަވާނެ ކަމެވެ. 

މިއީ އަނބިމީހާ ވެންޓިލޭޓަރަށް ލުމުން މިސްކިތުގައި ވަގުތު ހޭދަކުރުން އިތުރުކޮށް ހެޔޮ އަމަލުކުރުން އިތުރުކުރިކަން މިއަދުނޫހަށް ޔަޤީންކުރެވުނު 2 ވަނަ މީހާއެވެ. ފުރަތަމަ މީހާގެ އަނބިމީހާވެސް ވަނީ ތަޢާލާގެ ރަޙްމަތްފުޅުން ބަލިން ފަސޭހަވެފައެވެ. 

އެނގި ޔަޤީންވެގެން މިދަނީ ބައިވެރިޔާއަށް ނަމަވެސް ބޮޑުކަމެއް ކުރިމަތިވުމުން ބޯގޮއްވައި ބޯތެޅުމުގެ ބަދަލުގައި ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރުމުން އެމީހަކަށް އުފާވެރިކަން މިންވަރުކުރައްވަވާނެކަމެވެ. ގިނަބައަކަށް ޤަބޫލުނުކުރެވިގެން މިއަދު މިއުޅެނީ މި ޙަޤީޤަތެވެ. މި ޙަޤީޤަތް ޤަބޫލުކުރެވޭ މީހުންނަށް އެދަނީ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބެމުންނެވެ. އިން ޝާ ﷲ

މިއަދު އޮންލައިން