ހަމާސްގެ ބާރު އެނގޭތީ އެމެރިކާވެސް ބިރުގަނެއްޖެ! އިސްރާއީލުގެ ކަމަކީ އިންޒާރުދިނުން!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 34ސ
ހަމާސްގެ ބާރު އެނގޭތީ އެމެރިކާވެސް ބިރުގަނެއްޖެ! އިސްރާއީލުގެ ކަމަކީ އިންޒާރުދިނުން!

ހަމާސްއިން އެތައްހާސް ރޮކެޓް ހަމަލާދެމުން މުޖާހިދުން އިސްރާއީލުގެ ސަލާމަތީ ފެންސު ފޫއަޅުވާލައި އިސްރާއީލުގެ ތެރެއަށް ވަދެގަތްތާ ދެވަނައަށްވީ ދުވަހުން ފެށިގެން އިސްރާއީލުން ރިޒާވް ފައުޖާއެކު ސިފައިންގެ ތިންލައްކަ ސިފައިން ޣައްޒާ -އިސްރާއީލު ވަކިކުރާ އިމަށް ޖަމާކޮށްފައި ވެއެވެ. އެންމެ ޒަމާނީ އެތައްސަތޭކަ ޓޭންކާއި، ބުލްޑޯޒަރާއި، ބަރު ހަތިޔާރުތައް ޖަމާކޮށްފައި ވެއެވެ.

ހީވީ ދެންމެ ދެންމެ އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް އަރައިގެންފާނެ ހެންނެވެ. އެހެންނަމަވެސް، ހަމަލާތައް ބަދަލުކުރަން ފެށިތާ 11 ވަނަ ދުވަހަކަށް އަޅައިގަތްއިރު އިސްރާއީލުގެ ބިޔަބޮޑު ފައުޖު އަދިވެސް އޮތީ ޣައްޒާގެ ރަށްބޭރުގައި ބަނޑަހަ ޖަހައިގެންނެވެ.

އިސްރާއީލުގެ ޓެރަރިސްޓު ހަނގުރާމައިގެ މިނިސްޓަރާއި، ކެބިނެޓު މިނިސްޓަރުންނާއި، ސިފައިންގެ އިސް އެހެން ވެރިންނާއި، އަދި ހަރުކަށި އާންމުން ކިތަންމެ ބޭނުންވިޔަސް، އިސްރާއީލު ސިފައިންނަށް ޣައްޒާއަށް އެރެންއޮތީ "ސިޔާސީ ނިންމުމެއް' އައިސްގެންނެވެ. އެފަދަ ނިންމުމެއް ނިންމުމަށް ބޮޑު ޓެރަރިސްޓު ނަތަންޔާހޫވަނީ އަދި ނުކުޅެދިފައެވެ.

އިސްރާއީލުން ޣައްޒާއަށް އަރަން ބޭނުންވާ މައިގަނޑު ބޭނުމަކީ، ހަމާސްގެ ވިއުގަ ރޫޅައި ނައްތާލައި، ހަމާސްގެ ވަސްވެސް ދުނިޔެއިން "ފޮހެލުމަށެވެ". އެކަންކޮށްފައިނޫނީ މިފަހަރު ދޫނުކުރާނޭ ކަމަށް ގެންދަނީ ބުނަމުންނެވެ. ހަނގުރާމައިގެ މިނިސްޓަރާއި، ސިފައިންގެ ވެރިންވެސް ތަކުރާރުކޮށް ގެންދަނީ އެކަން މިފަހަރު ކުރާނޭ ކަމަށް ބުނަމުންނެވެ.

ޣައްޒާއަކީ 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށަށް އިސްރާއީލު ސިފައިން އެއްގަމު މަގުން އެރުމަކީ ކަނޑައެޅިގެން ހަނގުރާމައިގެ ޖަރީމާތަކާއި، ގަތުލުއާންމުތައް ހިންގާނެ ކަމެއްކަން އެންމެނަށްވެސް އެނގެއެވެ. ޣައްޒާގެ އެތަން މިތަނަށް ބޮންއަޅަމުންދާއިރު، ތުއްތުކުއްޖެއް، ކުޑަކުއްޖެއް، އަންހެނެއް އާންމު މީހެއް، ހޮސްޕިޓަލެއް، ސްކޫލެއް، މިސްކިތެއް އެހެންތަނެއް ނުބަލާއިރު، އެއްގަމު މަގުން އަރައިގެންފިނަމަ އެއަށްވުރެ ބޮޑެތި ލާއިންސާނީ ޖަރީމާތައް ހިންގާނޭ ކަމަށް އެންމެނަށްވެސް ގަބޫލު ކުރެވެއެވެ.

