އެއްގަމު މަގުން ޣައްޒާގެ ތެރެއަށް ވަދެގަންނަން އުޅުނު އިސްތިއުމާރީ ޒަޔަނިސްޓް އިސްރާއީލު ސިފައިންގެ ގްރޫޕަކަށް ހަމާސްއިން ވަރުގަދަ ހަމަލާތަކެއްދީ ފަހަތަށް ޖައްސައިފިއެވެ.
ހަމާސްގެ އަސްކަރީ ފިޔަ، ހަމާސްގެ އަސްކަރީ ފިޔަ، ކަތައިބުލް ޤައްސާމް ނުވަތަ އަލް-ޤައްސާމް ބްރިގޭޑުގެ ޓެލެގްރާމް ގްރޫޕްގައި ޝާއިއުކުރި ބަޔާނެއްގައި ބުނެފައިވަނީ، ޒަޔަނިސްޓު ސިފައި ޣައްޒާގެ ތެރެއަށް ވަދެގަންނަން އުޅުނީ ޚާން ޔޫނިސް ކައިރިން ކަމަށެވެ.
ނަމަވެސް، މުޖާހިދުން ކުއްލި ހަމަލާއެއްދިނުމުން ފިލައިގެން، އަނބުރާ ނުކުތީ ކަމަށެވެ.
ހަމާސްގެ ބަޔާނުގައި ބުނެފައިވަނީ އިސްރާއީލު ސިފައިންނަށް ވަދެވުނީ ކުޑަ ތަންކޮޅަކަށް ކަމަށާއި، މުޖާހިދުން ތިބީ ހަތިޔާރާއެކު ފުރިހަމަ ތައްޔާރުގައި ކަމަށެވެ.
މުޖާހިދުން ދިން ހަމަލާގައި އިސްރާއީލު ސިފައިންގެ ޓޭންކަކާއި، 2 ބުލްޑޯޒަރު ހަލާކުކޮށްލެވުނު ކަމަށްވެސް ހަމާސްގެ ބަޔާނުގައި ވެއެވެ.
މި ހަމަލާގައި އިސްރާއީލު ސިފައިންގެ މީހަކަށް ކަމެއްވީކަމެއް ހަމާސްއިން ބުނެފައެއް ނުވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ސިފައިންގެ ގްރޫޕެއް ޣައްޒާގެ ތެރެއަށް ވަނީ ޣައްޒާ – އިސްރާއީލު ވަކިކުރާ އިމުގައި ޖަހާފައިވާ ސަލާމަތީ ފެންސު މަރާމާތު ކުރުމަށް ކަމަށެވެ.
އޮކްޓޫބަރު 7 ގައި ހަމާސްގެ މުޖާހިދުން ދިން ކުއްލި ހަމަލާތަކުގައި ފެންސު، އެކި ދިމަދިމާއިން ވަނީ ހަލާކުކޮށް ވައްޓާލާފައެވެ.
ހަމާސްގެ މުޖާހިދުން ދިން ކުއްލި ވަރުގަދަ ހަމަލާއާއެކު ސިފައިން ސަލާމަތުން އެނބުރި އިސްރާއީލުގެ ތެރެއަށް ވަދެފައިވާކަން، އިސްރާއީލުގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދީފައި ވެއެވެ.
މުހައްލިލުން ވިދާޅުވަނީ، ޣައްޒާގެ ތެރެއަށް އެއްގަމު މަގުން އެތެރެވި މީހުންނަށް ހަމާސްގެ މުޖާހިދުން މިގޮތަށް ކުއްލި ހަމަލާއެއް ދިނުމާއި، އަދި އިސްރާއީލު ސިފައިން ފަހަތަށްޖެހި އެނބުރި ދާންޖެހުމަކީ އިސްރާއީލުން ވަރަށް ސީރިއަސްކޮށް ވިސްނާނެ ކަމެއް ކަމަށެވެ.
މިއީ، އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމަށް ވެފައިވާ ތައްޔާރީއެކެވެ. ޣައްޒާއަށް އަރައިގަންނަން އިސްރާއީލުން ރޭވީ އަސީރުން މިނިވަން ކުރުމަށާއި، ހަމާސްގެ "ދުވަސް ދުއްވާލައި، ވަސްވެސް ފޮހެލަން" ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވެއެވެ.
ނަމަވެސް، އެއްގަމު މަގުން ޣައްޒާއަށް ވަދެގަންނަން އިސްރާއީލުވަނީ ފަސްޖެހިފައެވެ.
ހަމާސްއިން ބުނެފައިވަނީ، ޒަޔަނިސްޓު ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައިފިނަމަ "ޗިސްޗިސްކޮށްލާނެ" ކަމަށެވެ. އެނބުރި ނުކުންނާނީ މަދުބައެއް ކަމަށެވެ.
ޣައްޒާ ތެރޭގައި ހަމާސްއާއި، އިސްލާމިކް ޖިހާދުން އިސްރާއީލު ސިފައިންގެ "އިންތިޒާރުގައި" ހުރި ކަންކަން ހާމަކުރަމުން ދިއުމާއި، ސަރަހައްދުގެ މުޖާހިދުންގެ ޖަމާއަތްތަކުންވެސް އިންޒާރު ކުރަމުން ދިއުމާގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް ވިދާޅުވެފައިވަނީ، އިސްރާއީލު ސިފައިން އެއްގަމު މަގުން ޣައްޒާއަށް ވަނުމަކީ، ހެދޭ "ވަރަށްބޮޑު ގޯހަކަށް" ވާނޭ ކަމަށެވެ.
ހަބަރު: ވީނިއުސް