އިސްރާއީލު ހުއްޓުވައި މައިތިރި ކުރުވުމަށް ޤަތަރުގެ އަމީރު ޝައިޚް ތަމީން ބިން ހަމަދް އައްޘާނީ ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވައިފިއެވެ.
ޝައިޚް ތަމީމް މިކަމަށް ގޮވައިލެއްވީ ގަތަރުގެ ޝޫރާ ކައުންސިލް ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައިޚް ތަމީމް ވިދާޅުވީ ފަލަސްތީނުން މިފެންނަނީ ބައިނަލްއަގްވާމީ މުޖުތަމައުން ގެންގުޅޭ ދެފުށްދެގޮތް (މުނާފިޤް) ސިޔާސަތުގެ ނަތީޖާ ކަމަށެވެ. އަދި ވަށައިގެން ހިސާރުކޮށްފައި އޮންނަ ޣައްޒާގެ އާންމު ރައްޔިތުން މަރައި ހުސްކުރުމުގެ ފެހި ސިގްނަލް އިސްރާއީލަށް ދެވިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިހާރު ހިނގަމުންދަނީ ނުރައްކާތެރި ހަނގުރާމައެއް. މި ހަނގުރާމަ ނުހުއްޓުވި ކުރިއަށް ދިއުމަކީ ސަރަހައްދަށް އޮގް ނުރައްކަލެއް. އަޅުގަނޑުމެން ބުނާނީ ފުދިއްޖެއޭ ފުދިއްޖެއޭ. ފަލަސްތީނު ރައްޔިތުން މެރުމުގެ ފެހި ސިގްނަލް އަދި ފްރީ ލައިސަންސް އިސްރާއީލަށް ދެވިގެން ނުވާނެ. އިސްތިއުމާރާއި، ހިސާރާއި، އާބާދީތައް ހެދުމުގެ ހަގީގަތް ދިފާއުކޮށްގެން ތިބެވޭކަށްވެސް ނެތް. މިފެންނަނީ ފަލަސްތީނާ ޖެހުނީމާ ބައިނަލްއަގްވާމީ މުޖުތަމައުން ގެންގުޅޭ ދެފުށްދެގޮތްކަން." ކަމަށްވެސް ގަތަރުގެ އަމީރު ވިދާޅުވިއެވެ.
"ބައިނަލްއަގްވާމީ މުޖުތަމައުގެ އަމަލުތައް ހުންނަގޮތުން، ފަލަސްތީނުގެ ތުއްތު ކުދިންގެ ފުރާނައަކީ އެއްވެސް އެއްޗެއް ނޫންކަން މިދަނީ ފެންނަމުން." ކަންވެސް ޤަތަރުގެ އަމީރު ފާހަގަކުރެއްވިއެވެ.
ޤަތަރުގެ އަމީރު ފަދައިން މުސްލިމް އެހެން ޤައުމުތަކުގެ ވެރިންނަށް ވިސްނިގެން ނޫނީ މައްސަލައަށް އެއްވެސް ޙައްލެއް ހޯދޭނެ ކަމަށް ނުވާއިރު މުސްލިމުންގެ ބެލެނިވެރިކަން އުފުލަންޖެހޭ ސަޢުދި ޢަރަބިޔާއިން ގެންގުޅޭ ސިޔާސަތަށް މުސްލިމުންގެ ކަންބޮޑުވުން އަންނަނީ އިތުރުވަމުންނެވެ.