އިސްރާއީލުގެ ޓެރަރިސްޓު ފައުޖު އެއްގަމު މަގުން ޣައްޒާއަށް އެރުމަކީ ޣައްޒާގެ މުޅި އިންސާނީ ނަސްލު ނެތިކޮށްލާނެ ކަމެއް ކަމުގެ ބިރުވެސް އުފެދިފައި ވެއެވެ. ޣައްޒާއަށް އެއްގަމު މަގުން ނޭރުމަށް އެކި ދިމަދިމާއިން އިންޒާރުތައް އަންނަން ފެށީވެސް މިކަން މިމަގަށް އިސްރާއީލުން ހިނގާނެތީއެވެ.

އިސްރާއީލު ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައިގެންފިނަމަ ޔަމަނުގެ ހޫޘީން، ޗެޗްނިއާގެ މުޖާހިދުން، އިރާގުގެ ހަތިޔާރުއެޅި ގްރޫޕްތައް، ސޫރިޔާގެ ހަތިޔާރުއެޅި ގްރޫޕްތައް، ތާލިބާން ހަނގުރާމަވެރިން އަދި ނުވިތާކަށް ލުބުނާނުގެ ހިޒްބުﷲ މުޖާހިދުންވެސް ހަނގުރާމެ ތެރެއަށް ސީދާގޮތެއްގައި ވަންނާނެ ކަމަށް ބުނެ އިންޒާރު ކޮށްފައި ވެއެވެ.

އަނެއްކޮޅުން، އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް އަރައިގެންފިނަމަ ދުވަސް ދުއްވާލާނެ ކަމަށް ހަމާސްއިން ބުނެފައި ވެއެވެ.

ތިންލައްކަ މީހުން އެތެރެއްޖެނަމަ ސަލާމަތުން ނުކުމެވޭނީ މަދުބަޔަކަށް ކަމަށްވެސް ބުނެ އިންޒާރު ކޮށްފައި ވެއެވެ. އަދި ދުޝްމަނުންގެ އިންތިޒާރުގައި ހުރި ކަންކަން ދައްކުވައިދޭ ވީޑިއޯތައް އާންމުކޮށްފައި ވެއެވެ.

އިސްރާއީލުގެ 2007 ވަނަ އަހަރުން ފެށިގެން ޣައްޒާ އެއްގަމާއި، ކަނޑާއި ވައިގެ މަގުން ބަންދުކުރީ، ހަމާސް ނިކަމެތިކޮށް ބަލިކޮށްލުމުގެ ބޭނުމުގައެވެ. ނަމަވެސް ހަމާސްއަށް އެއްކަމެއްވެސް ނުވިއެވެ. ޣައްޒާއަށް ބޮންއަޅައި ސުންނާފަތި ކުރާއިރުވެސް އިސްރާއީލުގެ ތެރެއަށް ފޮނުވާ މިސައިލާއި، ރޮކެޓް ހަމަލާތައް ނުހުއްޓުވުނު ކަމީވެސް ހަމާސްގެ ކުޅަދާނަކަން ހާމަވެގެންދާ ކަމެކެވެ.

އަރަބި އިސްލާމީ ގައުމުތަކާއި، ދުނިޔޭގެ އެހެން ގައުމުތަކުގެ ފިއްތުންތަކާއި ދެކޮޅުހެދުންތަކުގެ ކުރިމަތީގައި އެންމެފަހުން އެމެރިކާއަށްވެސް މިވަނީ ދީލާލަންޖެހިފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން މިއަދު ވިދާޅުވީ، އިސްރާއީލު ސިފައިން އެއްގަމު މަގުން ޣައްޒާއަށް އެރުން ވެގެންދާނީ އިސްރާއީލަށް ހެދޭނެ "ވަރަށްބޮޑު ގޯހަކަށް" ކަމަށެވެ.

ހަގީގަތަކީ، ހަމާސްގެ އާރާއި ބާރު އެނގޭތީއާއި، ސަރަހައްދުގެ މުޖާހިދުންގެ ވަރުގަދަ ގްރޫޕްތަކުގެ އިންޒާރުތަކަށް އެމެރިކާވެސް ފަސްޖެހުނީއެވެ.

މިއަދު އޮންލައިން