އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކު ކައިވެނިކޮށްގެން ހުރެ ވަރަށް ގޯސް ކަންކަން އެބަކުރެއެވެ. އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަންކަން އެބަ ކުރެއެވެ. އޭނާ ބުނަނީ ބޯހުރިއްޔާ ބޭޒާރުނުވެ އުޅެވޭނެ ކަމަށެވެ. އެހެންވެ އޭނާއަށް ވިސްނައިދޭން ބޭނުންކުރެވިދާނެ ފިލާވަޅެއް ފަދަ ވާހަކައެއް ގެނެސްދެވިދާނެތޯ؟
ކިޔުންތެރިޔާގެ އެކުވެރިޔާގެ ގާތުގައި ބުނާށެވެ! ކުށް ނުވަތަ ފާފަކުރާއިރު އެކަންކަން އަބަދުވެސް ސިއްރުކުރެވޭނެކަމަށް ހީނުކުރާށެވެ. ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ ކޮންމެ ވަޤުތަކުވެސް ހާމަވެދާނެއެވެ. މުޅި ޢުމުރަށް ފަޟީޙަތްވެދާނެއެވެ. އަދި ތިރީގައިވާ ވާހަކަވެސް ކިޔައިދޭށެވެ! ޢިބްރަތްތެރި ފިލާވަޅަކަށް ފުދޭނެއެވެ. އިން ޝާ ﷲ
ކައިވެނިކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނބިމީހާއަށް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. މަސައްކތުން އެނބުރިގެއަށް އައުން ލަސްވާން ފަށައިފިއެވެ. އަހަރެންގެ ކަންކަމަށް ފަރުވާ ކުޑަކުރަން ފަށައިފިއެވެ. މިކަންކަމުގެ ވާހަކަތައް ދައްކާ ކޮންމެ ފަހަރަކު ބުނަނީ މަސައްކަތް ބުރަވަނީ ކަމަށެވެ. އޮފީހުގައި ގިނަ ވަގުތު ހޭދަކުރަންޖެހެނީކަމަށެވެ. ގެއަށް އާދެވޭއިރު ވަރުބަލިވެފައި ހުންނަވަރުން އަހަރެންނަށް ދޭންޖެހޭ ސަމާލުކަން ނުދެވެނީ ކަމަށެވެ.
ކޮންމެއަކަސް އެވާހަކަތައް އަހަރެންނަށް ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް ދައްކާނެ ހެއްކެއް ނެތުމުން މަޑުން ހުރީއެވެ.
އަހަރެމެންގެ ކައިވެނިކުރެވުނީ އަނބިމީހާގެ މައިންބަފައިންގެ ވަރަށް ބޮޑު އެހީތެރިކަމާއިއެކުގައެވެ. މާނައަކީ އެމީހުން ވަރަށް ހިތްވަރުދިނެވެ. އަދި ދުވަހަކުވެސް އަނބިމީހާ ވަރިނުކުރަން ކަމަށާއި އޭނާގެ ހިތުގައި ޖެހޭނެއެއްވެސް ކަމެއް ނުކުރަން އަހަރެންލައްވާ އެތައް ފަހަރަކު ވައުދުވެސް ކުރުވިއެވެ. އަހަރެން ހުރީ އެ ވައުދުގެ މަތީގައެވެ. އަނބިމީހާގެ ލޯބީގެ އިތުރުން އަނބިމީހާގެ ޢާއިލާގެ ލޯތްބާއި އިތުބާރު ހޯދަންވެސް އަހަރެން އައީ މަސައްކަތްކުރަމުންނެވެ. އެކަން ވަރަށް ރަނގަޅަށް ޙާޞިލުވެސް ކުރެވުނެވެ.
ކައިވެނީގެ ދެވަނައަހަރު އަނބިމީހާގެ އުފަންދުވަހާއި ދިމާކޮށް އޮފީސް ދަތުރެއްގައި ރާއްޖެތެރެއަށް ދާންޖެހޭ ކަމަށް އަނބިމީހާ ގާތު ބުނެ އެދުވަހުން "ފުރަން" ގެއިން ނުކުތީމެވެ. ފުރައިގެން ދިއައީ ހުޅުމާލެއިން މާލެއަށެވެ. އަނބިމީހާގެ ގެއަށެވެ. އަނބިމީހާގެ މައިންބަފައިން ގާތުގައި ބުނެފައި އޮންނާނީ އެރޭ 12 ޖަހަންދެން އެގޭގައި ހުންނާނެ ކަމަށާއި 12 ޖަހާއިރު އެންމެން އެކުގައި އަހަރެމެން ދިރިއުޅޭ ފްލެޓަށް ގޮސް އަނބިމީހާއަށް ބޮޑު ސަރޕްރައިޒެއް ދޭނީކަމަށެވެ. އެގޭގައި އަހަރެން ފިލައިހުރީ މައިންބަފައިން އެކަމަށް އުފަލުން ރުހި އެއްބާރުލުން ދިނުމުންނެވެ.
އެރޭ 12 ޖަހަން 5 މިނިޓަށްވެފައި ހުއްޓާ އަނބިމީހާގެ މައިންބަފައިންނާ ކޮއްކޮމެންނާއި ދައްތަމެން އަދި ބޭބެމެންނާއިއެކު ވޭނެއްގައި އުފަންދުވަހުގެ ހަދިޔާތައްވެސް ހިފައިގެން އަހަރެމެންގެ ފްލެޓަށް ގޮސް ވަރަށް ސިއްރުން ދޮރުހުޅުވީމެވެ. އަދި އެންމެން އެކުގައި ކޮޓަރި ކައިރިއަށް ގޮސް ވަރަށް ސިއްރުން އަހަރެންގެ ތަޅުދަނޑިން ދޮރުހުޅުވީމެވެ.
އެންމެންނަށް ފެނުނު މަންޒަރުން ޖެހުނީ ލޯމަރާށެވެ! އަނބިމީހާ އޭނާގެ ބޮސް އާއިއެކު އެއްވެސް ފޭރާމެއް ނެތި އުފަންދުވަސް ފާހަގަކުރަނީއެވެ.
މިއަދުނޫހުގައި ޝާއިޢުކުރާ "ޙަޤީޤީ ޙާދިސާ" ތަކުން އަބަދުހެން ކިޔަން މިޖެހެނީ އަންހެނުންނަށް ފިރިހެނުން ކުރާ އަނިޔާގެ ވާހަކައެވެ. ފަހަރެއްގައި ފިރިހެނުން، އެމީހުންގެ ވާހަކަތައް ކިޔައި ނުދެނީ ކަމަށްވެދާނެއެވެ. އަޅުގަނޑު މިކިޔައިދިނީ އަޅުގަނޑަށް ކަންތައްތައް މެދުވެރިވި ގޮތުގެ ވާހަކައެވެ. އިތުރަށް އެއްވެސް ބަހެއް ބުނާކަށް ނެތީމެވެ.
- ރިޝްވާން/ މިއަދުނޫހުގެ ކިޔުންތެރިއެއް