ޢިބްރަތްތެރި ވާހަކަ: ފަހަރި ހޯދަން ޅިޔަނު ހެދި ސިހުރު އެނބުރިއައިސް ޅިޔަނަށް ޖެއްސުވި މުޞީބާތްތަކުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ޢިބްރަތްތެރި ވާހަކަ: ފަހަރި ހޯދަން ޅިޔަނު ހެދި ސިހުރު އެނބުރިއައިސް ޅިޔަނަށް ޖެއްސުވި މުޞީބާތްތަކުގެ ވާހަކަ-

އަޅުގަނޑު ދިރިއުޅެނީ ފިރިމީހާގެ ގޭގައެވެ. ދެމީހުންވެސް އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. އެކަމަކު ހަމަޖެހިލައިގެން އުޅެވޭތަނެއް ނާދެއެވެ. ދެމަފިރިން އެކުގައި ގޮސް ރުޤްޔާކުރާ މީހަކާއި ބައްދަލުކުރުމުން އެބެލި ބެލުންތަކެއް ބަލާފައި ދެއްކި ވާހަކަ ދިމާވެއެވެ. ކިޔައިދިން ކަންކަން ދިމާވެއެވެ.  

އެނގުނީ ދެމަފިރިން ދުރުކުރުވަން ގޭގެ މީހަކު ސިޙުރުހަދާކަމެވެ. ރުޤްޔާ ކުރުމުން ދެމަފިރިންގެ ގުޅުން މުޅިން ރަނގަޅުވެއްޖެއެވެ. މިހާރު އެބާވަތުގެ މައްސަލައެއް ނުޖެހެއެވެ. 

އަޅުގަނޑުގެ ސުވާލަކީ ގާތް ތިމާގެ މީހުން އެބާވަތުގެ ކަންކަން ހަމަކުރަނީތޯއެވެ؟ ވިސްނައިވިސްނައި ބޯހަލާކުވެއްޖެއެވެ.  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއައީ ހަމަ މެދުވެރިވާ ކަމެކެވެ. ލޯބިން ދެމީހަކު އުޅޭނަމަ ޙަސަދަވެރިވާ ބައަކު އުޅެއެވެ. ސިޙުރު ހަދައިގެން ނަމަވެސް "ޖަހައިގަންނަން" ބޭނުންވާ ބައަކުވެސް އުޅެއެވެ.  

ދެން ބުނެލަން ބޭނުންވަނީ ކަންތައްތައް ތިއަކުރެވުނީ އެންމެ ރަނގަޅަށެވެ. ތިއަބާވަތުގެ ކަންކަން ކުރިމަތިވާނަމަ ރުޤްޔާކުރަން އަވަސްވެގަންނަންވާނެއެވެ. ތިރީގައި އެވަނީ ހަމަ ތިއަ ފަދަ ކަމެއްގެ ވާހަކައެކެވެ.  

އަޅުގަނޑުގެ އުމުރުން 24 އަރުގަ، ކައިވެންޏަށް 2 އަހަރުގަ ވަރަށް ބޮޑު ކަމެއް ކުރިމަތިވިއެވެ. އެއީ ބަނޑުކޮޅުން ދިލަ ނެގުމެވެ. ފެންވަރައި ހެދުން ބަދަލުކުރާ ކޮންމެ ފަހަރަކު ދިލަގަދަވެއެވެ. ބައެއް ފަހަރު ދިލަގަނދަވެގެން ހޭނެތޭ ހިސާބަށް ވެސް ކަންކަން ދެއެވެ.  

ޑޮކްޓަރަށް ދައްކައިގެން ޓެސްޓްތައް ހެދުނުވަރެއްވެސް ނޭނގެއެވެ. ކޮންމެ ފަހަރަކުވެސް ބުނަނީ އެއްވެސް މައްސަލައެއް ފާހަގަނުކުރެވޭ ކަމަށެވެ. ދިލަނަގާނަމަ ކެލަމިން ލޯޝަން ފަދަ ހަށިގަނޑަށް ފިނިކޮށްދޭ ލޯޝަން ފަދަ އެއްޗެއް ބޭނުންކުރުމަށެވެ. ދޭނެ ވަކި ބޭހެއް ނެތްކަމަށެވެ.  

މިޙާލެއްގައި އަޅުގަނޑު އުޅޭތާ އަހަރަކަށްވުރެވެސް ގިނަދުވަސްވީފަހުން އެއް ރޭ އަޅުގަނޑު ސިޓިންގ ރޫމްގައި އެކަނި އިންދާ ޅިޔަނަކު އައިސް ގާތުގައި އިށީނދެފައި ބުންޏެވެ. "ފަހަރިއެވެ! އަހަރެންނަށް ވަރަށް ބޮޑަށް މާފުކުރާށެވެ! ފަހަރިގެ ގައިން ދިލަނަގާތީ އުޅެން ތިއަ ޖެހުނީ އަހަރެންގެ ސަބަބުންނެވެ. އަހަރެންނަށް ފަހަރި ދެކެ މާބޮޑަށް ލޯބިވެވުނީއެވެ. ވަރިކުރުވައިގެން ކައިވެނިކުރަން ބޭނުންވީއެވެ. އެއީ އެކަމަށް އެދިގެން މީހަކު ލައްވައި ހެދި ސިހުރަކުންވީކަމެކެވެ. މިހާރު އެކަން ބާޠިލުކުރުވައިފީމެވެ. މިކަން ސިއްރުކޮށްދިނުން ވަރަށް ބޮޑަށް އެދެމެވެ. ދެން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނަމެވެ." 

ދޭނެ ޖަވާބެއްވެސް ނޭނގިގެން ވިސްނަން އިނދެފައި ސުވާލުކުރީމެވެ. "މިހާރު އަހަރެން ދެކެ ލޯބި ނުވަނީހެއްޔެވެ؟" ޖަވާބުގައި ކިޔައިދިނެވެ. 

"ނޫނެކެވެ. ވަރަށް ބޮޑަށް ލޯބިވެއެވެ. ނަމަވެސް އަހަރެންގެ ހިތްބިރުގަންނަން ފެށީއެވެ. ބައެއް ފަހަރު ތުރުތުރުވެސް އަޅަނީއެވެ. އެކަމާއިހުރެ މިހާރު އޮފީހުގައި މަސައްކަތްވެސް ނުކުރެވެއެވެ. ބައެއް ފަހަރު ލޯމައްޗަށް އަނދިރިވަނީއެވެ. ދިރިއުޅެން އުނދަގޫވާވަރުމުން ޙައްލެއް ފެނޭތޯ އެ ސިހުރުހަދައިދިން މީހާއާއި މަޝްވަރާކުރީމެވެ. އޭނާ ބުނީ ޙައްލަކީ ފަހަރިއަށް ހެދި ސިހުރު ބާޠިލުކުރުން ކަމަށެވެ. އެކަމަށް ވަރަށްބޮޑު އަގެއްވެސް ދައްކަން ޖެހުނެވެ. އެކަމާއިހުރެ ވަރަށް ބޮޑުއަދަދަކުން ދަރަނިވެރިވެސް ވެއްޖެއެވެ."  

އަހަރެން އޭނާއަކަށް އެއްވެސް ޖަވާބެއް ނުދެމެވެ. ނަމަވެސް ފިރިމީހާއަށް އާދޭސްކޮށްގެން އަހަރެމެންގެ ޢާއިލީގެއަށް ދިރިއުޅުން ބަދަލުކުރީމެވެ. އަދި އެއިގެ ފަހުން ދުވަހަކުވެސް އެގެއަށްވެސް ނުވަންނަމެވެ.  

އޭނާ އެބުނީ ތެދެއް ނަމަވެސް ދޮގެއް ނަމަވެސް އެއިގެފަހުން ދިލަނެގުން ހުއްޓުނެވެ. އެކަން ޔަޤީންކުރެވުމުން އެއީ ކުށަކަށްވީނަމަވެސް ފިރިމީހާއަށް އެވާހަކަ ކިޔައިދިނީމެވެ. އެއީ ފިރިމީހާގެގެއިން ނުކުންނަން ޖެހުނު ސަބަބާއި އެގެއަށް ނުވަންނަން ނިންމި ސަބަބު ދިރިމީހާއަށް ބުނެދިނުމަށްޓަކައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅުގަނޑަށް ވެވުނު އިހްމާލުގެ ވާހަކައެވެ. އެއީ އެވަރުވެގެންދިއައިރުވެސް ރުޤްޔާ ކުރުމާއިމެދު ވިސްނައިނުލެވުނުކަމެވެ. ބުނެލަން ބޭނުންވަނީ ގޮތް ނޭނގޭ ކަމެއް ކުރިމަތިވެއްޖެނަމަ އަވަހަށް ރުޤްޔާކުރުމުގެ މުހިންމުކަމެވެ. އަޅުގަނޑަށްވެސް ރުޤްޔާ ކުރެވުނުނަމަ ސަލާމަތްވެވުނީސްކަމަށް ޤަބޫލުކުރެވޭތީއެވެ.  

އަދި ސުވާލެއްކޮށްލާނަމެވެ! ލޯބިވެއްޖިއްޔާ އޮތީ ސިހުރުހެދުންހެއްޔެވެ؟ ސިހުރުހަދައިގެން އަނެކާއަށް ކިތަންމެ ބޮޑު ވޭނެއް އެޅިނަމަވެސް އަސަރުނުކުރާ މީހަކު އިންސާނަކު ދެކެ ލޯބިވާނެކަމަށް ޤަބޫލުކުރަންވެދާނެ ހެއްޔެވެ؟

 

- މަރްޔަމް ސަޢީދާ/ މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން