ޢިބްރަތްތެރި ވާހަކަ: ދަރިއަކު ނުލިބިގެން 2 ކުދިން ބަލަން ފެށުމުން އެއްމާބަނޑު 2 ދަރިން ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ޢިބްރަތްތެރި ވާހަކަ: ދަރިއަކު ނުލިބިގެން 2 ކުދިން ބަލަން ފެށުމުން އެއްމާބަނޑު 2 ދަރިން ލިބުނު އަންހެނެއްގެ ވާހަކަ-

އަޅުގަނޑުމެންގެ ކައިވެންޏަށް 10 އަހަރު ފުރިއްޖެއެވެ. ދިރިއުޅެނީ ލޯބިންނެވެ. އެއްދާން ކުރަމުއެވެ. ނަމަވެސް އަދިވެސް ދަރިއަކު ނުލިބެއެވެ. އެކަމަށް ވަރަށް ގިނަ މަސައްކަތްވެސް ކުރެވިއްޖެއެވެ. މިޙާލަތުގައި އިތުރަށް ކުރެވިދާނެ ކަމަކީ ކޮބައިތޯ؟  

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނަން ޖެހެނީ އެކަމަށް ކުރަންހުރި މަސައްކަތް ކުރުމުގެ ތެރޭގައި ދުޢާކުރުން ހިމެނޭ ކަމަށް އުންމީދުކުރަމެވެ. ތިރީގައިވާ ވާހަކައަކީވެސް ޢިބްރަތްތެރި ވާހަކައެކެވެ. ނިކަން ތަޖުރިބާކޮށްލައިބަލާށެވެ!  

އަހަރެމެން ދެމަފިރިންގެ ކައިވެންޏަކީ މިޒަމާނަށް ބަލައިފިނަމަ ހުރިހާ ގޮތަކުންވެސް ވަރަށް ކާމިޔާބު ކައިވެންޏެކެވެ. 11 އަހަރުވީއިރުވެސް ލޯބީގެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ދިރިއުޅެމުން ދިއައީ ހަމަ ވަރަށް އުފަލުގައެވެ.  

ނަމަވެސް ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވެފައި އޮތެވެ. އެއީ ދަރިއަކު ނުލިބުމެވެ. ބޭސް ކިތަންމެ ވަރަކަށްވެސް ކުރެވުނެވެ. ދެއްކުނު ޑޮކްޓަރުންގެ ޢަދަދެއްވެސް ނުއެނގެއެވެ. ޓެސްޓްތައް ހަދާފައި ބުނަނީ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. ބޭސްކުރަންޖެހޭ އެއްވެސް ކަމެއް ފާހަގަ ނުކުރެވޭ ކަމަށެވެ.  

ބޭސްފަރުވާ ކުރަން މަސައްކަތްކުރުމާއިއެކު ދުޢާވެސް ކުރަމުއެވެ. ވަގުތު ޖެހުމުން ދަރިން ދެއްވަވާނެ ކަމުގެ އުންމީދުވެސް ކަނޑައެއް ނުލަމުއެވެ.  

ދީނީ ޢިލްވެރިއަކާއި ބައްދަލުވެއްޖެނަމަވެސް މަޝްވަރާކުރަމުއެވެ. އެގޮތުން އެއްފަހަރު ބައްދަލުވި ޢިލްމުވެރިއަކު ވިދާޅުވީ ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތްކުރަމުން ދުޢާކުރަމުން އެހެން މީހުންގެ ދަރިންނަށް އެހީތެރިވުމަކީވެސް ކުދިން ލިބެން މަގުފަހިވާ ކަމެއް ކަމަށެވެ.  

ޝައިޚްގެ ބަސް ޤަބޫލުކޮށް އަޅުގަނޑުގެ ޢާއިލާގައި ހުރި އެންމެ ފަޤީރު ބޭބެގެ 2 ދަރިންގެ ހުރިހާ ޚަރަދެއް ބަލަހައްޓަންފެށީމެވެ. އަދި ދުވަސްކޮޅެއް ފަހުން ޢާއިލާ ގެނެސް ގޭގައި ގެންގުޅެންވެސް ފެށީމެވެ. އެކަމުން ބޭބެ ކުއްޔަށް ކުރާ ޚަރަދުކުރަން ނުޖެހުމުން ވެސް ބޭބެއަށް ތަނަވަސްކަން އިތުރުވިއެވެ.  

އެގޮތަށް އެކަންކުރިތާ އަހަރުވެސް ނުވަނީސް ބަލިވެ އިނދެއްޖެއެވެ. ލިބުނީވެސް އެއްމާބަނޑު ދެދަރިންނެވެ. ބޭބެގެ ޢާއިލާ ގެއަށް ގެނެވުނުކަންވީ ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅަށް ކުރެވުނު ކަމަކަށެވެ. ވިހައި ގަދަވުމުގައިވެސް އަދި އެއިގެ ފަހުންވެސް ބޭބެގެ ދެމަފިރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ދަނީ ލިބެމުންނެވެ.  

އަޅުގަނޑުމެންވެސް މިއަދުނޫސް ކިޔަމެވެ. ޝާއިޢުކުރާ ޙަޤީޤީ ހާދިސާތައްވެސް ކިޔަމުއެވެ. އެހެންކަމުން ކިޔުންތެރިނަނާއި އަޅުގަނޑުމެންގެ ވާހަކަވެސް ހިއްޞާކޮށްލަން ބޭނުންވީއެވެ.  

- ޝަރީފާ މަނިކެ/ މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން