ﷲ ގެ ވާގިފުޅާއެކު މިއަދަކީ ޒަމާންތަކަކަށްފަހު، ދިވެހީން ދިވެހީންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ޚާއްޞަ ދަތުރަށް ރިޔާ ކޮށާލި ދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ދިވެހި ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައެވެ.
އިރާދަކުރެއްވީތީ، މިއަދަކީ ޒަމާންތަކަކަށްފަހު، ދިވެހީން ދިވެހީންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ޚާއްޞަ ދަތުރަށް ރިޔާ ކޮށާލި ދުވަސް.
މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް. މި ވަގުތަކީ ވަރަށް އުންމީދީ ވަގުތެއް. މި މައިދާނަކީ ނަޞްރާއި ކާމިޔާބީގެ މައިދާނެއް.
އިރާދަކުރެއްވީތީ، މިއަދަކީ ޒަމާންތަކަކަށްފަހު، ދިވެހީން ދިވެހީންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ޚާއްޞަ ދަތުރަށް ރިޔާ ކޮށާލި ދުވަސް. މި ވަގުތަކީ ދިވެހީންގެ އުންމީދުތައް ހާސިލުކޮށްދީ، ކަންބޮޑުވުންތައް ހައްލުކޮށްދިނުމުގެ ލޮބުވެތި ވިންދުތައް އަޅުގަނޑުމެންގެ ހިތްތަކުން ޖަހަމުންދާ ވަގުތު. މި މައިދާނަކީތޯ؟ މިއީ، ޝަހީދު ޙުސައިން އާދަމާއި ދިވެހި ޤައުމު ދެކެ ލޯބިވި، އެނޫން އެފަދަ އެތައް ބަޠަލުންނެއް، އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިރާއްޖެއާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި، ފުރާނައިން ޤުރުބާންވި ބަރަކާތްތެރި ފަސްގަނޑާ ގުޅިފައިވާ، ޝަރަފުވެރި މައިދާން!
ލޮބުވެތި ދިވެހި ރައްޔިތުން؛
ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެ ބައެއްގެ އާރާއި ބާރާއި، ޤަދަރާއި އިޙްތިރާމު ނެގެހެއްޓުމަށްޓަކައި މައިގަނޑު ދެ ބާވަތެއްގެ ބިނާކުރުމެއް ބިނާކުރޭ. އެއީ، ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން. ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ، ގެދޮރާއި، ދިފާޢީ ބުރުޒުތަކާއި، މަގުތަކާއި، ފާލަންތަކާއި، އޮފީސްތައް ބިނާކުރުމާއި، ހެޔޮވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ، އަޚްލާޤު ރަނގަޅު މުޖުތަމަޢެއް ބިނާކުރުން.
އެހެންކަމުން، އެއީ ޤައުމުގެ ފަސްގަނޑު ބިނާކުރުމާއި، ޤައުމުގެ ސިކުނޑިތައް ބިނާކުރުން. މި ފެށުނު ރިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ، މި ދެ ބާވަތުގެ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުން. ޢިލްމާއި ހުނަރު. އަޚްލާޤާއި ދީން. އުޅުންތެރިކަމާއި މަސައްކަތްތެރިކަން. މިކަންކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުން. ހަމައެހެންމެ، ރާއްޖޭގެ ބިނާވެށްޓަށް އާދަޔާ ޚިލާފު އިންޤިލާބީ މުއްސަނދިކަމެއް ގެނައުން. އަޅުގަނޑު އެކުލަވައިލާ ސަރުކާރު ކުރިއަށްދާނީ، އިރާދަކުރެއްވިއްޔާ މި ދެ އަސާސުގެ މަތީގައި.
މީގެއިތުރަށް، އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވަނީ، ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން. ވަކިން ޚާއްޞަކޮށް، ޢަދުލު އިންޞާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން. މީގެ މާނައަކީ، ފަހަރެއްގައިވެސް ދިވެހިރައްޔިތުންނާއި ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމުން، އެފަދަ ކުށްތައް ކުރާ މީހުންނާ މެދު ސަރުކާރުން ލޯ މަރާލުމެއް ނޫން. އެއާ ޚިލާފަށް، މީގެ މާނައަކީ ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން. އެކަން މި ނިންމީ.
- ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން