ގިނަ ބައަކަށް ވިސްނިފައި އޮންނަނީ އެންމެ ބޮޑު މުއްސަންޖަކީ އަތުގައި އެންމެ ގިނަ ފައިސާތައް ޖަމާކުރެވިފައި ހުންނަ މީހާކަމަށެވެ. ނަމަވެސް އެކަން އޮތް ގޮތެއް ނޫނެވެ. ޙަޤީޤީ މުއްސަނދިންނަކީ ކޮބައިކަން އެނގެން އެބަޖެހެއެވެ.
މިރޭވެސް މިފަށަނީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅަކުންނެވެ. ރަސްކަލުންނާއި ވެރިން މަސައްކަތްކުރަނީ ރައްޔިތުން ހައްދުވައިގެން އެމީހުން ބޭނުންވާ ކަންކަން ޙާޞިލުކުރާށެވެ. މަހުޖަނުން ބޭނުންވަނީ ރައްޔިތުންނަކީ އެމީހުންގެ ތަނަވަސްކަމަށް އަޅުކަންކުރާ މޮޔައިން ކަމަށް ހައްދުވައިގެން ގެންގުޅޭށެވެ! ގިނަބައަކު މިއަދު މިއުޅެނީ މުދައު މަދުވެގެންނެވެ. އެކައުންޓުގައި ހުންނަ ފައިސާ މަދުވެގެންނެވެ. ބިލިއަނުން ފައިސާ ހުރި ނަމަވެސް ޓަނުން ރަން ހުރި ނަމަވެސް އަދިވެސް އިތުރުކޮށްލެވޭނެ ގޮތަކަށް މަސައްކަތްކުރަން ހަދައިގެން ފަރުޟު ނަމާދުވެސް މި އޮންނަނީ ނުކުރެވިފައެވެ.
މިއީ މުއްސަނދިކަމާއި ބާރު ލިބިގެންވާ ރަސްކަލަކާއި ސަހަރުގެ އެންމެ ނިކަމެތި ފަޤީރުންގެ ތެރެއިން ފަޤީރަކާއި ކުރެވިދިއަ މުޢާމަލާތު ތަކެވެ. ވަރަށް ވިސްނިނުންތެރިކަމާއި ފަޤީރު މީހާ ދޭ ޖަވާބުތަކާއި ބުނެލާ ބަސްތައް އަޑުއަހާށެވެ! މުޅި އުމުރުގައިވެސް އެކަމުން ތިބައަށް ފައިދާ ކުރާނެއެވެ.
އެއީ ރަސްގެފާނު ރަށުތެރެއަށް ނުކުމެވަޑައިގެން އުޅުއްވި ދުވަހެކެވެ. ކޮންމެ ތަނަކަށް އަސް މަޑުކޮށްލެއްވި ނަމަވެސް މީސްތަކުން އައިސް ރަސްގެފާނަށް މަދަހަ ކިޔައި ކުރުނީސްކޮށް ކަންކަން ކުރެއެވެ. ނަމަވެސް އެއް ސަރަހައްދަކުން ތަފާތު މިހަކު ފެނިވަޑައިގަތެވެ.
އޭނާއަކީ މުސްކުޅިއެކެވެ. ލައިގެން ހުރި ފޭރާމުން އޭނާއަކީ ފަޤީރެއްކަން އެނގެއެވެ. އެހެން އެންމެން ރަސްގެފާނުގެ އަރިހަށް ސަލާމްކުރަން ދިއައިރުވެސް އޭނާ ނުދެއެވެ. މަގުގެ އެއްކައިރީގައި މަޑުކޮށްލައިގެން ހުރީއެވެ.
އެކަމާއި ކަންބޮޑުވެވަޑައިގެން ރަސްގެފާނު އަމިއްލަފުޅަށް އޭނާ ގާތަށް ވަޑައިގެން ސުވާލުކުރެއްވި އެވެ. އޭނާ ނުގޮސް ހުރި ސަބަބާއިމެދުގައެވެ.
"އޭނާ ދެންނެވިއެވެ. ސަހަރުގެ ރަސްކަން މާތް ﷲ މަނިކުފާނަށް ދެއްވެވީ އަޅުގަނޑުމެން ނިކަމެތިންގެ ޙާލު ބެއްލެވުމަށެވެ. މަނިކުފާނު އެކަމެއް ނުކުރައްވަމުއެވެ. މަނިކުފާނު ހތްޕުޅާވާ ދުވަހަކު މަނިކުފާނުގެ ހައިބަތުގެ ބޮޑުކަން ދައްކަވަން ނުކުމެވަޑައިގަތީމާ އަޅުގަނޑުމެން ނިކަމެތިން މަނިކުފާނު ފަހަތްޕޫލުން ދުވަންވީ ކޮން އެއްޗެއް ލިބޭނެ ކަމަށްތޯއެވެ؟ ތިއަ ދުވާ އެއްވެސް މީހަކަށް މަނިކުފާނު އެއްވެސް އެއްޗެއް ދެއަވަނީ އެއްވެސް ނޫންވިއްޔާއެވެ.
