ވެރިކަމާ މިޙަވާލްވީ ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ދަރަންޏާއެކު- އަރައިގަންނަން ހަރުދަނާ، ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅާނަން!: ރައީސް ޑރ. މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ވެރިކަމާ މިޙަވާލްވީ ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ދަރަންޏާއެކު- އަރައިގަންނަން ހަރުދަނާ، ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅާނަން!: ރައީސް ޑރ. މުޢިއްޒު

ވެރިކަމާ މިޙަވާލްވެވަޑައިގަތީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައިވެސް ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ދަރަންޏާއެކުގައި ކަމަށާއި މިބޮޑު ދަރަނިން އަރައިގަތުމަށްޓަކައި އިރާދަކުރެއްވިއްޔާ، ނިކަން ހަރުދަނާ، ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ދިވެހި ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައެވެ.  

ދިވެހި ޤައުމުގެ ލޮބުވެތި ދަރީންނޭ؛ 

ވަރަށް އިތުބާރާއެކު ތިޔަބޭފުޅުންގެ ކުރިފުޅުމަތީ އަޅުގަނޑު ހުއްޓި މިހުރީ، ނިކަން ޚުޠޫރަތްތެރި ވަޅުގަނޑެއްގެ ތުންފަތްމަތީގައި. އެއީ، ތިޔަބޭފުޅުންގެ އުންމީދުތަކާއި އަޅުގަނޑު އެކުލަވައިލާ ސަރުކާރުގެ ވާޖިބުތައް އަދާކުރުމާ، މި ދެމެދުގައި އޮތް ވަޅުގަނޑެއް. މި ދަންނަވާ ވަޅުގަނޑަކީ، ދިވެހިރާއްޖޭގެ އިޤުތިޞާދު މިއަދު ވެއްޓިފައި މި އޮތް ފުން އަނދަވަޅު. މިއަދު އަޅުގަނޑުމެން ދިވެހި ދައުލަތާ ހަވާލުވާއިރު، ދިވެހި ދައުލަތުގެ ދަރަނި ވަނީ އެކުޖުމުލަ

119 ބިލިއަން ރުފިޔާއަށް އަރާފައި.  

މިއީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައިވެސް ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ދަރަނި. އެހެން ނަމަވެސް، މިކަންކަމުން އަރައިގަތުމަށްޓަކައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ނިކަން ހަރުދަނާ، ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅާނަން.

ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުން؛ 

ރާއްޖޭގެ އިޤުތިޞާދު މިވަނީ، ކުއްލި އަވަސް ފަރުވާޔަށް ބޭނުންވެފައި. ރާއްޖެއަށް އާމްދަނީ ލިބޭނެ އަވަސް މަގުތައް ހޯދުން ކޮންމެހެން ލާޒިމުވެފައި. އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢު ނިންމައި، ޒަމާނީ އާ ޓަރމިނަލް ވަރަށް އަވަހަށް ހުޅުވާނަން. އޭގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށް ބޮޑު ތިޔާގިކަމެއް އަންނާނެ. މިހާރު ރާއްޖެ އަންނަ ފަތުރުވެރީންގެ އެތައް ގުނައެއް އިތުރަށް، ފަތުރުވެރީން ރާއްޖެ އަންނާނެ. މީގެ އިތުރަށް، ޚަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދުކުރާނަން.

ލޮބުވެތި ދިވެހި ރައްޔިތުން؛

ރާއްޖޭގެ އިޤުތިޞާދުގެ އެންމެ އުސް އެއް ތަނބަކީ ފަތުރުވެރިކަން. ދިވެހި ބިމުގެ ރަންފަރުބަދަތަކަކީ، ޖަވާހިރުތަކަކީ ރީތި ހިމުން ދޮންވެލީގެ ތުނޑިތައް. ހިތްގައިމު މޫދުތައް. އަޅުގަނޑުމެންގެ ފަތުރުވެރިކަން ބިނާވެފައި ވަނީ، މި ވަސީލަތްތަކުގެ މައްޗަށް. ފަރުދީ ފެންވަރުގައްޔާއި، އާއިލީ ފެންވަރުގައްޔާއި އަދި ޤައުމީ ފެންވަރުގައި ފަތުރުވެރިކަމުގެ ނަފާ، ދިވެހި ޤައުމަށް ލިބެނީ ވަރަށްވެސް ތަނަވަސް ގޮތެއްގައި. އެހެންކަމުން، އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދޭނަން. އެ ދާއިރާގެ މަސައްކަތްތައް އިތުރަށް ފުޅާކުރާނަން. ފަތުރުވެރިކަމާ ގުޅުންހުރި ޒަމާނީ އާ ގޮތްތައް ތަޢާރުފުކުރާނަން. ހަމަ އެހެންމެ،

އެ ދާއިރާގައި މަސައްކަތްކުރާ ޚިދުމަތްތެރީންނަށްޓަކައި ގެދޮރުވެރިކަން ފަދަ، ދިރިއުޅުމުގެ ލުއިފަސޭހަތައް ފަހިކޮށްދޭނަން. 

- ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން

 

މިއަދު އޮންލައިން