ޝައިޠޯނުން ދިރިއުޅޭ، ސިއްރުތަކާ ބިރުވެރިކަމުން ފުރިގެންވާ މިއަދާ ހަމައަށްވެސް ޙަޤީޤަތް ނުއެނގޭ ފުން ވަޅުގަނޑުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 47ސ
ޝައިޠޯނުން ދިރިއުޅޭ، ސިއްރުތަކާ ބިރުވެރިކަމުން ފުރިގެންވާ މިއަދާ ހަމައަށްވެސް ޙަޤީޤަތް ނުއެނގޭ ފުން ވަޅުގަނޑުގެ ވާހަކަ-

މިއާދަޢާ ޚިލާފް، ބިރުވެރި ވަޅާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާކުރައްވާތީ ދަންނަވަމެވެ. ފެންނަ އާދަޢާޚިލާފް މިފަދަ ކޮންމެ ކަމަކާއިގުޅިގެންވެސް މަސައްކަތްކުރަންވީ ތިމާގެ އީމާންކަން ވަރުގަދަކުރުމަށެވެ. ފައިދާއެއް ކުރިކަމަށްވާނީ އެއިރުންނެވެ. ތިރީގައިވާ ރިޕޯޓުން އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ 

ބުނެވޭ ގޮތުގައި އެއީ މިދުނިޔެމަތީގައިވާ އެންމެ ނުބައި ބިމެވެ. އެންމެ ނުބައި ވާދީއެވެ. އެންމެ ނުބައި ވަޅާއި، އެންމެ ނުބައި ފެނެވެ. އެތަނުން ދުވަނީ އިންތިހާ އަށް ނުބައި ވަހެވެ. އެތާންގެ އެތެރެއިން އިވެނީ އާދައާ ޚިލާފު އަޑުތަކެވެ.   

އަޑީގައި ވަނީ ކޮންއެއްޗެއް ކަމެއް އަދި އެތަނުގައި ހިންގަނީ ކޮންކަމެއްކަމެއް ނޭންގޭ، އެއީ އާދަޔާ ޚިލާފަށް އެތައް ކަމެއް ހިނގާ ތަނެއް. 

މިއީ ޔަމަނުކަރައިގެ ޙަޟްރަމައުތުގެ މޮހޮރާއެވެކިޔާ ސަރަހައްދުގައިވާ ބަރުޚޫތު ވާދީގައިވާ ވަޅެއް. އެވަޅަށް ބިއުރު ޖަހަންނަމަ ނުވަތަ ނަރަކައިގެ ވަޅުގެ ނަމުންނާއި، ބިއުރުއްސައުދާ- އަނދިރި ކަޅު ވަޅުގެ ނަމުންވެސް ނަންދެވިފައިވޭ. ފުޅާމިނުގައި 30 މީޓަރު އަދި ފުންމިނުގައި ގާތްގަނޑަކަށް 250 މީޓަރުގެ ފުންވަޅެއް. 

ބިއުރު ބަރުހޫތު ނުވަތަ ބަރުހޫތު ވަޅުގެ ނަމުން މަޝްހޫރު ވެފައިވާ މިވަޅުގެ ޙަޤީޤަތަކީ ކޮބައިބާ؟ ތާރީޚީ ނަޒަރަކުން ބަލާލާއިރު މިވަޅާމެދު ޚުރާފީ ޚިޔާލީ އެތައް ވާހަކަތަކެއް ވަނީ ފެތުރިފަ. އެގޮތުން ޚިމްޔަރު ވަންހައިގެ ރަސްކަލަކު އެރަސްގެފާނުގެ ޚަޒާނާތައް ރައްކާކޮށް ފޮރުވުމަށް ޖިންނީން ލައްވާ ކޮނުނު ވަޅެއް ކަމަށާއި، އެރަސްގެފާނު މަރުވުމުން އެޖިންނީންތައް އެތަނުގެ މައްޗަށް ވެރިވެ އެތަނުގައި ދިރިއުޅެނީ ކަމަށް ބުނެވޭ. 

ހިމްޔަރީ ބަހުރުވައިން ބަރުޙޫތުގެ މާނަޔަކީ ޖިންނީންގެ ރަށް ނުވަތަ ޖިންނީންގެ ބިން އަދިވެސް އެފަދަ ވާހަކަތަކުގެ ތެރޭގައި އެތަނަކީ ނުބައި ނުލަފާ ޖިންނީން ބަންދު ކުރެވިފައިވާ ޖަލެއްކަމުގައި ބުނެވޭ.  އަދި އެއީ ކާފަރުތަކުންގެ ފުރާނަ ޖަމާކުރެވޭ ތަން ކަމުގައިވެސް ބުނެވޭ. އެތަނަށް ޒިޔާރަތްކުރި މީހުން ބުނާ ގޮތުގައި އެތަނުން ފެންއޮހޭ އަޑު ކަހަލަ އަޑުތަކެއް އިވޭ. އަދި އެތަނުގެ ވަކި ހިސާބެއްގައި ތަފާތު ވައްތަރުގެ ދޫނިތައް އުދުހޭތަން ވެސް ފެނޭ. އަދި އެތަނުގެ އެތެރޭގައި ބިރުވެރި، އެކިވައްތަރުގެ ހަރުފަތަކާއި، ސޫފިތައްއުޅޭ ކަމަށްވެސް ބުނެވޭ އަދި އެތަނުގެ ފުންކަމާ އުފެދިފައިވާ ގޮތުން އިރުގެ އަލި ވަޅުގެ އެންމެ އެތެރެއަށް ނުލިބުމުގެ ސަބަބުން ވަޅުން ފެންނަނީ އަނދިރި ކަމާއި ކަޅުކަން.

އެވަޅަށް ވެއްޓިއްޖެ އެއްޗެއް އަނބުރާ ނުލިބޭ ވަޅުގެ އެތެރެއަކަށް ނުފޭބޭ. ޑްރޯންފަދަ ޒަމާނީ ވަސީލަތްތައް ފޮނުވުމުން ވަކި ހިސާބަކުން ޑްރޯންގެ ކޮންޓްރޯލް ގެއްލޭ ކަމަށް ދިރާސާ ކުރައްވާ ބޭފުޅުން ހާމަ ކުރައްވާފައިވޭ. އެގޮތުން ވަކިހިސާބަކުން އެއްވެސް ސަބަބެއް ނެތި ޑްރޯންގެ ކެމެރާ ހަލާކުވާކަމަށް އެބޭފުޅުން ވިދާޅުވޭ.  

މިވަޅުގެ އާދަޔާޚިލާފު އަނެއްކަމަކީ އެއްވެސް ދިރުމެއް ފެހިކަމެއްނެތް އެސަހަރާގެ މެދުގައިވާ މިވަޅުގެ ވަކިހިސާބެއްގައި ގަސްފަޅާފައި ވުމާއި ފެނުގެ އަސަރު ހުރުން. މިވަޅާއިމެދު މާތްވެގެންވާ އިސްލާމް ދީނުގައި ވަނީ ކީކޭބާ! ޢަބްދުއްރައްޒާޤު އެކަލޭގެފާނުގެ މުސަންނަފުގައި، އަދި އަލްފާކީ އަޚްބާރު މައްކާގައި ޢަލީގެފާނުގެ އަރިހުން ރިވާ ކުރައްވާފައިވާ ރިވާޔަތެއްގައިވޭ. "މީސްތަކުންގެ މެދުގައިވާ އެންމެނުބައި ދެވާދީ އަކީ އަޙްޤާފުގެ ވާދީއާއި ޙަޟްރަމައުތުގައިވާ ބަރުޙޫތޭ ކިޔުނު ވާދީކަމަށް. އަދި މީސްތަކުންގެ މެދުގައިވާ އެންމެ ހެޔޮވަޅަކީ ޒަމްޒަމް ފެންވަޅެވެ. އަދި މީސްތަކުންގެ މެދުގައިވާ އެންމެ ނުބައި ވަޅަކީ ބަލަހޫތު ވަޅެވެ. އެއީ ބަރަޙޫތުގައިވާ ވަޅެވެ. ކާފަރުންގެ ރޫޙުތައް އެވަޅުގައި ޖަމާކުރެވެއެވެ.  

އަލްފާކީ އަޚްބާރު މައްކާގައި އަދި އިމާމުއްޠަބްރާނީ އަލްކަބީރާ، އަލްއައުޞަތުގައި އަދި ޝައިޚް އަލްބާރީ ޖާމިޢުއްޞަޙީޙުގައި އިބްނު ޢައްބާސްގެ އަރިހުން رسول الله ޙަދީޘް ކުރެއްވިކަމަށް ގެންނަވާފައިވާ ޙަދީޘެއްގައިވޭ، "ބިންމަތީގައިވާ އެންމެ ނުބައި ފެނަކީ ޙަޟްރަމައުތު ބަރުޙޫތު ވާދީގައިވާ ކަޅުފެނެވެ." 

ދިރާސާ ކުރައްވާފައިވާ ފަރާތްތަކާއި، ބައެއް ޢިލްމުވެރިން ދެކެލައްވާ ގޮތުގައި އެއީ މި ޙަދީޘްގައިވާ ވަޅު. މިކަމުގެ ޢިލްމު މޮޅަށް ދެނެވޮޑިގެންވަނީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ މާތް ﷲ. ފެންނަން އޮތް ޙަޤީޤަތަކީ އެއީ ތަފާތު އަދި އާދަޔާޚިލާފު ވަޅެއްކަން. އެތަނުގެ ޙަޤީޤަތް އަދި ހޯދިފައި ނެތްކަން މިއިން ކޮންމެ ކަމަކުންވެސް ދޭހަވަނީ الله سبحانه وتعالى ގެ ކުޅަދުންވަންތަކަން.

 

ގުޅުންހުރި ވީޑިއޯ:

https://www.facebook.com/watch/?v=345009443817296

 

 

 

 

މިއަދު އޮންލައިން