ކުރިން ހުންނެވި ރަސްގެފާނުވެސް މިސަރަހައްދަށް އެއްދުވަހަކު ވަޑައިގެންނެވިއެވެ. އެއިގެ ދުވަސްކޮޅެއް ފަހުން އަވަހާރަވެއްޖެއެވެ. ދާދި ގާތުގައި މި ސަހަރުގެ އެންމެ ފަޤީރު މީހާވެސް މަރުވިއެވެ. ދެ މީހުންވެސް ވަޅުލީއެވެ. ރަސްގެފާނުގެ އިއްޒަތާ ކަރާމަތާ މުއްސަނދިކަމުން އެއްވެސް މިންވަރެއް ކައްވަޅަށް ގެންދެވި ކަމެއް ނުއެނގެއެވެ. ހަމަ ގައިމުވެސް އެ ނިކަމެތި މީހާ ވަރަށް ބައިވަރު ގެންދިއައެވެ. އޭނާ އަކީ ފަރުޟް 5 ނަމާދުގެ އިތުރުން ރޭއަޅުކަންކޮށް އަބަދު ޛިކްރް ކުރުންމަތީގައި ހުރި މީހެކެވެ. ވީމާ އަތުގައި ފައިސާ އާއި އިއްޒަތް ނެތް ނަމަވެސް އެކޮޅަށް ގެންދަން އޭނާ ވަނީ ވަރަށް ގިނަ ޖަވާހިރާ ރަން ފައުނު ޖަމާކޮށްފައެވެ. އޭނާ ދިއައީ އެ ހުރިހާ އެއްޗެއް ހިފައިގެންނެވެ.
ދެން ދަންނަވަން އޮތީ މަނިކުފާނުގެ އަރިހުން އަޅުގަނޑު އެދޭ އެއްވެސް ކަމެއް ނެތެވެ. ހުރީ މަނިކުފާނު އަޅުގަނޑަށް ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަންތައްތަކެވެ. ވީމާ މަނިކުފާނު އަޅުގަނޑަށް ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަންކަން ލިބިގަތުމަށް މަނިކުފާނުގެ ފަހަތްޕުޅުން ދުވަން ޖެހޭނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ.
އެހިސާބުން ރަސްގެފާނަށް ވަރަށް ގިނަ ކަންތައްތަކެއް ވިސްނިވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. "ބޭބެ އަހަރެންނަށް ތިއަ ނަގައިދިނީ އަހަރެންގެ ހަޔާތުގައި މިހައިތަނަށް ލިބުނު އެންމެ އަގުބޮޑު ފިލާވަޅެވެ. އެހެންވީމާ ބޭބެއަށް ރަނގަޅު ހަދިޔާއެއް ދޭނަމެވެ." މިހެން ވިދާޅުވުމަށްފަހު 2 ކީސާ ރަން އެބޭބެއަށް ދެއްވިއެވެ.
ދެއްވުމުން ރަސްގެފާނުގެ ކުރިފުޅުމަތީގައި 2 ކީސާ ރަން ބިންމައްޗަށް އޮއްސައިލިއެވެ. އަދި މުށެއްގެ ރަން ނެގުމަށްފަހު ބުންޏެވެ. "އަހަރެންގެ އެކުވެރި އަހުރެން ފަދަ ފަޤީރު ނިކަމެތިންނޭވެ. ތަޅާފޮޅައި ނުގަނެ ހުރިހާ އެންމެން ހަމަހަމަވާ ގޮތަށް ބަހާލައިގެން ގެންދާށެވެ."
މީސްތަކުން ރަންތައް ހޮވަން ފެށުމުން ރަސްގެފާނު ސުވާލު ކުރެއްވިއެވެ. ރަންތައް ބޭނުން ނުކޮށް ބަހައިލީ ކީއްވެގެންހެއްޔެވެ؟ އޭނާ ދެންނެވިއެވެ. "ތިއަ ހުރިހާ ރަންތައް ހިފައިގެން ގެއަށްދާތަނުން އަޅުގަނޑު މަރުވެއްޖެ ނަމަ އަޅުގަނޑަށް ކުރާނީ ކޮން ފައިދާއެއްތޯއެވެ؟ މިހާރު ވާނެ ގޮތަކީ މިވަގުތު އަޅުގަނޑު މަރުވި ނަމަވެސް އެއިން އަޅުގަނޑަށް ފައިދާކުރާނެއެވެ. ވީމާ މިދުނިޔޭގައި އަޅުގަނޑަށް އެއިގެ ބޭނުން ނުހިފުނު ނަމަވެސް ކައްވަޅަށް އަޅުގަނޑު ދާނީ އެ ރަންތައް ހިފައިގެންނެވެ. އާޚިރަތް ދުވަހު އިރާދަ ކުރެއްވިއްޔާ އެއިގެ ފައިދާ ކުރާނެ އެވެ."
އިރުކޮޅަކު މަޑު ހުންނެވުމަށްފަހު ކުރިއަށް ވަޑައިގަންނަވަމުން ވިދާޅުވީ ބޭބެގާތުން ފިލާވަޅު ނަގަން ގިނަގިނައިން ވަޑައިގަންނަވާނެ ކަމަށެވެ!
މީސްތަކުންނޭވެ! މިހުންނަނީ ވަރަށް ޢިބްރަތްތެރި ތާރީޚީ ވާހަކަތަކެވެ. ފައިދާއެއް ޙާޞިލުކުރެވޭނީ ވިސްނައި ފިކުރުކޮށް އަމަލުކުރުމުންނެވެ! އަމަލުކުރި މީހަކަށެވެ! މިވާހަކައިގައި މަތިން ފެށިގެން ތިރިއަށް ކޮންމެ މީހަކަށްވެސް ޢިބްރަތެއް ވެއެވެ. ޙާޞިލުކުރަން މަސައްކަތް ކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން