ޣައްޒާގެ ރައްޔިތުން ރަށުން ފައިބައިގެން ދިއުމަށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ މީގެ ތިންދުވަސްކުރިން ގޮވާލުމުން، އެއީ ތެދެއް ކަމަށް ހީކޮށް ރަފަހް ދޮރާށި ހުރަސްކޮށް މިސްރަށް އެތެރެވާން އެތައްހާސް ބަޔަކު ޖަމާވެފައި ތިއްބައި، އިސްރާއީލުގެ ޓެރަރިސްޓު ސިފައިންވަނީ އެތަނަށް ބޮންއަޅައި އެތައްބަޔަކު ޝަހީދުކޮށް އެތައްބަޔަކު ޒަޚަމްކޮށްލާފައެވެ.
އެހިސާބުން އެކަންވެސް ހުއްޓުނީއެވެ. މިސްރަށް ޖެހުނީ ދޮރާށި ވަގުތުން ބަންދުކޮށްލާށެވެ.
އަނެއްކާ، ހުކުރު ދުވަހު ޣައްޒާގެ އުތުރުގެ ހުރިހާ ރަށަކަށް ލިއުންތައް އަޅައި، 24 ގަޑިއިރުގެ ތެރެގައި ޣައްޒާގެ ދެކުނަށް ނުވަތަ "ކަލޭމެންނަށް ރައްކާތެރިހެން ހީވާ ތަނަކަށް" ދިއުމަށް އަންގައި އިންޒާރު ކުރިއެވެ.
ޣައްޒާގެ އިރުމަތީގައި ގާތްގަނޑަކަށް 1.1 މިލިއަން މީހުން ދިރިއުޅެއެވެ.
ކާބޯތަކެއްޗެއް، ބޯފެނެއް، ބޭހެއް، ކަރަންޓެއްނެތި ނުހަނު ހިތްދަތި ހާލުގައި، އިސްރާއީލުގެ ހަމަލާތަކާހެދި ދެންމެ ދެންމެ މަރުވެދާނޭކަމުގެ ބިރުގައި ތިބި މީހުންނަށް ހީވީ، ދެކުނަށް ދާން ބުނީމާ އެއީވެސް އެންމެ ހެޔޮގޮތެއް ކަމަށެވެ.
އެކަމަކު، ހަމާސްއިން ބުނަމުންދަނީ، މިއީ ބިރުދެއްކުމުގެ އަމަލެއް ކަމަށާއި، އިސްރާއީލުގެ ބޭނުމަކީ ޣައްޒާގެ އުތުރުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ ދާއިމަށް ބޭރުކޮށްލުން ކަމަށެވެ.
ހަމާސްގެ އިލްތިމާސްއާ އެކުވެސް އަދި އިސްރާއީލިން ދިން 24 ގަޑިއިރުގެ މުހުލަތު އަދި ހަމަ ނުވާތީ، ޣައްޒާގެ އުތުރުގެ ބައެއްމީހުން ވެހިކަލްތަކުގައާއި، ފައިމަގުގައި ދެކުނަށް ދަތުރުފެށިއެވެ.
އެކަމަކު، ގެދޮރުން ނުކުމެ ދަތުރުފެށި ބައެއް ގާފިލާތައް ޖެހުނީ އިސްރާއީލުން ޖެހި ދަންތުރައިގައެވެ.
ޣައްޒާގެ ދެކުނަށް ދަތުރުކުރި އާންމުންގެ ގާފިލާތަކަށް އިސްރާއީލުގެ ޓެރަރިސްޓު ސިފައިން މިވަނީ ބޮންއަޅައި 70 މީހުން ޝަހީދު ކޮށްލާއެވެ. ގިނައިން ޝަހީދުވެފައިވަނީ ކުޑަކުދިންނާއި އަންހެނުންނެވެ.
ފަލަސްތީނު ސަރުކާރުގެ ރަސްމީ ނޫސް އޭޖެންސީން ބުނެފައިވަނީ، މި ހަމަލާތަކުގައި 70 މީހުން ޝަހީދުވުމުގެ އިތުރުން 200 މީހުން ޒަޚަމްވި ކަމަށެވެ.
މިކަމާ ގުޅޭގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން އެއްވެސް އެއްޗެއް ނުބުނެއެވެ. އެމީހުން ގެންދަނީ ޣައްޒާގެ ވަކި ތަނެއް ނުބަލައި ބޮންއަޅަމުން ކަމަށްވާތީއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަތާކުގައި ޒަޚަމްވެ ޣައްޒާގެ ހޮސްޕިޓަލްކުގައި އެތައްހާސް ބަޔަކަށް ފަރުވާދެމުންދާއިރު، އަދި ގިނަމީހުން ހާލު އެހާ ސީރިއަސްއިރު، ހޮސްޕިޓަލްތައްވެސް ދޫކޮށް ދިއުމަށް އިސްރާއީލުން ގެންދަނީ އަންގަމުންނެވެ. ބައެއް ހޮސްޕިޓަލްތަކަށް ދިނީ ދެ ގަޑިއިރެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ، ޒަޚަމްވެ ފަރުވާދެމުންގެންދާ މީހުން އެހެންތާކަށް ގެންދިއުމަށް އެންގުމަކީ "މަރުގެ ހުކުމް" އިއްވުން ކަމަށެވެ.
އދއާއި، ފަލަސްތީނު ސަރުކާރާއި، ތުރުކީފަދަ ގައުމުތަކުން ވަނީ ޣައްޒާގެ އުތުރު ހުސްކުރަން އެންގި އެންގުން އަނބުރާ ނެގުމަށް އިސްރާއީލަށް ގޮވާލާފައެވެ. ނަމަވެސް، އެ ގޮވާލުންތަކުގެ އަޑު އަހާކަށް އިސްރާއީލު ބޭނުމެއް ނުވެއެވެ.